މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ)އިން ފެކަލްޓީ އޮފް ހޮސްޕިޓަލިޓީ އެންޑް ޓޫރިޒަމް ސްޓަޑީސްގައި ހަދާފައިވާ ޓޫރިސްޓު ހޮޓެލް ހިންގާނެ ބަޔަކު ހޯދަން އިއުލާންކޮށްފި އެވެ.

ޔުނިވާސިޓީގެ ދަށުން ހިންގާ ކުންފުނި، ޔުނިވިޔަ ހޮލްޑިން ޕްރައިވެޓް ލިމިޓެޑުން ނެރުނު އިއުލާނެއްގައި ބުނެފައި ވަނީ އެ ހޮޓާ މަރާމާތުކޮށް، ފަރުނީޗަރު ހޯދައި، ހިންގައި، ބަލަހައްޓައި، މާކެޓްކުރަން ޝައުގުވެރިވާ ފަރާތްތަކަށް ހުޅުވާލާ ކަމަށެވެ. އެ ހޮޓަލުގެ ކުލި ފަށަނީ މަހަކު 190،000ރ. ރޭޓުންނެވެ. އަދި އެތަން ހިންގައިގެން ލިބޭ ޖުމްލަ އާމްދަނީ އަހަރަކު 5 ޕަސެންޓް ދޭން ޖެހެ އެވެ.

ކުރީގެ އެމްއީއެސް ކައިރީގައި ހުންނަ ގައުމީ ޔުނިވާސިޓީގެ މައި އިދާރާއާ ޖެހިގެން ހުންނަ ހޮޓަލުގައި 28 ކޮޓަރި ހުރެ އެވެ. އެ ކޮޓަރިތައް ހުންނަނީ އެ އިމާރާތުގެ 7 އަދި 8 ވަނަ ފްލޯގަ އެވެ. ލޮބީ އާއި ބެކް އޮފީސް، ރެސްޓޯރަންޓާއި ބަދިގެ އަދި ހުންނަނީ ގްރައުންޑް ފްލޯގަ އެވެ. އޭގެ އިތުރުން އެތަނުގައި ބެންކުއެޓް ހޯލަކާއި ރެސްޓޯރަންޓެއް ހުރެ އެވެ.

އެ ކުންފުނިން ނެރުނު އިއުލާނުގައިވާ ގޮތުން އެ ހޮޓާ ކުއްޔަށް ދެނީ ދިހަ އަހަރު ދުވަހަށެވެ. އަދި ކޮވިޑާ ގުޅިގެން ކުރިމަތިވެފައިވާ ދަތި ހާލަތާ ގުޅިގެން އެތަނުގެ މަރާމާތަށް ތިން މިލިއަން ރުފިޔާއަށް ވުރެ ބޮޑު ނޫން ހަރަދެއް ކުންފުނިން ވެސް ކުރަން ނިންމާފައިވެ އެވެ.

ޔުނިވިޔަ ހޮލްޑިން އިން ބުނީ އެ ހޮޓާ މަރާތުކޮށްގެން 3 ނުވަތަ 4 ތަރީގެ ފެންވަރުގެ ހޮޓަލެއްގެ ގޮތުގައި ހިންގިދާނެ ކަމަށެވެ.

އެ ހޮޓާ ހިންގަން ޝައުގުވެރިވާ ފަރާތްތަކުން މިމަހުގެ 30ގެ ކުރިން ޝައުގުވެރިކަން ފާޅުކުރުމަށްފަހު ބިޑް ހުށަހަޅަން ޖެހެނީ އަންނަ މަހުގެ 25 ވަނަ ދުވަހު 11:00 ގެ ކުރިންނެވެ.