ދެކުނުގެ މަސްވެރިކަން އާދަޔާ ހިލާފަށް ރަނގަޅުވެ، ކޫއްޑޫގެ ކެޕޭސިޓީ ފުރެމުންދާތީ، މިފްކޯ އިން މަސް ގަތުން ކޮންޓްރޯލް ކޮށްފި އެވެ.

މިފްކޯއިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ މިދުވަސްވަރު ދެކުނުގެ މަސްވެރިކަން އާދަޔާ ޚިލާފަށް ރަގަޅުވެ، ރާއްޖޭގެ ހުރިހާ ހިސާބެއްގެ ދޯނިފަހަރު އެއްފަހަރާ ދެކުނުގެ ސެންޓަރުތަކާއި ބޯޓުފަހަރަށް މަސްކިރުވުމަށް އަންނާތީ، މިފްކޯގެ ފްރީޒިން ކެޕޭސިޓީއަށް ވުރެ އިތުރަށް މަސް ލިބެމުން ދިއުމާއެކު މަސްކިރުވުމަށް ދަތިތަކެއް ދިމާވެފައިވާ ކަމަށެވެ. މިކަން ހައްލު ކުރުމަށްޓަކައި ވަގުތު ބޭނުންވާ ކަމަށާއި 25 އޭޕްރީލް އިން 28 އޭޕްރީލްގެ ނިޔަލަށް ދޯންޏަކުން ހަތަރު ޓަނުގެ މަސްކިރާ ގޮތަށް ހަމަޖައްސާފައިވާ ކަމަށް މިފްކޯއިން ބުންޏެވެ.

ނަމަވެސް ކޫއްޑޫ އާއި އައްޑޫގައި މިހާރު ކިޔު ނަންބަރު ދެވިފައި ހުރި ދޯނި ފަހަރުގައި ހުރި މަސް ކޮންޓްރޯލް ކުރުމެއްނެތި ގަންނަ ގޮތަށް ހަމަޖެހިފައިވާ ކަމަށްވެސް އެކުންފުނިން ބުންޏެވެ.

މިފްކޯއިން ބުނީ މަސްވެރިންގެ ކަންބޮޑުވުންތައް ބަލައިގަންނަ ކަމަށާއި ކުންފުނިން ދޭ ހިދުމަތަކީ މަސްވެރިންނަށް ފަސޭހަ ހިދުމަތަކަށް ހެދުމަށް މިފްކޯ އިން އަބަދުވެސް މަސައްކަތްކުރާ ކަމަށެވެ.

ގިނަ ދުވަސްތަކެއް ވަންދެން މަސްވެރިކަން ދަށްވެފައި އޮތުމަށްފަހު މަސްވެރިކަން ރަނގަޅުވުމާއިއެކު މަސް ގަންނަ މިންވަރު މިފްކޯ އިން ކޮންޓްރޯލް ކުރުމުން ވަރަށް ގިނަ މަސްވެރިން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.