އެމްޑަބްލިޔުއެސް.ސީ އިން ކުރިއަށްގެންދާ ފެނާއި ނަރުދަމާ މަޝްރޫއުތަކަށް ބޭނުންކުރާ ހޮޅިއަކީ މީގެ ހަ އަހަރު ކުރިން ފެށިގެން އެމްޑަބްލިޔުއެސްސީން އަމިއްލައަށް އުފައްދާ ހޮޅި ކަމަށް މެނޭޖިން ޑިރެކްޓަރު ހަސަން ޝާހު ވިދާޅުވެއްޖެ އެވެ.

ރާއްޖެ ޓީވީގެ "ފަލަ ސުރުޚީ" ޕްރޮގުރާމްގައި ވާހަކަ ދައްކަވަމުން ޝާހު ވިދާޅުވީ އެމްޑަބްލިޔުއެސްސީން މިހާރު ވެސް ފެނާއި ނަރުދަމާގެ 31 މަޝްރޫއެއް ރާއްޖޭގެ އެކި ސަރަހައްދުގައި ކުރިއަށް ގެންދާ ކަމަށެވެ. އެގޮތުން ބައެއް ރަށްރަށުގައި ފެނާއި ނަރުދަމާގެ އަމަލީ މަސައްކަތް ފެށިގެން ކުރިއަށްދާއިރު އެ މަޝްރޫއުތަކަށް ބޭނުންވާ ހޮޅި އުފެއްދުމުގެ ގާބިލުކަން ލިބިފައިވާ ފެކްޓަރީއެއް ގުޅީފަޅުގައި ހުންނާނެ ކަމަށް ޝާހު ވިދާޅުވި އެވެ.

މީގެ ހަ އަހަރު ކުރިން 2015 ވަނަ އަހަރުގައި ގުޅީފަޅުގައި ހޮޅި އުފެއްދުމުގެ މަސައްކަތް އެމްޑަބްލިޔުއެސް.ސީން ފެށިކަން ފާހަގަ ކުރައްވަމުން ޝާހު ވިދާޅުވީ މި ކާރުޚާނާ އަކީ ޖަރުމަނުގެ "ކުރައުސް މަފެއި" ބްރޭންޑްގެ ޒަމާނީ ފެންވަރުގެ މެޝަނަރީތައް އަދި ޔޫރަޕްގެ މަޝްހޫރު ބްރޭންޑެއް ކަމަށްވާ "ވާވިން" ޓެކްނޮލޮޖީ ބޭނުންކޮށްގެން އީއެން އަދި އައިއެސްއޯ ސްޓޭންޑަޑަށް ގާއިމްކޮށްފައިވާ ކާރުޚާނާއެއް ކަމަށެވެ. އެއާއެކު ހޮޅީގެ ކޮލިޓީ ޓެސްޓުކުރެވޭނެ ލެބޯޓްރީއެއް ވެސް އެ ކާރުޚާނާގައި ގާއިމްކުރެވިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެމްޑަބްލިޔުއެސްސީ ހޮޅި އުފައްދާ ކާރުހާނާގައި އުފައްދާ ހޮޅި ފެނާއި ނަރުދަމާ މަސައްކަތް ހިގަމުންދާ ރަށަކަށް ގެންގޮސްފައި. ފޮޓޯ: އެމްޑަބްލިޔުއެސްސީ

މިޕްރޮގްރާމްގައި އިތުރަށް ވާހަކަ ދައްކަވަމުން ޝާހު ވިދާޅުވީ އެމްޑަބްލިޔުއެސްސީން ހޮޅި އުފައްދާ ކާރުޚާނާ އުފެދިގެން އައި ފުރަތަމަ ދުވަހުން ފެށިގެން ވެސް އެ ކާރުޚާނާ ހިންގާ ބަލަހައްޓަމުން އައީ 100 އިންސައްތަ ދިވެހިން ކަމަށެވެ. އަދި އެ ކާރުޚާނާއިން އުފައްދާ ތަފާތު އެކި އެކި ސައިޒުތަކުގެ ހޮޅި، ފެނާއި ނަރުދަމާގެ ނިޒާމުގެ މަސައްކަތްތަކާއި މަގު ހެދުމާއި ސްޓޯމް ވޯޓާ އަދި ވާރޭފެން ރައްކާކުރުން ފަދަ ތަފާތު އެކި އެކި މަޝްރޫޢު ތަކުގައި ބޭނުންކުރާތާ މިހާރު ފަސް އަހަރުވެފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެމްޑަބްލިޔުއެސްސީއިން ބުނީ ކާރުހާނާއިން އުފައްދަނީ ފެނާއި ނަރުދަމާގެ މަސައްކަތަށް ބޭނުންވާ އަން ޕްލާސްޓިސައިޑް ޕޮލިނިވީލް ކްލޮރައިޑް (ޔޫޕީވީސީ) ހޮޅި އާއި ހައި ޑެންސިޓީ ޕޮލޮޔެތެލީން (އެޗްޑީޕީއީ) ޕްރެޝަރު ހޮޅި އެވެ. ނަރުދަމާގެ މަސައްކަތަށް އުފައްދަނީ، އެމްޑަބްލިއުއެސްސީން ބުނިގޮތުގައި ތިން އިންޗިއާއި ހަ އިންޗީގެ ފަލަމިނުގެ ހޮޅި އެވެ. އަދި ފެނުގެ ނިޒާމުގެ މަސަައްކަތްތަކަށް އެއް އިންޗި އާއި 10 އިންޗިއާ ދެމެދުގެ ފަލަމިނުގެ ހޮޅި އެވެ.

އެމްޑަބްލިޔުއެސްސީ ހޮޅި އުފައްދާ ކާރުހާނާގައި އުފައްދާ ހޮޅި ފެނާއި ނަރުދަމާ މަސައްކަތް ހިގަމުންދާ ރަށަކަށް ގެންގޮސްފައި. ފޮޓޯ: އެމްޑަބްލިޔުއެސްސީ

އެމްޑަބްލިއުއެސްސީގެ ކާރުޚާނާ އިން ފެންވަޔަރު ކުރުމަށް ބޭނުންކުރާ ޕްރެޝަރު ކްލާސް 5.8 އާއި 5.13 ގެ ބައި އިންޗި އާއި ހަ އިންޗި ޑައިމީޓަރާ ދެމެދުގެ ސައިޒުތަކުގެ ހޮޅިތައް އުފައްދާކަން ފާހަގަކޮށްފައިވެ އެވެ. އެ އުފެއްދުމާ އެކު ފެންވަޔަރު ކުރުމަށް ބޭނުންވާ ހޮޅި ހޯދުމުގައި އިމާރާތް ކުރުމުގެ ސިނާއަތަށާއި ފިހާރަތަކަށް ލުއިވެގެން ދާނެ އެވެ. އަދި އެ ކުންފުނިން ބުނިގޮތުގައި، އެ ސައިޒުތަކުގެ ހޮޅި ރާއްޖޭގައި ވިއްކަން ފެށުމުން ސްޓޯރޭޖާއި ވެއާ ހައުސިންގެ ހަރަދުތައް ކުޑަކުރެވޭނެ އެވެ. އެއީ ރާއްޖޭގެ އިގުތިސާދަށް ވެސް އެކަމުގެ ހެޔޮ އަސަރުކުރާނެ ކަމެއް ކަމަށް އެ ކުންފުނިން ބުންޏެވެ.