މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި އެސްޓީއޯއަށް 108.6 މިލިއަން ރުފިޔާގެ ފައިދާއެއް ލިބިއްޖެ އެވެ.

މިއީ މިދިޔަ އަހަރުގެ ފަހު ކުއާޓަރާ އަޅާބަލާއިރު 18 މިލިއަން ރުފިޔާ އިތުރު އަދަދެކެވެ. ނަމަވެސް މިއީ މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރާ އަޅާބަލާއިރު 5.5 މިލިއަން ރުފިޔާ މަދު އަދަދެކެވެ.

ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ތެލާއި ގޭސް، ބޭސް އަދި ކާޑުގެ ބާވަތްތަކުގެ ވިޔަފާރިކުރާ ކުންފުނިން މިއަދު އާއްމުކުރި މާލީ ހިސާބުތައް ދައްކާ ގޮތުން އެ ކުންފުންޏަށް މިދިޔަ ކުއާޓަރުގައި އާމްދަނީގެ ގޮތުގައި 2.15 ލިބިފައިވެ އެވެ. މީގެ ތެރޭގައި ތެލުން ލިބުނު 1.4 ބިލިއަން ރުފިޔާ ވެސް ހިމެނެ އެވެ.

އެ ކުންފުންޏަށް މިދިޔަ ކުއާޓަރުގައި ޖުމްލަ ފައިދާގެ ގޮތުގައި 368.9 ލިބުނުއިރު ހިންގުމުގެ ފައިދާގެ ގޮތުގައި 152.7 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. އަދި ޓެކްސްގެ ގޮތުގައި 21.3 މިލިއަން ރުފިޔާ އުނިކުރުމުން ސާފު ފައިދާގެ ގޮތުގައި 108,6 މިލިއަން ރުފިޔާ ލިބިފައިވެ އެވެ.