ކޮވިޑް-19 އަށްފަހު އިގްތިސާދު އާރާސްތުކުރަން އެހީވާން އޮތީ ތައްޔާރަށް ކަމަށް ވޯލްޑް ބޭންކުން ބުނެފި އެވެ.

ވޯލްޑް ބޭންކުން ރާއްޖެ އާއި ނޭޕާލް އަދި ސްރީލަންކާ އަށް ކަނޑައަޅާފައި ހުންނަވާ ކަންޓްރީ ޑިރެކްޓަރު ފާރިސް ހަދާދު ޒާވޮސް ވަނީ ކޮވިޑްގެ ސަބަބުން ރާއްޖެއަށް ކުރިމަތިވެފައިވާ ސިއްހީ އަދި އިގްތިސޯދީ ކާރިސާ އިން އަރައިގަނެ، ކުރިއަށް ވުރެ ރަނގަޅަށް އިގްތިސދު ބިނާކުރުމުގައި އެހީތެރިވުމާގުޅޭ ގޮތުން އެ ބޭންކުން ކުރިއަށްގެންދާ މަސައްކަތްތަކުގެ ދަށުން ރާއްޖެއަށް ޒިޔާރަތް ކުރައްވައިފަ އެވެ.

އޭނާ ރާއްޖެ އަށް ކުރެއްވި ދަތުރު މިއަދު ވަނީ ނިންމަވާލައްވައިފަ އެވެ.

"އެކަށޭނަ ފިޔަވަޅުތަކާއި އެ ކަންކަމަށް ތަބާވުމުގެ ނަތީޖާއެއްގެ ގޮތުން، މިދިޔަ އަހަރުގެ ފަހުކޮޅުން ފެށިގެން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތް ވަނީ ވަރަށް ބާރަށް ކުރިއަރަން ފަށާފައި. އެއާއެކު، ރާއްޖޭގެ އިގްތިސޯދު ވެސް މިހާރު އޮތީ ކުރީގެ ހާލަތަށް ދިއުމުގެ މަގުމަތީގައި،" ވާލްޑް ބޭންކުން ދިވެހިރާއްޖެ އާއި ނޭޕާލް އަދި ސްރީ ލަންކާ އަށް ކަނޑައަޅާފައި ހުންނަވާ ކަންޓްރީ ޑިރެކްޓަރު ވިދާޅުވި އެވެ. "އިގްތިސޯދީ ކުރިއެރުން ލަފާކުރެވޭ ގޮތުގެ މައްޗަށް ބިނާކޮށް، މާލީ ހާލަތާއި ދަރަނި ބެލެހެއްޓުން މެނޭޖުކޮށްގެން، ކުރިއަށް ވުރެ ތިމާވެއްޓާ ރަށްޓެހި، ކުރިމަތިވެދާނެ ކާރިޡާތަކަށް ކުރިއަށް ވުރެ ބޮޑަށް ތައްޔާރުވެފައިވާ އަދި އެންމެހާ ދިވެހިންނަށް އޭގެ ފައިދާ ކުރާ އިޤްތިޞާދީ ކުރިއެރުމާއި ތަރައްގީ ރާއްޖެ އަށް ހާސިލްކުރެވިދާނެ."

އެ ބޭންކުން ބުނީ މި ދަތުރުފުޅު ކުރެއްވީ، މި މަހުގެ 15 ވަނަ ދުވަހު ޝާއިޢުކޮށްފައިވާ ވާލްޑް ބޭންކް މޯލްޑިވްސް ޑިވެލޮޕްމަންޓް އަޕްޑޭޓް: އަ ޑިޖިޓަލް ޑޯން ރިޕޯޓް ނެރުމަށް ފަހު އެވެ. ރާއްޖޭގެ މިހާރުގެ އިގްތިސޯދީ ހާލަތާއި އަދި ކުރިއަށް ލަފާކުރެވޭ ގޮތުގެ މައްޗަށް އެކުލަވާލެވިފައިވާ މި ރިޕޯޓްގައި، ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ސަބަބުން ދިވެހިރާއްޖޭގެ އިގްތިސޯދަށް ކުރިމަތިވެފައިވާ ބޮޑެތި ނޭދެވޭ އަސަރުތަކުގެ މައްޗަށް އަލިއަޅުވާލާފައިވެ އެވެ. އެގޮތުން، އޭގެ ކުރީ އަހަރާ އަޅާބަލާއިރު މިދިޔަ އަހަރު ރާއްޖޭގެ އިގްތިސޯދު ވަނީ ގާތްގަނޑަކަށް 30 އިންސައްތަ ދަށަށް ގޮސްފަ އެވެ. އެހެން ނަމަވެސް، ފަތުރުވެރިން ޒިޔާރަތްކުރާ މިންވަރު ބާރަށް ކުރިއަރަމުން ދިއުމާއި ފަތުރުވެރިކަމުގެ ދާއިރާގައި ކުރެވެމުން އަންނަ އިންވެސްޓްމަންޓްތަކުގެ ނަތީޖާއެއްގެ ގޮތުން، މި އަހަރު ރާއްޖޭގެ އިގްތިސޯދު 17.1 އިންސައްތައިގައި ކުރިއަރާނެ ކަމަށް ވާލްޑް ބޭންކުން ލަފާކުރެ އެވެ. ހަމަ އެއާއެކު، ޑިޖިޓަލް ޓެކްނޮލޮޖީތައް މެދުވެރިކޮށް ރާއްޖޭގެ އިގްތިސޯދީ ކުރިއެރުމާއި ތަރައްގީގެ ދަތުރުގައި އިންގިލާބީ ބަދަލުތަކެއް ގެނެވިދާނެ ގޮތްތަކުގެ މައްޗަށް ވެސް މި ރިޕޯޓުގައި އަލިއަޅުވާލާފައިވެ އެވެ.

