Advertisement

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި އަލަށް ހެދި ރަންވޭ. އެ ކުންފުންޏަށް މިދިޔަ އަހަރު ބޮޑު ފައިދާއެއް ލިބިފައިވޭ.

އެމްއޭސީއެލް އަށް 221.6 މިލިއަން ރުފިޔާގެ ބޮޑު ފައިދާއެއް

FacebookTwitterWhatsAppTelegramViber

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އަށް މިދިޔަ އަހަރުގެ ފުރަތަމަ ހަ މަސްދުވަހުގެ ތެރޭގައި ލިބުނު ފައިދާ 221.6 މިލިއަން ރުފިޔާއަށް އިތުރުވެއްޖެ އެވެ.

ސަރުކާރުގެ ކުންފުނިތައް މޮނިޓާކުރާ ޕްރައިވެޓައިޒޭޝަން ބޯޑުން ނެރުނު މިދިޔަ އަހަރުގެ ދެވަނަ ކުއާޓަރުގެ ރިޕޯޓުގައިވާ ގޮތުން އެމްއޭސީއެލްއަށް ފުރަތަމަ ހަމަ ދުވަހުގެ ތެރޭގައި އާމްދަނީގެ ގޮތުގައި 962.3 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. މިއީ 2017 ވަނަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 10.9 ޕަސެންޓް އިތުރު އަދަދެކެވެ.

އެމްޑީޕީގެ ސަރުކާރުން އެ އެއާޕޯޓު ހިންގަން 25 އަހަރަށް އިންޑިއާގެ ޖީއެމްއާރާ ހެދި އެއްބަސްވުން އުވާލުމުން 271 މިލިއަން ޑޮލަރު (4.1 ބިލިއަން ރުފިޔާ) 2016 ވަނަ އަހަރުގެ ނޮވެމްބަރު މަހު ދައްކާފައިވެ އެވެ. އެ ފައިސާ ދެއްކުމުން 2017 ވަނަ އަހަރު އެމްއޭސީއެލްއަށް މާލީ ގޮތުން ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިވި ނަމަވެސް އެއާޕޯޓު ތަރައްގީކުރަން ބޮޑު ތިން މަޝްރޫއެއް ކުރިޔަށް ގެންދިޔަ އެވެ.

ޕްރައިވެޓައިޒޭޝަން ބޯޑުގެ ރިޕޯޓުގައިވާ ގޮތުން މިދިޔަ އަހަރުގެ ފުރަތަމަ ހަ މަސްދުވަހު އެމްއޭސީއެލްއަށް ލިބުނު ސާފު ފައިދާގެ މިންވަރު ވަނީ 2017 ވަނަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 12.2 ޕަސެންޓް އިތުރުވެފަ އެވެ. 2017 ވަނަ އަހަރުގެ ދެވަނަ ކުއާޓަރުގައި އެ ކުންފުންޏަށް ސާފު ފައިދާގެ ގޮތުގައި ލިބިފައި ވަނީ 197.4 މިލިއަން ރުފިޔާ އެވެ.

އެ ރިޕޯޓުގައިވާ ގޮތުން މިދިޔަ އަހަރުގެ ފުރަތަމަ ހަ މަސްދުވަސް ނިމުނުއިރު އެމްއޭސީއެލް އިން ވަނީ އެ ކުންފުނިން ހިންގާ އެންމެ ބޮޑު ތިން ޕްރޮޖެކްޓްގެ ތެރެއިން އާ ރަންވޭ ހެދުމުގެ މަޝްރޫއުގެ ކޮންޓްރެކްޓް އަގުގެ 10 ޕަސެންޓް ދައްކައިފަ އެވެ. ޗައިނާގެ ބީޔޫސީޖީއާ ހަވާލުކޮށްގެން ކުރިޔަށް ގެންދާ އެ މަޝްރޫއަށް އެމްއޭސީއެލް އިން ވަނީ ޗައިނާގެ އެގްޒިމް ބޭންކު މެދުވެރިކޮށް 43.8 މިލިއަން ޑޮލަރު ދައްކައިފަ އެވެ. 211.1 މިލިއަން ޑޮލަރުގެ ރަންވޭގެ މަސައްކަތް ނިމުނީ މިދިޔަ އަހަރުގެ ފަހުކޮޅު އެވެ.

ޕްރައިވެޓައިޒޭޝަން ބޯޑުގެ ރިޕޯޓުގައިވާ ގޮތުން އެމްއޭސީއެލް އިން ވަނީ އަހަރަކު 7.5 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭ ގޮތަށް ސައުދީ ބިންލާދިން ގްރޫޕާ ހަވާލުކޮށްގެން ހަދާ އާ ޓާމިނަލް މަޝްރޫއަށް ވެސް މިދިޔަ އަހަރުގެ ޖޫން 30ގެ ނިޔަލަށް 8.4 މިލިއަން ޑޮލަރު ހަރަދުކޮށްފަ އެވެ. އޭގެ އިތުރުން ބީޔޫސީޖީއާ ހަވާލުކޮށްގެން އަލަށް ހަދާ ސީޕްލޭން ޓާމިނަލަށް ވެސް އެ މުއްދަތުގެ ތެރޭގައި ކޮންޓްރެކްޓް އަގުގެ 10 ޕަސެންޓަށްވާ 8.3 މިލިއަން ޑޮލަރު ހަރަދުކޮށްފައިވެ އެވެ.

ހިޔާލު

avatar
600

ލިޔުމާ ގުޅޭ

ފަހުގެ ލިޔުންތައް

scroll to top