ކޮވިޑާ ގުޅިގެން އައި އިގްތިސޯދީ ހީނަރުކަމުގެ ސަބަބުން ވަޒީފާ ގެއްލި ދިރިއުޅުން ދަތިވި މީހުންނަށް އެހީއެއްގެ ގޮތުގައި ސަރުކާރުން ދިން އިންކަމް ސަޕޯޓް އެލަވަންސް، އޮޅުވާލައިގެން ހޯދި ގާތްގަނޑަކަށް 1،000 މީހުންނާ ދެކޮޅަށް ފިޔަވަޅު އެޅުމުގެ މަސައްކަތް ފަށައިފި އެވެ.

ބަޔަކު އޮޅުވާލައިގެން އިންކަމް ސަޕޯޓު ހޯދިކަން އެގުނީ، އެ މަސައްކަތް ކުރަން އިކޮނޮމިކް މިނިސްޓްރީން ހާއްސަ ކުރި ޖޮބް ސެންޓާ ޕޯޓަލް އާއި ޕެންޝަން އޮފީހުގެ ޑޭޓާބޭސް ގުޅާލުމުންނެވެ. މި ޑޭޓާތައް އަޅާ ކިޔުމުގެ ތެރޭގައި ވަޒީފާއެއްގައި އުޅޭ ހާހެއްހާ މީހުން، އަމިއްލަ މަސައްކަތްކުރާ މީހުންގެ ގޮތުގައި މައުލޫމާތު ދީގެން އިންކަމް ސަޕޯޓް އެލަވަންސް ހޯދިކަން ވަނީ އެނގިފަ އެވެ.

އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް އޮންލައިން ނޫހަކަށް ވިދާޅުވީ، އޮޅުވާލައިގެން އިންކަމް ސަޕޯޓް ހޯދި މީހުންގެ އަތުން އެ ފައިސާ ހޯދައި އެ މީހުންނަށް ފިޔަވަޅު އަޅާނެ ކަމަށެވެ.

އެ މީހުންނަށް އޮޅުވާލެވުނު ސަބަބާ ގުޅޭގޮތުން އެ ނޫހުން ސުވާލު ކުރުމުން ފައްޔާޒު ވިދާޅުވީ، އަމިއްލަ މަސައްކަތްކުރާ ގިނަ މީހުންގެ މައުލޫމާތު ކަށަވަރުކުރީ އެ މީހުން ހުށަހެޅި މައުލޫމާތުތަކަށް ކަމަށެވެ. އަދި އޭރު ބެލީ އެ އެހީތެރިކަން ބޭނުންވާ ބަޔަކަށް ލުއި މިންގަނޑެއްގެ ތެރެެއިން ފައިސާގެ އެހީ ދެވޭތޯ ކަމަށް ވެސް ވިދާޅުވި އެވެ.

މިހާތަނަށް ފިނޭސް މިނިސްޓްރީއިން އާންމުކޮށްފައިވާ މައުލޫމާތުން އެގޭ ގޮތުގައި ކޮވިޑް-19ގެ ސަބަބުން ވަޒީފާ ގެއްލުނު ނުވަތަ އާމްދަނީއަށް އަސަރުކުރި 22،786 މީހަކަށް އިންކަމް ސަޕޯޓް އެލަވަންސް ލިބުނެވެ. އަދި މިކަމަށް 418 މިލިއަން ރުފިޔާ ވަނީ ދީފަ އެވެ.

އިގުތިސޯދަށް އައި ހީނަރުކަމުގެ ތެރޭގައި ވަޒީފާ ގެއްލުނު ފަރާތްތަކަށް ސަރުކާރުން އިންކަމް ސަޕޯޓް އެލަވަންސް ދިނީ އޭޕްރިލް މަހުން ފެށިގެން ޑިސެމްބަރު މަހުގެ ނިޔަލަށެވެ. މީގެ ތެރެއިން ވަޒީފާ ގެއްލުން ނުވަތަ ނޯ ޕޭއަށް މީހުންނަށް ލިބުނީ މަހަކު 5000ރ. އެވެ. އަދި އާމްދަނީއަށް އަސަރުކުރި މީހުންނަށް ސަޕޯޓް އެލަވަންސް ލިބުނީ 5000ރ. އަށް ވުރެ ދަށުން މުސާރަ ލިބޭ ނަމަ އެވެ.