މިމަހުގެ މިހާތަނަށް މިފްކޯއަށް ކިރާފައިވާ މަހުގެ އަދަދު މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށް މިފްކޯއިން މިއަދު ބުނެފި އެވެ.

ޕީއެސްއެމްގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަމުން އެ ކުންފުނީގެ ސީއީއޯ އިސްމާއިލް ފައުޒީ ވިދާޅުވީ މިދިޔަ އަހަރުގެ އޭޕްރީލްއާ ހަމައަށް މިފްކޯއަށް ކިރާފައި ވަނީ 15،000 ޓަނުގެ މަސް ކަމަށެވެ. އަދި މިއަހަރުގެ އެ މުއްދަތުގައި މިފްކޯއަށް 22،766 ޓަނުގެ މަސް އިތުރަށް ކިރުވާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އިސްމާއިލް ވިދާޅުވީ މިއަހަރުގެ މިހާތަނަށް މަސްވެރިންނަށް 353 މިލިއަން ރުފިޔާ ދީފައިވާ ކަމަށެވެ.

"މަސް އެބަ ކިރޭ، އިތުރު ހަތްހާސް ޓަނުގެ މަސް މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާ ބަލާއިރު މިއަހަރު ގަނެވިއްޖެ، ވަރަށް ރަނގަޅު މަސްވެރިކަމެއް، އެހެންވީމަ މަސްވެރިންނަށް ތިން ސަތޭކަ ފަންސާސް ތިން މިލިއަން ރުފިޔާ ދެވިއްޖެ،" އޭނާ ވިދާޅުވި އެވެ.

ދެކުނުގެ އަތޮޅުތަކަށް މަސްވެރިކަން ރަނގަޅުވެފައި ވުމުން މިފްކޯއިން ވަނީ މަސް ގަންނަ އަގާއި މަސް ގަންނަ ވަރު ކޮންޓްރޯލްކޮށްފަ އެވެ. ސަަބަބަކީ މިފްކޯގެ ފްރީޒިން ކެޕޭސިޓީތައް ފުރުމެވެ.

ފްރީޒިން ކެޕޭސިޓީ އިތުރު ކުރުމަށް މިފްކޯއިން ދަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން ނަމަވެސް މިފަދަ ކަންތައްތަކަށް ހައްލު ހޯދުމަށް ވެސް މިފްކޯއިން އަންނަނީ މަސައްކަތްކުރަމުންނެވެ. އެގޮތުން މިފްކޯގެ ސެންޓަރުތައް ތަރައްގީކުރުމުގެ މަޝްރޫއުތައް ފެށުމަށް ދަނީ ތައްޔާރުވަމުންނެވެ. މިއާއެކު ވެސް މަސް ކިރުވުމަށް ދިމާވެފައިވާ ދަތިތަކަށް ހައްލެއް ލިބިގެންދާނެ އެވެ.

ގދ. ތިނަދޫ އާއި މ.މުލަކުގައި ތަރައްގީކުރާ މަސް ގަނެ ރައްކާކުރާ ސެންޓަރުތަކާއެކު މަސް ކިރުވުމަށް މަސްވެރިންނަށް ދިމާވެފައިވާ ދަތިތަކަށް ހައްލެއް ލިބިގެންދާނެ ކަމަށް މިފްކޯއިން ދެކެ އެވެ.