ޓޫރިސްޓުން އަންނަ މިންވަރު އިތުރުވުމުން އާމްދަނީ ވެސް އިތުރުވެ، ދިރާގަށް މިދިޔަ ކުއާޓަރުގައި 219.7 މިލިއަން ރުފިޔާގެ ބޮޑު ފައިދާއެއް ލިބިއްޖެ އެވެ.

ރާއްޖޭގެ އެންމެ ބޮޑު މުއާސަލާތީ ކުންފުނިން އިއްޔެ އާއްމުކުރި ފުރަތަމަ ކުއާޓަރުގެ މާލީ ހިސާބުތައް ދައްކާ ގޮތުން 2020 ގެ ފުރަތަމަ ކުއާޓަރާ އަޅާބަލާއިރު މިދިޔަ ކުއާޓަރުގައި ލިބުނު އާމްދަނީ ވަނީ ހަ ޕަސެންޓް އިތުރުވެފަ އެވެ. އޭގެ ސަބަބެއް ކަމަށް ބުނެފައި ވަނީ އިގްތިސާދީ ހާލަތު ރަނގަޅުވެ، ޓޫރިސްޓުން އަންނަ މިންވަރު އިތުރުވުމާއި ރޯމިން އާއި ބޮޑެތި ވިޔަފާރިތަކުން ލިބުނު އާމްދަނީ ވެސް އިތުރުވުމުން ކަމަށެވެ. ނަމަވެސް މިދިޔަ ކުއާޓަރުގައި ލިބުނު އާމްދަނީ 2020 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރާ އަޅާބަލާއިރު ނުވަ ޕަސެންޓް ދަށްވެފައިވާ ކަމަށް އެ ރިޕޯޓުގައި ބުނެފައިވެ އެވެ.

ދިރާގަށް މިިދިޔަ ކުއާޓަރުގައި އާމްދަނީގެ ގޮތުގައި 660.1 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. އޭގެ ކުރީ ކުއާޓަރުގައި ލިބިފައި ވަނީ 621.5 މިލިއަން ރުފިޔާ އެވެ.

އެ ކުންފުނީގެ މާލީ ހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރުގެ ފަހު ކުއާޓަރާ އަޅާބަލާއިރު މިދިޔަ ކުއާޓަރުގައި ސާފު ފައިދާ އާއި ހިއްސާއަކަށް ފައިދާގެ ގޮތުގައި ޖެހުނު މިންވަރު ވަނީ 17 ޕަސެންޓް އިތުރުވެފަ އެވެ. ނަމަވެސް އެއީ 2020 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރާ އަޅާބަލާއިރު 14 ޕަސެންޓް ދަށް އަދަދެއް ކަމަށް ވެސް އެ ރިޕޯޓުގައި ބުނެފައިވެ އެވެ. އޭގެ ސަބަބެއް ކަމަށް ދިރާގުން ބުނެފައި ވަނީ ކޮވިޑް-19ގެ ސަބަބުން އިގްތިސާދަށް ކުރި އަސަރުގެ ސަބަބުން ކަމަށް ވެސް ދިރާގުން ބުންޏެވެ.

އެ ކުންފުންޏަށް މިދިޔަ ކުއާޓަރުގައި 219.7 މިލިއަން ރުފިޔާ ލިބުނުއިރު އޭގެ ކުރީ ކުއާޓަރުގައި ލިބުނީ 188.3 މިލިއަން ރުފިޔާ އެވެ.

ދިރާގުން ބުނީ ފައިސާ ދެއްކުން މަދުވުމާއި ޓެކްސް ޕޭމަންޓާ ހެދި ޖުމްލަ ކޭޝްފްލޯ މިދިޔަ ކުއާޓަރުގައި ދަށްވެފައިވާ ކަމަށެވެ. ނަމަވެސް ކުންފުނިން ނިންމާފައި ވަނީ އޭޖީއެމްގައި ފާސްކޮށްފި ނަމަ އަހަރުގެ ފަހު ޑިވިޑެންޑްގެ ގޮތުގައި ހިއްސާއަކަށް 5.16ރ ބަހަން ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.