ރާއްޖޭގެ އެންމެ އުތުރުން، ޒޯން 1 ގައި ފެރީ ނިޒާމުގެ ޚިދުމަތް ފެށުމަށް ބޭނުންވާ ފެރީ ކޮންޑަކްޓަރުންނާއި ސްޕީޑް ބޯޓް ކެޕްޓަނުންގެ ގޮތުގައި މަސައްކަތް ކުރާނެ ދިވެހި މުވައްޒަފުން ހޯދުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ، (އެމްޓީސީސީ) ން އިޢުލާންކޮށްފި އެވެ.

އެމްޓީސީސީން ނެރުނު އިއުލާނެއްގައި ވަނީ އެ ކުންފުނީގެ ޓްރާންސްޕޯޓް ސާވިސަސް ޑިވިޝަނަށް 36 ފެރީ ކޮންޑަކްޓަރުންނާއި، 34 ސްޕީޑް ބޯޓް ކެޕްޓަނުން ބޭނުންވާ ކަމަށެވެ.

އެމްޓީސީސީން ބުނީ އެ ދެ މަގާމާށް ވެސް ކުރިމަތިލާން ހުޅުވާލާފައިވަނީ އުމުރުން 18 އަހަރާއި 35 އަހަރާ ދެމެދުގެ ދިވެހިންނަށް އެކަނި ކަމަށެވެ.

އެ މަގާމުގެ ޝަރުތުތަކުގެ ގޮތުގައި ކަނޑައަޅާފައި ވަނީ ސާނަވީ ތައުލީމު ހާސިލްކޮށްފައިވުމާއި، ކަސްޓަމަރުންނަށް އިހުތިރާމާއެކު މުއާމަލާތް ކުރުމުގެ ހުނަރު ލިބިފައިވުމާއި، ޝިފްޓް ޑިއުޓީގައި މަސައްކަތްކުރެވޭނެ ފަރާތެއް ކަމަށްވުމެވެ. އަދި ސްޕީޑް ބޯޓް ކެޕްޓަނުންނަށް ވުމަށް ކުރިމަތިލާ ފަރާތަކީ ދޯނި ދުއްވުމުގެ ލައިސަންސް އޮތުމާއެކު ލޯންޗް ދުއްވުމުގެ ތަޖުރިބާ ހުރި ފަރާތެއް ކަމަށް ވެސް ވާންޖެހޭނެ ކަމަށް އެމްޓީސީސީން ނެރުނު އިއުލާނުގައި ބުނެފައިވެ އެވެ.

އެ އިއުލާންގައިވާ ގޮތުން އެމްޓީސީސީގެ އޮންލައިން ޖޮބް އެޕްލިކޭޝަން ޕޯޓަލް މެދުވެރިކޮށް މެއި 31 ވަނަ ދުވަހުގެ 3:00ގެ ކުރިން އެޕްލިކޭޝަން ހުށަހަޅަންވާނެ އެވެ.

ސްޕީޑް ބޯޓް ކެޕްޓަނުންނާއި، ފެރީ ކޮންޑަކްޓަރުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް މުސާރައާއި އިނާޔަތްތަކުގެ ގޮތުގައި މަހަކު 10،000 ރުފިޔާ އާއި، އިތުރުގަޑީގެ އެލަވެންސްއާއި، ސްޓާފް މެޑިކަލް އިންޝުއަރެންސް ދިނުމަށް އެ ކުންފުނިން ވަނީ ނިންމާފަ އެވެ.

"އިންޓަގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވާކް" މަޝްރޫޢުގެ ދަށުން ރާއްޖޭގެ އެންމެ އުތުރުން، ހއ. ހދ އަދި ށ އަތޮޅަށް ފެރީގެ ޚިދުމަތްދޭން ފެށުމަށް އެމް.ޓީ.ސީ.ސީން މިހާރު އަންނަނީ ތައްޔާރުވަމުންނެވެ.

ރާއްޖޭގެ އެންމެ އުތުރުން ޒޯން 1 ގައި ފެރީ ނިޒާމުގެ ޚިދުމަތް ފަށަން، ބޭނުންވާ ފެރީތައް ބަނުމުގެ މަސައްކަތް ވެސް ޔޫއޭއީގެ ގަލްފް ކްރާފްޓާ ހަވާލުކޮށްގެން އެމްޓީސީސީން މިހާރު އަންނަނީ ކުރަމުންނެވެ.