މިއަހަރުގެ ފުރަތަމަ ކުއާޓާރުގައި އެމްޓީސީސީއަށް ސާފު ފައިދާގެ ގޮތުގައި 72.5 މިލިއަން ރުފިޔާ ލިބިއްޖެ އެވެ.

އެމްޓީސީސީން މިއަދު އާންމުކުރި މިއަހަރުގެ ފުރަތަމަ ކުއާޓަރުގެ މާލީ ތަފާތު ހިސާބުތައް ދައްކާގޮތުގައި ޓެކުހަށް ކެނޑުމުގެކުރިން ސާފު ފައިދާގެ ގޮތުގައި 72.5 މިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ. މިއީ 2020 ވަނަ އަހަރުގެ ފުރަތަމަ ކުއާޓާރގެ ނަތީޖާއާއި އަޅާބަލާއިރު 40.16 ޕަސެންޓް އިތުރު އަދަދެއް ކަމަށް އެކުންފުނިން ބުންޏެވެ.

އެމްޓިސީސީގެ މިއަހަރުގެ ފުރަތަމަ ކުއާޓަރގެ މާލީ ރިޕޯޓަށް ބަލާލާއިރު ފުރަތަމަ ކުއާޓާރގައި ޖުމުލަ 12.423 މިލިއަން ރުފިޔާގެ (2020 ވަނަ އަހަރުގެ ފުރަތަމަ ކުއާޓާރ: 53.353 މިލިއަން ރުފިޔާ( ވިޔަފާރި ކޮށްގެން 31.82 މިލިއަން ރުފިޔާ، ހިންގުމުގެ ފައިދާގެ ގޮތުގައި (2020 ވަނަ އަހަރުގެ ފުރަތަމަ ކުއާޓާރ: 44.72 މިލިއަން ރުފިޔާ) ވަނީ ރިކޯޑްކުރެވިފަ އެވެ. އަދި 2020 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި ޓެކުހައްކެނޑުމަށްފަހު ސާފު ފައިދާގެ ގޮތުގައި ވަނީ 67.61 މިލިއަން ރުފިޔާ ވަނީ ލިބިގެން ގޮސްފަ އެވެ.

އެމްޓީސީސީން ބުނީ މި ނަތީޖާއާއި އެކު ހިއްސާއަކަށް ޖެހުނު ފައިދާވަނީ 67.7 ރުފިޔާއަށް އަރާފައިވާ ކަމަށެވެ.

މިއަހަރުގެ ކުއާޓާރގައި ކުންފުނިން ހާސިލްކޮށްފައިވާ ލަނޑުދަނޑިތަކަށް ބަލާއިރު، ރާއްޖޭގެ ޢުމްރާނީ ތަރައްގީގެ ބައިވެރިއެއްގެ ގޮތުން ފުރަތަމަ ކުއާޓާރުގައި ވަނީ އުމްރާނީ ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ކާމިޔަބުކަމާއިއެކު ހިންގިފައިވާ ކަމަށް އެކުންފުނިން ބުންޏެވެ. އަދި 77 މަޝްރޫއެއްގައި މަސައްކަތްކޮށް، ފަސް މަޝްރޫއެއްގެ މަސައްކަތްތަނީ ކަމިޔާބުކަމާއެކު ނިންމާލާފައިވާއިރު 15 މަޝްރޫއުގެ މަސައްކަތް ފެށިގެން ކުރިއަށްދާ ކަމަށް ވެސް އެމްޓީސީސީން ބުންޏެވެ.

އެ ކުންފުނިން ބުނީ ކުންފުނީގެ އާންމު ވިޔަފާރި ދާއިރާއާއި ކުންފުނީގެ އެހެނިހެން ވިޔަފާރި ދާއިރާތަކަށް އަމާޒުކޮށް ތަފާތުއެކި މާކެޓިން ހަރަކާތްތަކެއް ވެސް މިކުއާޓަރު ތެރޭގައި ވެސް ހިންގިފައިވާ ކަމަށެވެ. އަދި އިންޓެގްރޭޓެޑް ނެޝަނަލް ޕަބްލިކް ފެރީ ނެޓްވޯކްގެ ފުރަތަމަ ފިޔަވަހީގެ އެއްބަސްވުމުގައި މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިން ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރާއެކު ސޮއިކޮށް، މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާފައިވާ ކަމަށް ވެސް އެމްޓީސީސީން ބުންޏެވެ.

މީގެ އިތުރުން ކުންފުނީގެ މަޝްރޫއުތައް ހިނގަމުންދާ ރަށްރަށުގެ މުޖުތަމައުތަކަށް ވެސް ކުންފުނީގެ އިޖުތިމާއީ ޒިންމާގެ ދަށުން އެކި ގޮތްގޮތުން އެހީތެރިކަންފޯރުކޮށްދީ ގިނަ މަސައްކަތްތަކެއް ކޮށްދީފައިވާ ކަމަށް ވެސް އެކުންފުނިން ބުންޏެވެ.

"ކުންފުނީގެ ވިޔަފާރި ފުޅާކޮށް ހިންގުން ހަރުދަނާކުރުމަށް އަޅަޏްޖެހޭ އެންމެހާ ފިޔަވަޅުތަކާއި އިސްތިރާޖީ ޕްލޭންތައް މިދަނީ ކުންފުނިން އެކުލަވާލާ، މާކެޓްގެ ހާލަތު ބަދަލުވަމުންދާ ގޮތަށް ރިއާޔަތްކޮށް މުރާޖައާކުރަމުން. އަދި ކުންފުނީގެ ވިޔަފާރީގެ މައިގަނޑު ދާއިރާތަކުން ހާސިލްކުރަން ބޭނުންވާ ލަނޑުދަޑިތަކާއި މާލީ ނަތީޖާ ހޯދުމަށް ކުންފުނިން މިދަނީ ކެނޑިނޭޅި މަސައްކަތް ކުރަމުންދަނީ،" އެމްޓީސީސީން ބުންޏެވެ.

ނަމަވެސް ކޮވިޑް-19ގެ ހާލަތައް ބަލާ ފަރުވާތެރިކަމާއެކު ވިޔަފާރިތަކަށް މިހާލަތުގައި ގެންނަންޖެހޭ ބަދަލުތަށް ގެނެސް، ވިޔަފާރި ކުރިއަރުވާ، ކުންފުނީގެ މަގުސަދުތައް ހާސިލުކުރުމަށް ހިކުމަތްތެރިކަމާއެކު ފިޔަވަޅުތައް އަޅައި، މި ފިޔަވަޅުތަކުގެ ނަތީޖާ ހާސިލްކުރެވިފައިވާ ކަމުގެ އުފާވެރި ޚަބަރު ހިއްސާދާރުންނަށް ފޮނުވާ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.