އެމްޓީސީސީގެ ތާރީހުގައި މާލީ ގޮތުން މިދިޔަ އަހަރު ރެކޯޑު އަދަދަކަށް ފައިދާ ވެއްޖެ އެވެ.

އެމްޓީސީސީއިން އާންމުކޮށްފައިވާ މިދިޔަ އަހަރުގެ މާލީ ހިސާބުތަކުން ދައްކާ ގޮތުގައި އެ ކުންފުންޏަށް މިދިޔަ އަހަރު ސާފު ފައިދާގެ ގޮތުގައި 190.7 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. މިއީ އެމްޓީސީސީގެ 40 އަހަރުގެ ތާރީހުގައި ނުލިބޭ ކުރިއެރުމެއް ކަމަށް ވެސް އެކުންފުނިން ބުންޏެވެ.

އެމްޓީސީސީގެ 2019 ވަނަ އަހަރުގެ މާލީ ނަތީޖާއާއި އަޅާ ބަލާއިރު، މިދިޔަ އަހަރު އެކުންފުނިން ވަނީ 253 ޕަސެންޓްގެ ކުރިއެރުމެއް ހޯދާފަ އެވެ.

މިދިޔަ އަހަރު ބޮޑު ފާއިދާއެއް ލިބުމުން ހިއްސާއަކަށް ތިން ރުފިޔާ ބެހުމަށް ވެސް އެ ކުންފުނިން ވަނީ ނިންމާފަ އެވެ.

މިދިޔަ އަހަރު އެމްޓީސީސީއިން ހާސިލުކުރި ލަނޑުދަނޑިތަކަށް ބަލާއިރު، ރާއްޖޭގެ އުމްރާނީ ތަރައްގީގެ ބައިވެރިއެއްގެ ގޮތުން 36 މަޝްރޫއެއްގެ މަސައްކަތް އެމްޓީސީސީއިން ކާމިޔާބުކަމާއިއެކު ނިންމާލާފައިވެ އެވެ. އެކުންފުނީގެ އާންމު ވިޔަފާރި ދާއިރާއާއި ކުންފުނީގެ އެހެނިހެން ވިޔަފާރި ދާއިރާތަކަށް އަމާޒުކޮށް ތަފާތުއެކި މާކެޓިން ހަރަކާތްތަކެއް ވެސް 2020 ވަނަ އަހަރުގެ ތެރޭގައި ހިންގާފައިވެ އެވެ. އަދި އާންމު ދަތުރުފަތުރުގެ ޚިދުމަތް މާލެ ސަރަހައްދުގައި އަދި އަތޮޅުތެރޭގެ ޒޯން 5،4،3،2،1 އަދި 6 ގައި ކުރިއަށްގެންގޮސް، 16 އަތޮޅެއް ގުޅުވައިދީފައިވެ އެވެ.

އެ ކުންފުނީގެ މަޝްރޫއުތައް ހިނގަމުންދާ ރައްރަށުގެ މުޖުތަމައަށް ވެސް ކުންފުނީގެ އިޖުތިމާއީ ޒިންމާގެ ދަށުން އެކި ގޮތްގޮތުން އެހީތެރިކަންފޯރުކޮށްދީ، ގިނަ މަސައްކްތަކެއް ކޮށްދީފައިވާ ކަމަށް އެމްޓީސީސީއިން ބުންޏެވެ.

އެމްޓީސީސީން ބުނިގޮތުގައި، އެ ކުންފުނިން އަންނަނީ ވިޔަފާރި ފުޅާކޮށް، ހިންގުން ހަރުދަނާކުރުމަށް އަޅަން ޖެހޭ ހުރިހާ ފިޔަވަޅުތަކާއި އިސްތިރާޖީ ޕްލޭންތައް އެކުލަވައިލަމުންނެވެ. މާކެޓުގެ ހާލަތަށް ބަލައި އެ ކަންކަން މުރާޖައާކުރުމުގެ މަސައްކަތް ވެސް ކުރަމުން އަންނަ ކަމަށް އެ ކުންފުނިން ބުންޏެވެ.

ކޮވިޑް-19ގެ ހާލަތުގައި ވެސް އެކަށީގެންވާ ފިޔަވަޅުތަށް އަޅައި، މާލީ ނަތީޖާ ނެރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް އެމްޓީސީސީން ބުންޏެވެ. ހިއްސާދާރުންނަށް ފައިދާވާ ގޮތަށް ހުރިހާ ވިޔަފާރިތައް ކުރިއަރުވަން މަސައްކަތް ކުރާ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.