ޓެކްސް ނުހިމަނާ ބޮޑު ފަައިދާއެއް މިދިޔަ އަހަރު މޯލްޑިވްސް ޓޫރިޒަމް ކޮޕަރޭޝަން (އެމްޓީޑީސީ) އަށް ލިބިއްޖެ އެވެ.

އެމްޓީޑީސީއިން އާންމުކުރި މިދިޔަ އަހަރުގެ މާލީ ހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރު ވަނީ ޓެކްސްއަށް ރިކޯޑްކުރުމުގެ ކުރިން ވިޔަފާރި ފައިދާގެ ގޮތުގައި 3،301،880 އެމެރިކާ ޑޮލަރު ލިބިފަ އެވެ. މިއީ 2019 ވަނަ އަހަރުގެ ފައިދާ އަޅާބަލާއިރު 115 ޕަސެންޓްގެ ބޮޑު ކުރިއެރުމެކެއް ކަމަށް އެކުންފުނިން ބުންޏެވެ. އަދި 2019 ވަނަ އަހަރަށް ވުރެ މިދިޔަ އަހަރު ފައިދާ ބޮޑުވުމުން ހިއްސާއަކަށް މިއަހަރު ބޮޑު ފައިދާއެއް ދިނުމަށް ނިންމާފައިވާ ކަމަށް ވެސް އެމްޓީޑީސީން ބުންޏެވެ.

ފާއިތުވި އަހަރަކީ ކޮވިޑް 19 ގެ ބަލިމަޑުކަމުގެ ސަބަބުން ޓޫރިޒަމަށް ވަރަށް ބޮޑެތި ގެއްލުންތަކެއް ކުރިމަތި ކުރުވި އަހަރެއް ނަމަވެސް ކުރި ބުރަ މަސައްކަތުން އެ ކުންފުންޏަށް ބޮޑު ފައިދާއެއް ލިބިފައި ވަނީ ކުންފުންނީގެ މުވައްޒަފުން ކުރި ބުރަ މަސައްކަތުން ކަމަށް އެ ކުންފުނިން ބުންޏެވެ.

އެމްޓީޑީސީއިން ބުނީ އެކުންފުނީގެ ސާފު ފައިދާ ދަށްވެފައި ވަނީ އެކުންފުނިން އެކުލަވާލައިވާ ޑިފާޑް ޓެކްސް އެސެޓްގެ ގޮތުގައި ހިސާބުކުރެވިފައިވާ ޓެކްސް ހަރަދު މިދިޔަ އަހަރުގެ ހިސާބުތަކުން ކުނި ކުރުމުން ކަމަށެވެ. މި އިސްލާހަށް އަމަލުކުރަން ފަށާފައި ވަނީ 2019 ވަނަ އަހަރު ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.