މިއަހަރުގެ ފުރަތަމަ ތިން މަހު ރާއްޖޭގެ މައިގަނޑު އިގްތިސޯދީ ސިނާއަތްތަކަށް ކުރިއެރުން ލިބިފައިވާކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބުނެފި އެވެ.

އެމްއެމްއޭއިން ނެރޭ ކުއާޓްލީ ބިޒްނަސް ސާވޭ ރިޕޯޓުގައި ބުނީ، ރާއްޖޭގެ އިގްތިސާދުގެ މައިގަނޑު ސިނާއަތްތައް ކަމަށްވާ ފަތުރުވެރިކަން، ކޮންސްޓްރަކްޝަން، ހޯލްސޭލް އަދި ރީޓެއިލް ވިޔަފާރި، ޓްރާންސްޕޯޓް އަދި ކޮމިއުނިކޭޝަންގެ ދާއިރާއަށް ކުރިއެރުން ލިބިފައިވާ ކަމަށެވެ.

ކުއާޓްލީ ބިޒްނަސް ސާވޭ ރިޕޯޓަކީ ރާއްޖޭގެ އިގްތިސާދުގެ މިހާރުގެ ހާލަތާއި ކުރިއަށް އޮތް ކުއާޓަރުގައި އަތުވެދާނެކަމަށް ލަފާކުރެވޭ ބަދަލުތަކާއި ގުޅޭގޮތުން، އިގްތިސާދުގައި ހިމެނޭ މުހިއްމު ހަތަރު ދާއިރާކަމުގައިވާ ފަތުރުވެރިކަން، އިމާރާތްކުރުން، ދަތުރުފަތުރު އަދި މުއާސަލާތީ ޚިދުމަތްތައް، ހޯލްސޭލް އަދި ރީޓެއިލް ސިނާއަތުގައި ހަރަކާތްތެރިވާ ބޮޑެތި ވިޔަފާރިތަކާއި ސުވާލުކޮށް މައުލޫމާތު އޮޅުން ފިލުވުމަށް ކުރިއަށްގެންދާ ސަރވޭއަކަށްފަހު ނެރޭ ރިޕޯޓެކެވެ.

އެ ރިޕޯޓުގައި އިތުރަށް ބުނީ، ފަތުރުވެރިކަމުގެ ދާއިރާއިންނާއި، ހޯލްސޭލް އަދި ރީޓެއިލް ވިޔަފާރީގެ ދާއިރާއިން މިއަހަރުގެ ފުރަތަމަ ކުއާޓަރުގެ ތެރޭގައިވަނީ ވަޒީފާގެ ގިނަ ފުރުސަތުތަކެއް އުފެދިފައި ކަމަށާއި، ޓްރާންސްޕޯޓާއި ކޮމިއުނިކޭޝަން ދާއިރާއިން އަދި ކޮންސްޓްރަކްޝަން ދާއިރާއިން އުފެދުނު ވަޒީފާގެ އަދަދު މަދު ކަމަށެވެ.

އަދި ބުނީ މިި އަހަރުގެ ދެވަނި ކުއާޓަތުގައި ރިސޯޓު ބުކިންތައް ދަށްވެ، ފަތުރުވެރިކަމުގެ ދާއިރާއިން ލިބޭ އާމްދަނީ ދަށްވާނެ ކަމަށެވެ. ނަމަވެސް ކޮންސްޓްރަކްޝަން ދާއިރާއަށް އަހަރުގެ ދެވަނަ ކުއާޓަރުގައި އިތުރުކުރިއެރުން ލިބޭނެ ކަމަށެވެ.

ދެހާސް ތޭރަ ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ހަތަރު ފަހަރު އެމްއެމްއޭއިން އާއްމުކުރާ ބިޒްނަސް ސާވޭ އަކީ، ކުރުމުއްދަތުގެ ތެރޭގައި ވިޔަފާރިތަކުގެ މުހިންމު މިންތަކަށް އައިސްފައިވާ ބަދަލުތަކާއި އަދި ކުރިއަށް އޮތް ކުއާޓަރުގައި އަތުވެދާނެކަމަށް ލަފާކުރެވޭ ބަދަލުތަކާއި ގުޅޭގޮތުން، އިގްތިސާދުގައި ހިމެނޭ މުހިންމު ހަތަރު ދާއިރާކަމުގައިވާ ފަތުރުވެރިކަން، އިމާރާތްކުރުން، ދަތުރުފަތުރު އަދި މުއާސަލާތީ ހިދުމަތްތައް، ހޯލްސޭލް އަދި ރީޓެއިލް ސިނާއަތުގައި ހަރަކާތްތެރިވާ ބޮޑެތި ވިޔަފާރިތަކުން ދެކޭގޮތް، ދެނެގަތުމުގެ ގޮތުން ހިންގޭ ސާވޭއެކެވެ.

ސާވޭގެ މަގްސަދަކީ ކުރުމުއްދަތުގައި އިގްތިސާދަށް އަންނަމުންދާ އަދި އަތުވެދާނެކަމަށް ލަފާކުރެވޭ ބަދަލުތައް އަވަސް މުއްދަތެއްގެ ތެރޭގައި ދެނެގަނެ، ސިޔާސަތުތައް ކަނޑައެޅުމުގައި އެހީތެރިވެދިނުމެވެ.