މިދިޔަ އަހަރު ރާއްޖެއިން މަސް އެކްސްޕޯޓްކޮށްފައިވާ މިންވަރު 19 ޕަސަންޓު އިތުރުވެފައިވާކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯތިޓީ (އެމްއެމްއޭ)އިން ބުނެފި އެވެ.

އެމްއެމްއޭއިން ނެރުނު މިދިޔަ އަހަރުގެ އަހަރީ ރިޕޯޓްގައިވާ ގޮތުން އެ އަހަރުގެ ފުރަތަމަ ކުއާޓާގައި ރާއްޖެއިން މަސް އެކްސްޕޯޓްކުރާ މިންވަރަށް ކުރިއެރުން ލިބުމަށްފަހު އަހަރުގެ ދެވަނަ ކުއާޓަރުގައި ވަނީ 20 ޕަސެންޓް ވަނީ ދަށަށް ގޮސްފަ އެވެ.

އެކްސްޕޯޓްކުރާ މިންވަރު ދަށްވި މައިގަނޑު ސަބަބަކީ ކޮވިޑް-19އާ ގުޅިގެން ގައުމުތަކުގެ ބޯޑަރުތައް ބަންދުވުމެވެ.

ނަމަވެސް އަހަރުގެ ތިންވަނަ ކުއާޓާގައި ބޯޑަރުތައް އަލުން ހުޅުވާލަމުން، ރާއްޖެއިން މަސް ބޭރުކުރާ މިންވަރަށް ކުރިއެރުން ވަނީ ލިބިފަ އެވެ. އެގޮތުން އަހަރުގެ ހަތަރުވަނަ ކުއާޓަރުގައި ރާއްޖެއިން މަސް ބޭރުކޮށްފައިވާ މިންވަރު ވަނީ ތިންވަނަ ކުއާޓަރާއި އަޅާ ބަލާއިރު 77 ޕަސަންޓު އިތުރުވެފައި ކަމަށް އެމްއެމްއޭއިން ބުންޏެވެ.

ދެހާސް ވިހި ވަނަ އަހަރު އެކްސްޕޯޓްކުރި މަހުގެ މިންވަރު އިތުރުވުމުގެ މައިގަނޑު ސަބަބަކީ ގަނޑުކުރި ކަޅުބިލަމަހުގެ އަދަދު އިތުރުވުމާއި، ގަނޑުކުރި އަދި ޕްރޮސެސްކޮށްފައި ހުންނަ ރީނދޫ އުރަޙަ ކަންނެލި ރާއްޖެއިން އެކްސްޕޯޓްކޮށްފައިވާ މިންވަރު އިތުރުވުމެވެ. ތާޒާ ކަންނެލި އަދި ދަޅުގައި ބަންދުކޮށްފައި އާއި ޕައުޗުގައި ބަންދުކޮށް ހުންނަ މަސް މިދޔަ އަހަރު އެކްސްޕޯޓްކުރި މިންވަރު ވަނީ ދަށްވެފަ އެވެ.