ގެސްޓް ހައުސް ތަރައްގީކުރުމަށް ހއ. ހޯރަފުށިން ހަ ބިމެއް ބީލަމަށް ލައިފި އެވެ.

ހޯރަފުށީގައި ލޯކަލް ޓޫރިޒަމް ކުރި އެރުވުމަށް އެރަށު ކައުންސިލުން ކުރަމުންދާ މަސައްކަތުގެ ދަށުން މިއަހަރުގެ ކުރީކޮޅު ވަނީ ހަތް ބިމެއްގައި ގެސްޓްހައުސް ތަރައްގީކުރަން ބީލަމަށް ހުޅުވާލާފަ އެވެ. ނަމަވެސް އެގްރިމެންޓްގައި ސޮއިކޮށްފައިވަނީ އެންމެ ފަރާތަކާ އެކު އެވެ.

އެ ރަށު ކައުންސިލްގެ ރައީސް ހޯރަފުށީ ކައުންސިލްގެ ރައީސް މުހައްމަދު ވަހީދު ވިދާޅުވީ އޭރު ހުޅުވާލި ބިންތަކުގެތެރެއިން އަލުން ހަ ބިމެއް ބީލަމަށް މިހާރު ހުޅުވާލާފައިވާ ކަމަށެވެ. އަދި ވިދާޅުވީ ބިޑް ހުށަހަޅަން ޖެހެނީ މޭއި މަހުގެ 27ވަނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ބިޑް ހުށަހަޅާ ދުވަހު ބިޑް ހުޅުވުން ވެސް ކުރިއަށްގެންދިޔުމަށް ވަނީ ހަމަޖެހިފަ އެވެ. ގެސްޓްހައުސް ތަރައްގީކުރަން ކުރަން ހުޅުވާލުމުން ގިނަ އަދަދެއްގެ ބަޔަކު ޝައުގުވެރިކަން ފާޅުކުރި ކަމަށް ވެސް ވަހީދު ވިދާޅުވި އެވެ.

ގެސްޓުހައުސް ތަރައްގީކުރުމަށް ދޫކުރުމަށް ހަމަޖެހިފައިވަނީ އެކި ސައިޒުގެ ބިންތަކެވެ. އެގޮތަށް ބިންތައް ދޫކުރުމަށް ހަމަޖެއްސީ ވެސް ގެސްޓުހައުސް ތަރައްގީކުރަން ޝައުގުވެރިވާ ފަރާތްތަކަށް ފަސޭހަ ކުރުމަށެވެ.

މިހާރު ހޯރަފުށީގައި ހުރީ ހަތަރު ގެސްޓުހައުސް އެވެ. އެރަށުގެ އެއާޕޯޓު މިދިޔަ އަހަރުތެރޭ ހުޅުވާފައިވާއިރު، ފަތުރުވެރިކަން އެރަށުގައި ތަރައްގީކުރުމަށް ގިނަ ފުރުސަތުތަކެއް ލިބިގެންދާނެ އެވެ.