އިންޑިއާގެ ކޮޗިން އާއި ހދ. ކުޅުދުއްފުއްޓާ ދެމެދު ފެށި ކާގޯ ފެރީގެ ޚިދުމަތާއެކު، ކުޅުދުއްފުށި ބޮޑެތި ޝިޕިން އެޖެންސީތަކުގެ މެޕަށް އަރާނެ ކަމަށް ރާއްޖޭގައި ހުންނަވާ އިންޑިއާ ސަފީރު ސަންޖޭ ސުދީރު މިއަދު ވިދާޅުވެއްޖެ އެވެ.

އިންޑިއާގެ ކޮޗިންއިން މުދާ ހިފައިގެން ހދ.ކުޅުދުއްފުއްޓަށް ދިޔަ ފުރަތަމަ ކާގޯ ފެރީއަށް މަރުޙަބާ ކިޔުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އިންޑިއާ ސަފީރު ވިދާޅުވީ މި ޚިދުމަތާއެކު ކުޅުދުއްފުޓަށް ގިނަ ފައިދާތަކެއް ލިބި، އަތްފޯރާފަށުގައި ތަކެތި ވެސް ލިބިގެންދާނެ ކަމަށެވެ. އަދި ކާގޯ ފުރަތަމަ ފެރީގައި ވެސް ރާއްޖެއަށް ބޭނުންވާ ޒަރުރީ އެތައް ސާމާނެއް ގެނެސްފައިވާ ކަމަށް ސަންޖޭ ސުދީރު ވިދާޅުވި އެވެ.

ކޮޗިން ފެރީ ކުޅުދުއްފުއްޓަށް ކުރި ފުރަތަމަ ދަތުރު ފާހަގަކުރަން ފޮރިން މިނިސްޓަރާއި އިންޑިއާ ސަފީރު ބައިވެރިވެވަޑައިގަންނަވަނީ. ފޮޓޯ: ފޮރިން މިނިސްޓްރީ

"ޚާއްސަގޮތެއްގައި ރާއްޖޭގެ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށާއި މަސްވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ވިޔަފާރިތަކަށް މީގެން ކުރާ ފައިދާ ބޮޑުވާނެ. އަދި ކުޑަ ރާއްޖެއަށް އިންޑިއާގެ އެއް ބިލިއަން މީހުންގެ އާބާދީއަށް މުދާ އެކްސްޕޯޓް ކުރުމުގެ ފުރުސަތު ލިބިގެންދާނެ،" އިންޑިއާ ސަފީރު ވިދާޅުވި އެވެ.

އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވީ ކުޅުދުއްފުއްޓަށް ފެށި ކާގޯ ފެރީ އަކީ އުތުރުގެ ރަށްތަކަށް އަންނަ ތަރައްގީގެ އާ ފެށުމެއް ކަމަށެވެ. އަދި މިފެރީގެ ސަބަބުން ކުރިއަށް އޮތް އަހަރުތަކުގައި މިކަމުގެ ހެޔޮ ނަތީޖާތައް ފެންނަމުންދާނެ ކަމަށާއި މިއީ ބޮޑު ތިލަދުންމަތި ބޮޑަށް ތަރައްގީވެ ކުރިއަށް ދިއުމަށް ކުރެވޭ މަސައްކަތެއް ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

ކޮޗިން ފެރީ ކުޅުދުއްފުއްޓަށް ކުރި ފުރަތަމަ ދަތުރު ފާހަގަކުރަން ބޭއްވި ރަސްމިއްޔާތުގައި ފޮރިން މިނިސްޓަރު ވާހަކަދައްކަވަނީ. ފޮޓޯ: ފޮރިން މިނިސްޓްރީ

"މި ޚިދުމަތުގެ ސަބަބުން އުތުރުގެ ބަނދަރުތަކަށް ބޭރުން މުދާގެނެސް އެ މުދާ އުތުރުގެ ސަރަޙައްދަށް ފެތުރިގެންދާނެ ގޮތް މިވަނީ ފަހިވެފައި. މިއީފަޚުރުވެރިވާންވީ ކަމެއް،" ޝާހިދު ވިދާޅުވި އެވެ.

ފޮރިން މިނިސްޓަރު ވިދާޅުވީ އިންޑިއާގެ ކޮޗިންއާއި ކުޅުދުއްފުއްޓާ ދެމެދު ކާގޯ ފެރީ ފެށުމަކީ މާލެއަށް ބަރޯސާވެ ތަރައްގެގެ ކަންކަން ކުރަމުން އައި އައުން ނިމުމަކަށް ގެނައުމުގެ ފެށުން ކަމަށެވެ. އަދި އަލަށް ފެށި ކާގޯ ފެރީގެ ސަބަބުން އިންޑިއާ އާއި ރާއްޖެއާ ދެމެދު އޮންނަ ގުޅުން މިހާރަށްވުރެ ހަރުދަނާވެ، އަދި މިގޮތަށް ހުޅުވާލެވޭ ކޮންމެ ދޮރަކީ އިގްތިސާދަށް އަންނަ ދިރުމެއް ކަމަށް ޝާހިދު ވިދާޅުވި އެވެ.

އިންޑިއާގެ ކޮޗިން އިން ރާއްޖެ އައި ފުރަތަމަ ކާގޯ ފެރީ ބޯޓު ކުޅުދުއްފުށީ ބަނދަރުގައި. ފޮޓޯ: ފޮރިން މިނިސްޓްރީ

އިންޑިއާގެ ކޮޗިންއިން ކާގޯއާ އެކީ އައި، މި ފުރަތަމަ ފެރީއަކީ އެއްފަހަރާ 3،000 ޓަނުގެ މުދާ އުފުލޭ ބޯޓެކެވެ. ފުރަތަމަ ދަތުރުގައި ކުޅުދުއްފުއްޓަށް 500 ޓަނުގެ ސިމެންތިއާއި، އަދި އެހެނިހެން ބާވަތްތަކުގެ މުދާ ހިމެނޭ ދެ ކޮންޓެއިނަރު ގެނެސްފައިވެ އެވެ.