މި އަހަރަކީ މަސައްކަތްތެރިންނަށް އުންމީދުން ފުރިގެންވާ އަހަރެއް ކަމަށާއި މިއަހަރު ނިމުމުގެ ކުރިން އެންމެ ކުޑަ އުޖޫރައިގެ ގޮތުގައި ދޭނެ އަދަދެއް ކަނޑައަޅައި ނިމޭނެ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާޢީލް ވިދާޅުވެއްޖެ އެވެ.

މަސައްކަތްތެރިންގެ ދުވަހާ ގުޅިގެން މިނިސްޓަރު ފައްޔާޒް ކުރެއްވި ޓްވީޓްގައި ވިދާޅުވެފައިވަނީ ވޭތުވެދިޔަ އަހަރަކީ މަސައްކަތްތެރިންނަށް ގިނަ ދަތިތަކާއި ކުރިމަތިވި އަހަރެއް ކަމަށެވެ. އަދި މި އަހަރަކީ އުންމީދުން ފުރިގެންވާ އަހަރެއް ކަމަށާއި އެގޮތުން އަހަރު ނިމުމުގެ ކުރިން އެންމެ ކުޑަ އުޖޫރައިގެ ގޮތުގައި ދޭނެ އަދަދެއް ކަނޑައަޅައި ނިމޭނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

މިދިޔަ އޮގަސްޓްގެ ފަހުކޮޅު ރައްޔިތުންގެ މަޖިލީހުން ވަނީ އެންމެ ކުޑަ އުޖޫރައިގެ ގޮތުގައި ދެވޭނެ އަދަދު މިއަހަރު ނިމުމުގެ ކުރިން ކަނޑައަޅައި، ތަންފީޒު ކުރަން، ވަޒީފާ އާއި ބެހޭ ގާނޫނަށް އިސްލާހެއް ހުށަހަޅައި، ފާސްކޮށްފަ އެވެ.

އެ އިސްލާހުގައިވާ ގޮތުން، އެންމެ ކުޑަމިނުން ދެވޭ އުޖޫރައެއް ކަނޑައަޅަން ވާނީ ވަޒީފާ އަދާކުރާ ފަރާތްތަކާއި އެ ފަރާތްތަކުގެ އާއިލާތަކުގެ ޒަރޫރީ ބޭނުންތަކަށް ހިނގާނެ ޚަރަދުތަކަށާއި، ގައުމުގެ ފުދުންތެރިކަމަށާއި، އިޤްތިޞާދަށް ބެލުމަށް ފަހުގައި ކަމަށެވެ.

ވަޒީފާ އަދާކުރާ ދިވެހިންނަށް އެންމެ ކުޑަ އުޖޫރައެއްގެ ގޮތުގައި ދެވޭނެ އަދަދު ކަނޑައެޅުމަކީ މިސަރުކާރުގެ ވައުދެކެވެ.

މެއި މަހުގެ 1 ވަނަ ދުވަހަކީ ކޮންމެ އަހަރަކު ބައިނަލްއަގުއާމީ ގޮތުން މަސައްކަތްތެރިން ކުރާ މަސައްކަތްތައް އަގުވަޒަން ކުރުމުގެ ގޮތުން ފާހަގަ ކުރާ ދުވަހެކެވެ.