އިންޑިއާއިން ރާއްޖެ އަަންނަ ޓޫރިސްޓުން ގެސްޓުހައުސްތަކުގައި މަޑުކުރުން ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން މަނާކޮށްފި އެވެ.

މިއީ އިންޑިއާގައި ކޮވިޑް-19 ގެ ބަލި ކޮންޓްރޯލް ނުވެ ފެތުރެމުންދާއިރު ވެސް އިންޑިއާއިން ޓޫރިސްޓުން އައުން މަނާނުކުރާތީ އާންމުގެ ކޮންބޮނޑުވުން ފާޅުކުރަން ފެށުމުން އެޅި ފިޔަވަޅެކެވެ.

އިންޑިއާގައި ބަލި ފެތުރެމުންދާ ވަގުތެއްގައި އެ ގައުމުގެ ޓޫރިސްޓުން ޕީސީއާރު ޓެސްޓެއް ނެތި ރާއްޖެ އެތެރެވެވޭ ގޮތަށް އެޗްޕީއޭއިން ވަނީ މީގެ ކުރިން ހުއްދަދީފަ އެވެ. މިއަދު އެޗްޕީއޭއިން ބުނީ އިންޑިއާގައި 24 ގަޑިއިރަށް ވުރެ ގިނައިރު ޓްރާންސިޓް ވެފައި އަންނަ ޓޫރިސްޓުން ހިމެނޭ ގޮތަށް ރާއްޖޭގެ ހުރިހާ ގެސްޓްހައުސްތަކާއި ސިޓީ ހޮޓާތަކަށް އިންޑިއާ ޓޫރިސްޓުން އައުން މަނާ ކޮށްފައިވެ އެވެ.

ނަމަވެސް މިހާރު ގެސްޓުހައުސްތަކުގައި ތިބި ޓޫރިސްޓުންނަށް ތިބޭވޭނެ ކަމަށް އެޗްޕީއޭއިން ވަނީ ބުނެފަ އެވެ.

ހުޅުމާލޭ ގެސްޓު ހައުސްތަކުގައި އިންޑިއާގެ 2،000 ކަރަންޓީން ޓޫރިސްޓުން އެބަތިބި ކަމަށްވެ އެވެ. އެ މީހުން ރާއްޖެ އައިސްފައިވަނީ 14 ދުވަހު ރާއްޖޭގައި ކަރަންޓީންވުމަަށް ފަހު މެދުއިރުމަތީގެ ގައުމުތަކަށް ދިއުމަށެވެ.