މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)އިން މާލޭ ވިޔަފާރި ބަނދަރަށް ގެންނަ މުދާ އަތޮޅު ތެރޭގެ ރަށްތަކަށް ގެންދިއުމުގައި ލުއި ގޮތެއް ހޯދައިދިނުމުގެ މަގުސަދުގައި މޯލްޑިވްސް ކޮންޓެއިނާ ފެރީގެ ހިދުމަތް ފެށުމަށް ނިންމައިފި އެވެ.

އެމްޕީއެލްގެ މެނޭޖިން ޑިރެކްޓަރު ޝާހިދު އަލީ ވިދާޅުވީ، އަތޮޅު ތެރޭ ބަނދަރުތަކަށް ވަރަށް ބައިވަރު ކޮންޓެއިނަރު ގެންދާ ކަމަށެވެ. އަދި އެގޮތަށް ކޮންޓެއިނާ ފެެރީގެ ހިދުމަތް ދެނީ ދެތިން ފަރާތަކުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޝާހިދު ވިދާޅުވީ އެ ވިޔަފާރިތަކުން ކޮންޓެއިނާ ފެރީގެ ހިދުމަތް ދެނީ ރޫޓިން ޝެޑިއުލެއް ނެތި ކަމަށެވެ. އަދި ވިދާޅުވީ އެމްޕީއެލްއިން ކޮންޓެއިނާ ފެރީގެ ހިދުމަތް ދޭން ނިންމީ ރޫޓިން ޝެޑިއުލެއް އެ ވިޔަފާރިތަކުގައި ނެތުމުން އެކަން ހައްލުކޮށް ދިނުމަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އަތޮޅު ތެރޭގެ ބަނދަރުތަކަށް ވަރަށް ބައިވަރު ކޮންޓެއިނަރު އެބަ ގެންދޭ. ގިނައިން މި ހިދުމަތް ދެނީ އަމިއްލަ ފަރާތްތަކުން. ރޫޓިން ހިދުމަތެއް ނޯވޭ. ރޫޓީން ޝެޑިއުލްޑް ހިދުމަތެއް ދޭން ވެގެން މި ހިދުމަށް ފަށަނީ،" ޝާހިދު ވިދާޅުވި އެވެ.

ކޮންޓެއިނާ ފެރީގެ ހިދުމަތް އެމްޕީއެލްއިން ފެށުމާއެކު އަތޮޅު ތަކަށް މުދާ ގެންދިޔުމަށް ކުރަން ޖެހޭ ހަރަދު ދައްވާނެ ކަމަށާއި، އެކަމުގެ ސަބަބުން މުދަލުގެ އަގަށް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށް ޝާހިދު ދެކެވަޑައިގަންނަވަ އެވެ. އަމިއްލަ ފަރާތްތަކުން ކޮންޓެެއިނާ އުފުލައިދެނީ 30،000 ރުފިޔާ އާއި 80،000 ރުފިޔާ އާއި ދެމެދުގެ އަގުތަކެއްގަ އެވެ.

އެމްޕީއެލުން އެ ހިދުމަތް ދޭން ހަމަޖެހިފައި ވަނީ މިއަށް ވުރެ އެއަށް ވުރެ ހެޔޮ އަގުތަކެއްގަ އެވެ. ނަމަވެސް އަދި އަގުތަށް އާންމު ނުކުރެ އެވެ.

އަައްޑޫގެ ހިތަދޫ ޕޯޓަށާއި ކުޅުދުއްފުށި ޕޯޓަށް ކޮންޓެއިނާ އުފުލުމަށް އެމްޕީއެލުން ވަނީ ނިންމާފަ އެވެ. އަދި ތިނަދޫ ބަނދަރުގެ މަސައްކަތް ނިމުމުން އެ ރަށަށް ވެސް ދަތުރު ކުރާނެ އެވެ. އަންނަ މަހު މި ހިދުމަތް ފަށަން ހަމަޖެހިފައި އޮތީ އެއް އުޅަދާއެކު އެވެ. ތަރުހީބު ލިބޭ މިންވަރަކުން ހިދުމަތް ފުޅާ ކުރަމުން ގެންދާނެ ގޮތަށް އެމްޕީއެލްއިން ވަނީ ނިންމައިފަ އެވެ.