އިންޑިއާ އިން އަންނަ ޓޫރިސްޓުންގެ އަދަދު މަދުވެ، ރާއްޖެއަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ ގައުމަކަށް އަނެއްކާ ވެސް ރަޝިޔާ ވެއްޖެ އެވެ.

އިންޑިއާ އިން އަންނަ ޓޫރިސްޓުންގެ އަދަދު މަދުވީ އެ ގައުމުގައި ހަލުއިކަމާއެކު ކޮވިޑް ފެތުރި، ސިއްހީ ނިޒާމު ބޮއްސުންލުމާ ގުޅިގެން ރިސޯޓުތަކަށް ފިޔަވައި އެނޫން ތަންތަނަށް އިންޑިއާ ޓޫރިސްޓުން އައުން މިދިޔަ މަހުގެ 27 ވަނަ ދުވަހުން ފެށިގެން މަނާކުރުމާ ގުޅިގެންނެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބު ދައްކާގޮތުން މި އަހަރުގެ މިހާތަނަށް އައިސްފައި ވަނީ 396،982 ޓޫރިސްޓުންނެވެ. އޭގެތެރެއިން 22.4 ޓޫރިސްޓުންނަކީ ރަޝިއާޓޫރިސްޓުންނެވެ. އަދި 21.9 އިންސައްތަ އަކީ އިންޑިއާ ޓޫރިސްޓުންނެވެ.

މިދިޔަ އަހަރު ރާއްޖެއަށް އެެންމެ ގިނައިން ޓޫރިސްޓުން އައިސްފައި ވަނީ އިންޑިއާއިންނެވެ. ނަމަވެސް އިންޑިއާގައި ކޮވިޑުގެ ހާލަތު ގޯސްވުމުން ސަބަބުން ރާއްޖެއަށް އަންނަ ޓޫރިސްޓުންގެ އަދަދު ވަނީ ދަށަށް ގޮސްފަ އެވެ.

ތިން ވަނައަށް ރާއްޖެއަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ ގައުމަކީ ޔޫކްރެއިން އެވެ. ހަތަތު ވަނަ އަށް ޖަރުމަން އެވެ. ފަސްވަނަ އަށް އެންމެ ގިނަ އަދަދަކަށް ޓޫރިސްޓުން ރާއްޖެއަށް އަންނަނީ ކަޒަކިސްތާނުންނެވެ.

އަހަރުގެ މިހާތަނަށް ރާއްޖެއަށް 396،982 ޓޫރިސްޓުން އައިސްފައިވާއިރު މިއަހަރުގެ ޖެނުއަރީމަހު ރާއްޖެއަށް އައިސްފައިވަނީ 92،103 ޓޫރިސްޓުންނެވެ. ފެބްރުއަރީމަހު ރާއްޖެއަށް 96،882 ޓޫރިސްޓުން އައިސްފައިވާއިރު، މާޗުމަހު ރާއްޖެއަށް އައިސްފައިވަނީ 109،585 ޓޫރިސްޓުންނެވެ. އަދި މި ނިމުނު އޭޕްރީލް މަހު ރާއްޖެއަށް އައިސްފައިވަނީ 91،200 ޓޫރިސްޓުންނެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން މި ހިނގާ މޭ މަހުގެ ފުރަތަމަ ދެ ދުވަސް ތެރޭގައި ރާއްޖެއަށް ވަނީ 7،212 ޓޫރިސްޓުން ވަނީ އައިސްފަ އެވެ.

މިހާރު އެވްރެޖްކޮށް ކޮންމެ ދުވަހަކު ރާއްޖެއަށް ތިންހާހަށްވުރެ ގިނަ ޓޫރިސްޓުން އަންނައިރު، ޓޫރިސްޓުން ރާއްޖޭގައި އެވްރެޖްކޮށް ނުވަ ދުވަހުގެ ޗުއްޓީއެއް ހޭދަކުރެ އެވެ.