މިއަހަރު ދައުލަތުގެ އާމްދަނީގެ ގޮތުގައި ފަސް ބިލިއަން ރުފިޔާ ލިބިފައިވާއިރު ރިކަރެންޓް ހަރަދަށް ހަތް ބިލިއަން ރުފިޔާ ހޭދަ ކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފިި އެވެ.

ފިނޭންސުން މިއަދު އާންމުކުރި ތަފާސް ހިސާބުތަކުން ދައްކާގޮތުން މި މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތަށް އާމްދަނީގެ ގޮތުގައި ލިބުނީ 5.4 ބިލިއަން ރުފިޔާ އެވެ. އޭގެ ތެރޭގައި ހިމެނެނީ ޓެކްސްގެ ގޮތުގައި ދައުލަތަށް ލިބުނު 4.3 ބިލިއަން ރުފިޔާ އާއި ޓެކްސް ނޫން ގޮތް ގޮތުން ދައުލަތަށް ލިބުނު އެއް ބިލިއަން ރުފިޔާ އާއި ހިލޭ އެހީން ލިބުނު 55 މިލިއަން ރުފިޔާ އެވެ.

އެ މުއްދަތުގައި ސަރުކާރުން 7.5 ބިލިއަން ރުފިޔާ ހަރަދު ކޮށްފައިވެ އެވެ.

ލިބުނު އާމުދަނީއަށްވުރެ އިތުރަށް ދެ ބިލިއަން އިތުރަށް ހަރަދުކޮށްފައިވާއިރު، ސަރުކާރު މުވައްޒަފުންގެ މުސާރައަށް 2.5 ބިލިއަން ރުފިޔާ ހޭދަ ކޮށްފައިވެ އެވެ. އަދި އިދާރީ ހަރަދުތަކުގެ ގޮތުގައި 2.6 ބިލިއަން ރުފިޔާ ހޭދަ ކޮށްފައިވެ އެވެ. ކެޕިޓަލް އިކްއިޕްމަންޓަށް 99 މިލިއަން ރުފިޔާ ހޭދަ ކުރި އެވެ.