ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ ތެރެއިން އިތުރު 200 މީހަކު މިއަދު ފޮނުވާލައިފި އެވެ.

މިއީ މިމަހުގެ ތެރޭގައި މީހުން ފޮނުވާލި ތިންވަނަ ބުރެ އެވެ. އެގޮތުން 600 މީހުން މިމަހުގެ ތެރޭގައި ފޮނުވާލާފައިވެ އެވެ.

އެ މީހުން ފޮނުވާލާފައިވަނީ މިކަމަށް ޚާއްސަކޮށް މޯލްޑިވިއަންއިން މިއަދު ބޭއްވި ފްލައިޓެއްގަ އެވެ.

ސަރުކާރުން ވަނީ ރާއްޖޭގެ ގައުމީ އެއާލައިން މޯލްޑިވިއަން އާއި ގުޅިގެން 7،000 އަށްވުރެ ގިނަ ބިދޭސީން މިހާތަނަށް ރާއްޖެއިން ފޮނުވާލާފައެވެ. އޭގެ ތެރޭގައި ގިނަ އަދަދެއްގެ މީހުންނަކީ ސަައްހަ ޑޮކިއުމެންޓް ނެތް ފަރާތްތަކެވެ.

ސަރުކާރުން ދަނި މި އަހަރުގެ ނިޔަލަށް ގަވާއިދާ ޙިލާފަށް އުޅޭ 20،000 އެއްހާ ބިދޭސީން އަބުރާ ގައުމަށް ފޮނުވާލުމަށް މަސައްކަތްކުރަމުންނެވެ.

ގަވައިދާ ޚިލާފަށް އުޅެމުންދާ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް މިދިޔަ އަހަރުން ފެށިގެން ފޮރިން މިނިސްޓްރީއާ އިކޮނޮމިކް މިނިސްޓްރީ ގުޅިގެން ދަނީ ޚާއްސަ މަސައްކަތްތަކެއް ކުރަމުންނެވެ. އަދި ކޮވިޑް-19ގެ ހާލަތާ ގުޅިގެން ބިދޭސީންގެ މެދުގައި ބަލިމަޑުކަން ފެތުރުން ކޮންޓްރޯލް ކުރުމަށް ވެސް ސަރުކާރުން ދަނީ ހާއްސަ މަސައްކަތްތަކެއް ކުރަމުންނެވެ.