ސްޕެއިންގެ ގައުމީ އެއާލައިން އައިބީރިއާއިން މި އަހަރުގެ ހޫނު މޫސުމުގައި ރާއްޖެއަށް ދަތުރު ފަށާނެ ކަމަށް ބުނެފި އެވެ.

އައިބީރިއާ އެއާލައިނުން ބުނީ ރާއްޖެއަށް ދަތުރު ފަށާނީ މި އަހަރުގެ ޖުލައި މަހު އެވެ. މި ދަތުރުތައް އޮގަސްޓް މަހާ ހަމައަށް ކުރިއަށް ގެންދާނެ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.

އެ އެއާލައިން ރާއްޖެއަށް ކުރާ ދަތުރުތަކުގައި ހަފުތާއަކު ދެ ފްލައިޓް ރާއްޖެއަށް ބާއްވާނެ އެވެ.

އައިބީރިއާ އެއާލައިންގެ އެގްޒެކެޓިވް ޗެއާމަން ހާވިއާ ސެންޗެއިޒް ޕަރީތޯ ވިދާޅުވީ ހޫނު މޫސުމުގައި މި ދަތުރުތައް ރާއްޖެއަށް ފެށުމާއެކު އެ ގައުމުގެ މާކެޓު ހުޅުވި ދަތުރު ކުރާ ޓޫރިސްޓުން އިތުރުވާނެ ކަމަށް ގަބޫލުކުރާ ކަމަށެވެ. ރާއްޖޭގެ ބޯޑަރު ހުޅުވިފަހުން އެންމެ ގިނައިން ޓޫރިސްޓުން އަންނަ ގައުމުތަކުގެ ތެރޭގައި ސްޕެއިން ހިމެނެ އެވެ.

ޓޫރިޒަމް މިނިސްޓްރީއިން އާންމުކުރާ ތަފާސްހިސާބުތައް ދައްކާ ގޮތުގައި މިހާރު ރާއްޖެއަށް 29 އެއާލައިނަކުން ދަނީ ދަތުރު ކުރަމުންނެވެ. އޭގެ ތެރޭގައި ދުނިޔޭގެ ބޮޑެތި ގިނަ އެއާލައިން ތަކެއް ވެސް ހިމެނެ އެވެ.