އެހެން އަހަރުތަކާ ހިލާފަށް މިއަހަރުގެ ރޯދަމަހުގައި ލޯކަލް މާރުކޭޓްގައި އަގުތައް އެއްވަރެއްގައި ވަނީ ހިފެހެއްޓިފަ އެވެ. އެގޮތުން ރޯދަ މަސް ފެށިގެން އައިރުވެސް ބައެއް ތަރުކާރީ އާއި މޭވާގެ އަގުތައް ތިރިވި ގޮތަށް އެއްވަރެއްގައި ވަނީ ހިފެހެއްޓިފަ އެވެ.

ލޯކަލް މާރުކޭޓާއި ދަތުރުވެރިންގެ މާރުކޭޓްގެ އަގުތަކަށް ބަލާލައިރު އެހެން އަހަރުތަކާ ހިލާފަށް ރޯދަ މަހު މި ދެ މާރުކޭޓުގައި ތަކެތީ އަގު ވެސް ޖުމްލަކޮށް ވަނީ ދަށްވެފަ އެވެ. ތަކެތީގެ އަގު ދަށްވި މައިގަނޑު އެންމެ ބޮޑު ސަބަބަކީ އެހެން އަހަރުތަކާ އަޅާ ބަލާއިރު މި އަހަރު ލޯކަލް މާރުކޭޓަށް އެއްފަހަރާ މާ ގިނައިން ދިވެހި އުފެއްދުންތަކާއި ކާބޯތަކެތި ގެނައުމެވެ.

ކޮންމެ އަހަރަކު ރޯދަމަހު އަގު މައްޗަށްދާ ކަނޑޫދޫ މިރުހުގެ އަގު ވަނީ އިންތިހާއަށް ތިރިވެފަ އެވެ. އެރަށުގެ 100 ގްރާމް މިރުހުގެ އަގު މިހާރު އުޅެނީ 10 ރުފިޔާ އާއި 15 ރުފިޔާ އާ ދެމެދު އެވެ. މިއީ ކަނޑޫދޫ މިރުހުގެ އަގު މިހާ ބޮޑަށް ދަށްވި ފުރަތަމަ ފަހަރެވެ.

މާލޭގެ ދަތުރުވެރިންގެ މާރުކޭޓުގެ ގޮޅިއެއްގައި ވިއްކަން ބަހައްޓާފައި ހުރި މޭވާތަކެއް. ފޮޓޯ: އަބްދުﷲ އަބީދު | ހުރިހާ

ދިވެހި އެންމެ ގިނައިން ރޯދަ މަހު ބޭނުން ކުރާ ކަރާގެ އަގު ވެސް ވަނީ ވޭތުވެދިޔަ އެއްވެސް ރޯދަމަހެއްގައި ތިރިނުވާ ވަރަށް ތިރިވެފަ އެވެ. އެގޮތުން ކަރާ ކިލޯއެއްގެ އަގު 15 ރުފިޔާ އާއި 20 ރުފިޔާ ދެމެދުގެ އަގަކަށް ވަނީ ތިރިވެފަ އެވެ.

ބާޒާރުގައި ހުރި އެހެން ބައެއް ތަކެތީގެ އަގު:

  • ލުނބޯ ކިލޯއެއް: 30 ރުފިޔާ އާއި 35 ރުފިޔާ ދެމެދު
  • ކެރެޓް ކިލޯއެއް: 18 ރުފިޔާ އާއި 25 ރުފިޔާ ދެމެދު
  • ކެބެޖް ކިލޯއެއް: 15 ރުފިޔާ އާއި 20 ރުފިޔާ ދެމެދު
  • ފަޅޯ ކިލޯއެއް: 35 ރުފިޔާ އާއި 60 ރުފިޔާ ދެމެދު
  • ފެޝަންފުރުޓް ކިލޯއެއް : 55 ރުފިޔާ އާއި 65 ރުފިޔާ ދެމެދު
  • ބަރަބޯ ކިލޯއެއް: 15 ރުފިޔާ އާއި 22 ރުފިޔާ ދެމެދު