މިދިޔަ މަހުގެ ނިޔަލަށް ރާއްޖެ އައި ޓޫރިސްޓުންގެ އަދަދު މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 65.1 ޕަސެންޓް ދަށަށް ހިނގައްޖެ އެވެ.

ކޮވިޑް-19 އާ ގުޅިގެން މިދިޔަ މާޗް މަހުގެ 27ން ފެށިގެން ބޯޑަރު ބަންދުކުރުމަށްފަހު އަލުން ހުޅުވާލީ މިދިޔަ ޖުލައި 15ގަ އެވެ. އޭގެ ފަހުން ރާއްޖެއަށް ޓޫރިސްޓުން މަދުމަދުން އަންނަން ވަނީ ފަށައިފަ އެވެ. އެއާއެކު މިއަހަރުގެ މިހާތަނަށް އައީ 402،089 ޓޫރިސްޓުންނެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން ބޯޑަރު ހުޅުވާލިފަހުން މިހާތަނަށް އައީ 16،405 ޓޫރިސްޓުންނެވެ.

އެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ މަސް ނިމުނުއިރު ޓޫރިސްޓުންނަށް ހިދުމަތް ދިނުމަށް 971 ތަނެއް ރަޖިސްޓްރީކޮށްފައިވެ އެވެ. މިއީ 52،460 އެނދެވެ. މިއީ މިދިޔަ އަހަރުގެ އެ މުއްދަތާއި އަޅާ ބަލާއިރު 5.5 ޕަސެންޓް އިތުރު އަދަދެކެވެ. މިދިޔަ އަހަރުގެ އޮގަސްޓުމަހުގެ ނިޔަލަށް ޓޫރިޒަމް މިނިސްޓްރީގައި ރަޖިސްޓްރީކޮށްފައި ވަނީ 892 ތަނެކެވެ.

ޓޫރިސްޓުންނަށް ޙިދުމަތް ދިނުމަށް ރަޖިސްޓްރީކޮށްފައިވާ ތަންތަނުގެ އަދަދު އިތުރުވި ނަމަވެސް މިހާތަނަށް ހިމަތްދޭން ފަށާފައި ވަނީ 164 ތަނަކުންނެވެ. މިއީ 19،223 އެނދެވެ.

ރާއްޖޭގެ އޮކިއުޕެންސީ ރޭޓަށް ބަލާލާއިރު، މިދިޔަ މަހުގެ އޮކިއުޕެންސީ ރޭޓަކީ ހުރީ 11.3 ޕަސެންޓްގަ އެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި އޮކިއުޕެންސީ ރޭޓު ހުރީ 62.4 ޕަސެންