އަވައްޓެރި ސްރީ ލަންކާގެ ވެރިރަށް ކޮލޮމްބޯގެ ޕޯޓުގައި ތާށިވި 4،000 ކޮންޓެއިނަރު މިހާރު މާލޭ ވިޔަފާރި ބަނދަރަށް ގެނެސްފައިވާ ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)އިން މިއަދު ބުނެފި އެވެ.

މި އަހަރުގެ ކުރީކޮޅު ރާއްޖެއަށް މުދާ ހިފައިގެން އައި ބޯޓުފަހަރުގެ އަދަދު ކުއްލިއަކަށް އިތުރުވުމާއި، ބައެއް ބޯޓުތަކުން އާދަޔާޚިލާފަށް ގިނައިން ކޮންޓެއިނަރު ގެނައުމާ ގުޅިގެން މާލޭ ބަނދަރުގެ ޖާގައިގެ ދަތިކަން ބޮޑުވެ، މުދާ ބޭލުން ލަސްވި އެވެ.

މިކަމުގެ ސަބަބުން ރާއްޖެއަށް ނުގެނެވި ކޮލޮމްބޯ ޕޯޓުގައި 4،200 އަށްވުރެ ގިނަ ކޮންޓެއިނަރު ތާށިވެފައި ހުރިކަން މިދިޔަ އޭޕްރީލް މަހު އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވެސް ހާމަކުރެއްވި އެވެ.

އޭގެ ސަބަބުން މުދާ ލިބުން ލަސްވެ ވިޔަފާރިވެރިންގެ ކަންބޮޑުވުންތަކެއް ހުއްޓެވެ.

އެމްޕީއެލްއިން ބުނި ގޮތުގައި މާލޭގެ ބަނދަރަށް ދިމާވާ މިފަދަ ޖާގައިގެ މައްސަލަތަކަށް ދާއިމީ އަދި ޒަމާނީ ހައްލެއް ލިބޭނީ މާލޭ ވިޔަފާރި ބަނދަރު ކ. ތިލަފުއްޓަށް ބަދަލުކުރެވިގެންނެވެ. އެގޮތުން ތިލަފުށީގެ އައު ކޮމާޝަލް ޕޯޓް ތަރައްގީކުރުމުގެ ބޮޑު މަޝްރޫއެއް މިހާރު ވަނީ ފަށައިފަ އެވެ.