ރަމަޟާން މަހާއި ދިމާކޮށް ކޮންމެ އަހަރަކު ބާޒާރުމަތީގައި ކާބޯތަކެތީގެ އަގު އުފުލިގެންދެ އެވެ. ދިވެހި އުފެއްދުންތަކާއި ރާއްޖެއަށް ބޭރު ގައުމުތަކުން އެތެރެކުރާ ތަކެތީގެ އަގު ވެސް އިންތިހާއަށް ފާއިތުވެދިޔަ ރަމަޟާން މަހުގައި ވަނީ އުފުލިފައިވެ އެވެ. ނަމަވެސް މިއަހަރު ރަމަޝާން މަސް ފެށިގެން ހަފްތާއެއް ވެގެން ދިޔައިރު އެހެން ރަމަޟާން މަހުގައި އަގު އާންމު ގޮތެއްގައި އަގު އަތްނުފޯރާ ފަށަށް އުފުލިގެންދާ ކަރާ އާއި ކަނޑޫދޫ މިރުހުގެ އަގު މިވަނީ ހީނުކުރާ ވަރަށް ތިރިވެގެން ގޮސްފަ އެވެ. މިފަހަރު ކަނޑޫދޫ މިރުހުގެ އަގު އެހެން އަހަރުގެ ރަމަޟާން މަހުގައި 2،000 ރުފިޔާއަށް ކިލޯއެއް ވިއްކިއިރު، މި އަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ ހަފްތާގައި ކިލޯއް ހުރީ 300 ރުފިޔާ އާއި 270 ރުފިޔާ ދެމެދު ގަ އެވެ.

ވިޔަފާރިވެރިން ބުނާ ގޮތުގައި ކަނޑޫދޫ މިރުހުގެ އަގު ދަށްވެގެން އުޅެނީ ބާޒާރަށް ކަނޑޫދޫ މިރުސް ލިބޭ މިންވަރު އިތުރު ވެގެން ކަމަށެވެ. އަދި މީގެ އިތުރުން ލ އަތޮޅުގައި ވެސް ކަނޑޫދޫ މިރުގެ މުޑުވަކެއް ހައްދައިގެން ބާޒާރަށް ނެރެމުން އަންނާތީ އެ މިރުހުގެ އަގު ވަނީ ވެއްޓިފައި ކަމަށް ވެސް ވިޔަފާރިވެރިން ބުނެ އެވެ. މިކަމުގެ ސަބަބުން ރަމަޟާން މަސް ނިމެންދެން ވެސް މިރުހުގެ އަގު ހުންނާނީ އެއްވަރެއްގައި ހިފެހެއްޓިފައި ކަމަށް ވިޔަފާރިވެރިން ބުނެ އެވެ.

ރާއްޖެގެ ގިނަ ރަށްތަކެއްގައި ކަރާ ހައްދައި މާލޭގެ ބާޒާރަށް ނެރެމުން އަންނާތީ ކަރަލުގެ އަގު ވެސް އެހެން އަހަރުތަކާ ހިލާފަށް ވަނީ ދަށްވެގެން ގޮސްފަ އެވެ.

ތޮއްޑޫގެ އިތުރުން ކަނޑޫދޫއާއި، ށ. ނަރުދޫއާއި ލ. އަތޮޅުގެ ރަށްރަށުން ވެސް މި ރޯދަމަހު ބާޒާރަށް ގިނަ އަދަދަކަށް ކަރާ ވަނީ ގެނެސްފަ އެވެ. ބާޒާރުގައި ކަރާ ކިލޯއެއް މިހާރު ލިބެންހުރީ 18 ރުފިޔާއާއި 20 ރުފިޔާއާއި ދެމެދުގެ އަގެއްގަ އެވެ.

ރާއްޖޭގެ ގިނަ ރަށްރަށުގައި މިހާރު ދަނޑުވެރިކަން އަންނަނީ ކުރަމުންނެވެ. މީގެ ސަބަބުން ގިނަ ރަށްރަށުން ތަކެތި އައުމުގެ ސަބަބުން މި ރަމާޟާންމަހު ތަކެތީގެ އަގު އެއްވަރެއްގައި ހިފެހެއްޓޭނެ ކަމަށް ބެލެވެ އެވެ.