ދެ ދުވަހުގެ މުއްދަތަށް ކުރެއްވި ދަތުރުފުޅުގައި، ވާލްޑް ބޭންކުގެ ކަންޓްރީ ޑިރެކްޓަރ ވަނީ ވާލްޑް ބޭންކުގެ އެހީގައި ހިންގޭ މުހިންމު މަޝްރޫޢުތައް ވިލަރެސްކުރައްވާ މިނިސްޓަރުންނާ ބައްދަލުކުރައްވާފަ އެވެ.

މި ބައްދަލުކުރެއްވުންތަކުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރައްވާފައި ވަނީ، ދިވެހިރާއްޖޭގެ އިޤްތިޞާދީ ޙާލަތާއި ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ސަބަބުން ދިވެހިރާއްޖޭގެ އިޤްތިޞާދަށް ކުރިމަތިވެފައިވާ ލޮޅުންތަކާ ގުޅޭ ގޮތުންނެވެ. ހަމަ އެއާއިއެކު، މި ކާރިޡާ އިން އަރައިގަނެ، އެންމެންގެ ބައިވެރިވުން އޮންނަ އަދި ދެމެހެއްޓެނިވި ތަރައްޤީއަކަށް މަގުފަހިވާނެ ގޮތަށް ކުރިއަށް ވުރެ ރަނގަޅަށް އިގްތިސޯދު އާރާސްތުކުރުމުގައި ރާއްޖެ އަށް އެހީތެރިވުމުގައި ވާލްޑް ބޭންކުން ތައްޔާރަށް އޮތްކަން ވެސް ކަންޓްރީ ޑިރެކްޓަރު ވަނީ ހިއްސާކުރައްވާފައިވާ ކަމަށް އެ ބޭންކުން ބުންޏެވެ.

އެ ބޭންކުން ބުނިގޮތުގައި ކޮވިޑް-19 އިން ރައްކާތެރިވުމަށާއި، މި ބަލި ދެނެގަނެ، މި ބައްޔާ ދެކޮޅަށް މަސައްކަތްކުރުމަށް ދިވެހިރާއްޖެ އަށް އެހީތެރިވުމުގެ ގޮތުން 7.3 މިލިއަން ޑޮލަރުގެ އަވަސް އެހީގެ ޕެކޭޖެއް ވާލްޑް ބޭންކުން ވަނީ މިދިޔަ އޭޕްރީލް މަހު ދިވެހިރާއްޖެ އަށް ފޯރުކޮށްދީފަ އެވެ. މި މަޝްރޫއުގެ އިތުރުން، ޑިޒާސްޓާ ރިސްކް މެނޭޖްމަންޓް ޑިވެލޮޕްމަންޓް ޕޮލިސީ ފައިނޭންސިން ވިތު އަ ކެޓެސްޓްރޮފީ ޑިފާޑް ޑްރޯޑައުން އޮޕްޝަން (ކެޓް ޑީޑީއޯ) ގެ ދަށުން 10 މިލިއަން ޑޮލަރުގެ މާލީ އެހީތެރިކަމާއި، 952،000 ޑޮލަރުގެ ޕެންޑެމިކް އިމަޖެންސީ ފެސިލިޓީއެއް ވެސް ރާއްޖެ އަށް ހަމަޖައްސަދީފައިވާ ކަމަށް އެ ވޯލްޑް ބޭންކުން ބުންޏެވެ. ހަމަ އެއާއިއެކު، ކޮވިޑް-19 އާ ގުޅިގެން ކުރިމަތިވާ އިގްތިސާދީ ހީނަރުކަމުގެ ސަބަބުން މަސައްކަތްތެރިންނަށް ކުރިމަތިވާ ދަތިތަކުން އަރައިގަތުމަށާއި ކުރިމަގުގައި ދިމާވެދާނެ ކުއްލި ހާލަތަކަށް ތައްޔާރުވުމަށް ރާއްޖޭގެ އިޖުތިމާޢީ ރައްކާތެރިކަމުގެ ޕްރޮގްރާމްތައް ވަރުގަދަކުރަން ރާއްޖެ އަށް އެހީތެރިވުމަށް ހިންގޭ 12.8 މިލިއަން ޑޮލަރުގެ އިމަޖެންސީ އިންކަމް ސަޕޯޓް ޕްރޮޖެކްޓް މިދިޔަ ޖޫން މަހު ފަށައި، މިދިޔަ ޖެނުއަރީ މަހު ވަނީ އިތުރު 21.6 މިލިއަން ޑޮލަރާއެކު އެ މަޝްރޫއުގެ މުއްދަތު އިތުރުކޮށްފަ އެވެ.

ޖުމްލަ 182 މިލިއަން ޑޮލަރުގެ އަގުހުރި 10 މަޝްރޫއެއް ވާލްޑް ބޭންކުން މިވަގުތު ރާއްޖޭގައި ހިންގަ އެވެ.