ސ. މަރަދޫގައި މަސް މާރުކޭޓެއް އަޅާނެ ފަރާތެއް ހޯދުމަށް އައްޑޫ ސިޓީ ކައުންސިލުން އިއުލާންކޮށްފި އެވެ.

މަސް މާރުކޭޓެއް އަޅާނެ ފަރާތެއް ހޯދުމަށް އިއުލާން ކޮށްފައިވަނީ، ޕްލޭނިންގް މިނިސްޓްރީގެ އިމާރާތް ކުރުމާއި ބެހޭ ގަވާއިދުގެ ދަށުން ރެޖިސްޓާ ކޮށްފައިވާ ފަރާތްތަކަށެވެ.

މިއަންނަ ހަފްތާގެ ހޯމަ ދުވަހުން ފެށިގެން މަސް މާރުކޭޓު އެޅުމާއި ގުޅޭ ބީލަން ފޮތް ކައުންސިލް އިދާރާއިން ލިބެން ހުންނާނެ އެވެ. ބީލަމުގައި ބައިވެރިވުމަށް ރެޖިސްޓްރޭޝަން ފީއެއްގެ ގޮތުގައި 300ރ. ދައްކަން ޖެހެ އެވެ.

ބީލަމާއި ގުޅޭ މައުލޫމާތު ސެޝަން މިއަންނަ މެއި މަހު 2 ވަނަ ދުވަހު 10 ޖަހާއިރު އައްޑޫސިޓީ ކައުންސިލް އިދާރާގައި ބާއްވާނެ އެވެ. ބީލަމަށް ކުރިމަތިލާ ފަރާތްތަކުން ބިޑް ސެކިއުރެޓީގެ ގޮތުގައި 1500 ރުފިޔާ ވެސް ދޭން ޖެހެއެވެ. ބީލަން ހުށަހެޅުން އޮންނާނީ 6 މެއި ވާ ބުރާސްފަތި ދުވަހު 11:00 ޖަހާއިރު އެވެ.

އައްޑޫގެ އަވަށްތަކުގެ ތެރެއިން، މަރަދޫ އަކީ އައްޑޫގެ އެންމެ ގިނަ މަސްވެރިން ދިރިއުޅޭ އެއް އަވަށެވެ.