އެއް އަހަރުގެ ތެރޭގައި 3.8 ބިލިއަން ރުފިޔާ އޯވާޑްރޯ ނުވަތަ އިތުރަށް ޗާޕްކުރެވިއްޖެ ކަމަށާއި އަންނަ އަހަރު އެގޮތަށް ފައިސާ އޯވާޑްރޯ ކުރަން ނުވިސްނަވާ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ. އިތުރަށް 3.8 ބިލިއަން ރުފިޔާ ޗާޕުކުރީ ކޮވިޑް-19އިގެ ސަބަބުން ދިމާވި އިގްތިސޯދީ ކާރިސާއިން އަރައިގަތުމުގެ ބޭނުމުގަ އެވެ،

މަރުކަޒީ ބޭންކް އެމްއެމްއޭގެ ޕަބްލިކް އެކައުންޓް އޯވަޑްރޯ ކުރުމަށް ދީފައިވާ މުއްދަތު އިތުރު އެއް އަހަރަށް އެކްސްޓެންޑް ކުރުމަށް ފިނޭންސް މިނިސްޓްރީން އެދުމާ ގުޅިގެން މަޖިލީހުގެ ހާއްސަ ކޮމިޓީގައި ވާހަކަދައްކަވަމުން މިއަދު އަމީރު ވިދާޅުވީ، އޯވާޑްރޯ އެއް އަހަރަށް އިތުރު ކުރި ނަމަވެސް 4.4 ބިލިއަން ރުފިޔާ އަށް ވުރެ އިތުރަށް ފައިސާ ނުނެގޭނެ ކަމަށެވެ.

މިވަގުތު 3.8 ބިލިއަން ރުފިޔާ އޯވާޑްރޯ ކުރި ނަމަވެސް ކޮންމެ ދުވަހަކު ވެސް ޕަބްލިކް އެކައުންޓަށް ފައިސާ ވަންނަ ވަރަކުން އެ އަދަދު އަންނާނީ ސެޓްލްވެ ބަދަލުވަމުން ކަމަށް އަމީރު ވިދާޅުވި އެވެ.

"އޯވާޑްރޯ ކުރާ ވަރު ކޮންމެ ދުވަަހަކު ވެސްސެޓްލްވާނެ. މިއަދަށް ސެޓްލް ނުވެ މިހާރު އެބަހުރި ގާތްގަނޑަކަށް 3.8 ބިލިއަން ރުފިޔާ އެބަހުރި،" އަމީރު ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުން މިއަދު އެކުލަވައިލި ހާއްސަ ކޮމިޓީގައި ވާހަކަ ދައްކަވަމުން އަމީރު ވިދާޅުވީ، މިހާރު ހާލަތު އޮތްގޮތުން ޕަބްލިކް އެކައުންޓުން އޯވަޑްރޯ ނުކޮށް ދައުލަތުގެ ހަރަދުތައް މެނޭޖްކުރެވެން ނެތް ކަމަށެވެ.

ކޮމިޓީއަށް ވަޑައިގެން ހުންނެވި ފިނޭންސް މިނިސްޓްރީގެ ޗީފް ފައިނޭންޝަލް ބަޖެޓް އެގްޒެކެޓިވް އަހުމަދު ސަރުވަޝް ވިދާޅުވީ އޯވާޑްރޯ ކުރާ ވަރު އެއްފަހަރާ ސެޓުލް ކުރެވެން ނެތީ އެކަން އެގޮތަށް ކޮށްފި ނަމަ ސަރުކާރުގެ އެހެން ހަރަދުތައް މެނޭޖްކުރަން އުދަގޫވާނެތީ ކަމަށެވެ.

ޖީއެސްޓީ ފައިސާ އަންނަ ހަފްތާގައި ދައުލަތަށް އަނެއްކާވެސް ލިބުމުންމިހާރު އިން 3.8 ބިލިއަން ރުފިޔާގެ ބެލެންސް ވަރަށް ބޮޑަށް ތިރިވާނެ ކަމަށް ސަރުވަޝް ވިދާޅުވި އެވެ. ހަަމަ އެއާއެކު ޝަރުވަޝް އިތުރަށް ވިދާޅުވީ އަންނަ ހަފްތާގައި ޖީއެސްޓީ ފައިސާ ލިބެންދެން އަމިއްލަ ފަރާތްތަކަށް ދައްކަން ޖެހޭ އަދަދު ނުދައްކާ ހުރުމުން އެ ފަރާތްތަކަށް އިތުރު އުނދަގޫތަކާ ކުރިމަތިވާނެ ކަމަށެވެ.

އަންނަ އަހަރު އޯވާ ޑްރޯޯ ކުރުމުގެ ވިސްނުމުއް ނެތްކަމަށް އަމީރު ވިދާޅުވީ، ކުރިން އޮތް ހަލާތަށްވުރެ މިހާރު އިގްތިސޯދު ރަނގަޅުވުމުންނެވެ. އަދި އުންމީދަކީ މި އަހަރު ނިމޭ އިރު އޯވަޑްރޯ ސުމެއްގައި ހުރުން ކަމަށާއި، އޭގެ މާނައަކީ އޯވަޑްރޯ ކުރި ވަރު އަނބުރާ ދައްކާ ސެޓްލް ކުރެވިފައި ހުރުން ކަމަށް އަމީރު ވިދާޅުވި އެވެ.

މަޖިލީހުގެ މެމްބަރަކު އޯވާޑްރޯ ފެސިލިޓީ ފަހުން ބޮންޑަކަށް ބަދަލުވެދާނެތޯ މެންބަރަކު އެއްސެވުމުން އަމީރު ވިދާޅުވީ، ނޯމަލް ހާލަތަށް ދާ އިރު އޯވާޑްރޯ އަށް ފައިސާ ނުދެއްކި ސެކިއުރިޓައިޒް ނުވަތަ ބޮންޑަކަށް ބަދަލު ކުރަން ޕަބްލިކް އެކައުންޓުގައި ފައިސާ ހުންނާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. ސަބަބަކީ ކޮންމެ ދުވަހަކު ވެސް ދައުލަތަށް ވަންނަ ފައިސާ އިން ޕަބްލިކް އެކައުންޓް ސެޓުލްވުން ކަމަށެވެ.

ކޮމިޓީގައި ވާހަކަ ދެއްކި ސަރުވަޝް އިތުރަށް ވިދާޅުވީ، މި އަހަރު އޯވާޑްރޯ ފެސިލިޓީގެ މުއްދަތު އިތުރު ކުރަން ބޭނުންވަނީ ކޮވިޑްގެ ހާލަތުން މުޅިން އަރައި ނުގަނެވޭތީ ކަމަށެވެ. އަދި އަންނަ އަހަރު އޯވްޑްރޯ ކުރުމުގެ ވިސްނުމެއް ނެތްކަމަށް ވެސް ސަރުވަޝް ވިދާޅުވި އެވެ.