ދައުލަތުން ބަދަލުގެ ގޮތުގައި އެކި ފަރާތްތަކަށް ދައްކަން ޖެހުނު އަދަދު، މި އަހަރުގެ ބަޖެޓުގައި އަންދާޒާކުރި އަދަދަށް ވުރެ އިތުރުވެ، އެ ކަމަށް ހޭދަކުރި ވަރު 189 މިލިއަން ރުފިޔާ އަށް އަރައިފި އެވެ.

ސަރުކާރުން ބަދަލު ދިނުމަށް ހޭދަވާނެ ކަމަށް ލަފާކޮށް ބަޖެޓުގައި ޖަހާފައިވަނީ 100 މިލިއަން ރުފިޔާ އެވެ.

ފިނޭންސް މިނިސްޓްރީން ހާމަކޮށްފައިވާ އެންމެ ފަހުގެ ހަރަދުތަކުގެ ތަފްސީލުގައިވާ ގޮތުން މިދިޔަ އަހަރު ދައުލަތުން އެކި ފަރާތްތަކަށް ދޭން ޖެހޭ ބަދަލުތަކުގެ ގޮތުގައި 77 މިލިއަން ހޭދަކޮށްފައިވެ އެވެ.

ކޯލިޝަން ސަރުކާރު ވެރިކަމަށް އަހުމަށްފަހު ކުންފުނިތަކަށް ބަދަލުތަކުގެ ގިނަ އަދަދެއްގެ ފައިސާ ވަނީ ދީފަ އެވެ. މިގޮތަށް ބަދަލު ދިނުމުގައި ދައުލަތުން ބޭއިންސާފުން އަމަލު ކޮށްގެން ލިބޭ ގެއްލުމަކަށް އެކަށީގެން ނުވާ އަދަދުތަކުން ފައިސާ ހޭދަކުރަމުން ދާތީ ގިނަ ބަޔަކު ދަނީ އެކަމަށް ފާޑުކިޔަމުންނެވެ. ހާއްސަކޮށް މި ވެރިކަމުގެ ފުރަތަމަ އަހަރު ބަދަލުގެ ގޮތުގައި އެއް ބިލިއަން ރުފިޔާ އެކި ފަރާތްތަކަށް ދީފައިވުމުން އިދިކޮޅުން ވަރަށް ބޮޑަށްް ފާޑުކިޔާފައިވެ އެވެ.

އިދިކޮޅުން އެކަމާ ނިސްބަތްކޮށް ބުނަމުން ދަނީ ސަރުކާރުން ދަނީ ބަދަލުގެ ގޮތުގައި ގާތްތިމާގެ މީހުންގެ ކުންފުނިތަކަށް ފައިސާ ދެމުން ކަމަށެވެ.

މި ސަރުކާރުގެ ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ލީޑަރުގެ މަސްލަހަތު ހިމެނޭ ވިލާ ކުންފުނިން ވެސް ވަނީ ގެއްލުމުގެ ބަދަލުގެ ގޮތުގައި އެއް ބިލިއަން ހޯދަން ހުށަހަޅައިފަ އެވެ.

ވިލާ ކުންފުނިން ހުށަހެޅި މައްސަލަ ސިވިލް ކޯޓުންނާއި ހައި ކޯޓުން ނިންމީ ވިލާ ކުންފުުންޏާ އެއްކޮޅަށެވެ. ނަމަވެސް ދައުލަތުން ވަނީ ހައި ކޯޓުގެ ހުކުމް ސުޕްރީމް ކޯޓުގައި އިސްތުއުނާފުކޮށްފަ އެވެ. މިހާރު އެ މައްސަލައިގެ ހުރިހާ އަޑުއެހުމެއް ނިމިފައިވާއިރު ދެން އޮންނާނީ ހުކުމް އިއްވުމުގެ މަޖިލީހެވެ.

ޓްރާންސްޕޯޓް މިނިސްޓްރީއާ ދެކޮޅަށް ވިލާއިން ދައުވާކުރީ ކާޑެއްދޫ އެއާޕޯޓް ހިންގުމުގެ އެއްބަސްވުން ކުރީގެ ސަރުކާރުން އުވާލުމާ ގުޅިގެންނެވެ.