ހދ. ނާގޯށީގައި ރިސޯޓެއް ތަރައްގީކުރުމުގެ އަމަލީ މަސައްކަތް މިއަހަރު މެދުތެރޭގައި ފެށޭނެ ކަމަށް އެމްޓީޑީސީގެ މެނޭޖިން ޑިރެކްޓަރު ތަޒްމީލް އަބްދުއްސަމަދު ވިދާޅުވެއްޖެ އެވެ.

ޕީއެސްއެމްއަށް ދެއްވި އިންޓަވިއުއެއްގައި ތަޒްމީލް ވިދާޅުވީ، ރިސޯޓް ތަރައްގީކުރުމުގެ އަމަލީ މަސައްކަތް ފެށުމަށް ރަށުގައި ސާފުކުރަންޖެހޭ ބައެއް ހިސާބުތައް މިހާރު ސާފުކޮށް ނިމިފައިވާ ކަމަށެވެ.

ނާގޯށިއަކީ ބިމުގެ ގޮތުން ބޮޑު ރަށެކެވެ. އެ ރަށުގެ ބިމުގެ ބޮޑު މިނުގައި 73 ހެކްޓަރު ހުރެ އެވެ. ނާގޯށީގައި ރިސޯޓެއް ހެދުމަށް މިދިޔަ ހުރިހާ ސަރުކާރުތަކުން ވެސް މަސައްކަތް ކޮށްފައިވެ އެވެ. އެ ރަށުގައި ރިސޯޓެއް ހަދާ މިދައުރުގެ ތެރޭގައި ހިދުމަތް ދޭން ފެށުމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ރިޔާސީ ވައުދެކެވެ.

ތަޒްމީލް ވިދާޅުވީ، ނާގޯށީގައި ރާއްޖޭގެ އެންމެ އުތުރަށް ކަމަށްވުމުން ބައެއް ދަތިތައް ދިމާވާ ކަމަށެވެ. އެގޮތުން އޭނާ ފާހަގަކުރެއްވީ އެންމެ އުތުރުގައި ރިސޯޓެއް ތަރައްގީކުރާއިރު އެންމެ ފުރަތަމަ ވެސް އިންވެސްޓަރުން ބަލާނީ ޓްރާންސްޕޯޓަށް ކަމަށެވެ. ނަމަވެސް އެ ދަތިތައް ހުރި ނަމަވެސް މިހާރު ބޭރުގެ އިންވެސްޓަރަކު ލިބިފައިވާ ކަމަށް ތަޒްމީލް ވަނީ ވިދާޅުވެފަ އެވެ.

އެންމެ އުތުރުގައި ތަރައްގީކުރާ ރިސޯޓް ހިމެނިގެންދާނީ ފަތުރުވެރިކަމުގެ އެނދުގެ އަދަދުން ބަލާނަމަ، ރާއްޖޭގައި މިހާތަނަށް ތަރައްގީކުރާ އެންމެ ބޮޑު ރިސޯޓްތަކުގެ ތެރޭގަ އެވެ. އެ ރިސޯޓް ތަރައްގީކުރަން ނިންމާފައި ވަނީ ފަސް ތަރި އާއި ހަ ތަރީގެ ރިސޯޓެއްގެ ގޮތުގަ އެވެ.

އެމްޓީޑީސީން މިހާރުވެސް ވަނީ ދެ ރަށެއް ކުއްޔަށްދީފަ އެވެ. އެއީ އަނަންތަރާ ކިހަވަކާއި އަޔާޑާ މަގުއްދޫ އެވެ. އެމްޓީޑީސީއަކީ ފަތުރުވެރިކަމުގެ ސިނާއަތުގެ މަންފާ ދިވެހި ރައްޔިތުންނަށް ހޯދައިދިނުމުގެ ގޮތުން ސަރުކާރުން 2006 ވަނަ އަހަރު އުފެއްދެވި ކުންފުންޏެކެވެ.