ކަޒަކިސްތާނުގައި ރާއްޖެ އިޝްތިހާރުކުރުމުގެ ހާއްސަ ކެމްޕޭންނެއް މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް (އެމްއެމްޕީއާރްސީ) އިން ފަށައިފި އެވެ.

އެމްއެމްޕީއާރުސީން ބުނީ މިކެމްޕެއިން ކަޒަކިސްތާނުގައި ކުރިއަށް ގެންދަނީ އެ ގައުމުގެ ގައުމީ އެއާލައިން، އެއާ އަސްތާނާއާ ގުޅިގެން ކަމަށެވެ. އަދި މިފަދަ ކެމްޕެއިންގެ މަގުސަދަކީ ރާއްޖެއަކީ ރައްކާތެރި މަންޒިލެއްގެ ގޮތުގައި ކަޒަކިސްތާންގައި އިޝްތިހާރުކޮށް އެޤައުމުން ރާއްޖެއަށް އަންނަ ފަތުރުވެރިން އިތުރުކުރުންކަމަށްވެސް އެމްއެމްޕީއާރުސީން ބުންޏެވެ.

މި ކެމްޕެއިންގެ ފުރަތަމަ ހަރަކާތެއްގެ ގޮތުން މިމަހު 21 ވަނަ ދުވަހު ދިވެހި ރާއްޖެއަށް ކަޒަކްސްތާންގެ ޓްރެވެލް އެޖެންޓުން ވަނީ ޒިޔާރަތްކޮށްފަ އެވެ. އަދި ޓްރެވަލް އޭޖެންޓުންގެ ދެވަނަ ޓީމެއް މި މަހުގެ 26 ވަނަ ދުވަހު ދިވެހިރާއްޖެއަށް އައުމަށްވަނީ ހަމަޖެހިފަ އެވެ. މި ކެމްޕެއިންގެ ތެރެއިން ފެމިލިއަރައިޒޭޝަން ޓްރިޕްތަކާއި ޓްރެވަލް އޭޖެންސީތަކަށް ހާއްސަކޮށް ވެބިނާތައް ބޭއްވުމަށް ހަމަޖެހިފައިވެ އެވެ.

އެއާ އާސްތާނާގެ ދަތުރުތައް ރާއްޖެއަށް ފަށާފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގަ އެވެ.

ކަޒަކިސްތާނުން ސީދާ ފްލައިޓުތައް ރާއްޖެއަށް ދަތުރުކުރަން ފެށުމާ ގުޅިގެން ކަޒަކިސްތާން މާކެޓް ވެގެންދިޔައީ ރާއްޖޭގެ ފަތުރުވެރިކަމަށް ފަސް ވަނަ އެންމެ ބޮޑު ސޯސް މާކެޓަށެވެ.

ޓޫރިޒަމްގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި މި މަހު 14 ވަނަ ދުވަހުގެ ނިޔަލަށް ކަޒަކިސްތާނުން ރާއްޖެއަށް 14567 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފަ އެވެ.