ދުނިޔޭގައި ހުރި އެންމެ ބޮޑު މޫދު ކޮޓަރިތައް ސޮނޭވާފުށީގައި ހުޅުވައިފި އެވެ.

ސޮނޭވާފުށި ރިސޯޓާ ހަވާލާދީ ސީއެންއެންގައި ބުނެފައި ވަނީ އެ ރިސޯޓުގައި މިއަދު ހުޅުވި އެއް ބެޑްރޫމް ވިލާގެ ބޮޑުމިނުގައި 6،286 ފޫޓު ހުންނާނެ ކަމަށާއި ދެ ބެޑްރޫމް ވިލާއެއްގައި 9،224 ފޫޓު ހުންނާނެ ކަމަށެވެ. ނަމަވެސް މި ކޮޓަރިތައް ލިބޭ އަގުތަކެއް އޭގައި ނެތެވެ.

ނަމަވެސް ހުވަފެންފުށީގައި ހުރި 8 މޫދު ކޮޓަރި ވަނީ ބުކިން އަށް ހުޅުވާލައިފަ އެވެ. މީގެ ކުރިން އެރަށުގައި މޫދު ކޮޓަރިތަކެއް ނުހުރެ އެވެ.

ބ. އަތޮޅުގައި އޮންނަ ސޮނެވޭފުށީގައި އަލަށް ހެދި ވޯޓާ ވިލާއެއްގެ މަތިން ނަގާފައިވާ ފޮޓޯއެއް. މިއީ ދުނިޔޭގެ އެންމެ ބޮޑު ވޯޓާ ވިލާ. ފޮޓޯ: ސީއެންއެން

ބ. ކުންފުނަދޫގައި ހިންގާ އެ ރިސޯޓުގައި އަލަށް ހެދި މޫދު ކޮޓަރިތަކުގައި ތަޅުންގަނޑު ވަނީ ބިއްލޫރި ޖަހައިފަ އެވެ. އެ ތަނުން މޫދުގައި އުޅޭ މަސް މަހާއި މުރަކަ ފަދަ ތަކެތި ފެންނާނެ އެވެ. އަދި ޕްރައިވެޓް އައުޓްޑޯ ބާތު ޓަބާއި ޕްރައިވެޓް ޕޫލާއި ހިތްގައިމު އެތައް ތަނެއް ހިމެނިގެންދެ އެވެ. އަދި ވޯޓަ ސްލައިޑެއް ވެސް އެ ތަނުގައި ހުރެ އެވެ.

އިންޑިއާ ކަނޑުގައި ހުރި އެންމެ ބޮޑު އައުޓްޑޯ މޫވީ ސްކްރީން ވެސް ހުންނަނީ ސޮނޭވާފުށީގަ އެވެ.

ބ. އަތޮޅުގައި އޮންނަ ސޮނެވޭފުށީގައި އަލަށް ހެދި ވޯޓާ ވިލާއެއްގެ އެތެރެ. މިއީ ދުނިޔޭގެ އެންމެ ބޮޑު ވޯޓާ ވިލާ. ފޮޓޯ: ސީއެންއެން

ސޮނޭވާފުއްޓަކީ ރާއްޖޭގައި ހުރި އެންމެ އަގުބޮޑު ރިސޯޓުތަކުގެ ތެރެއިން ރިސޯޓެކެވެ. އެއީ ފަތުރުވެރިންގެ މެދުގައި ވެސް މަގުބޫލު ރިސޯޓެކެވެ.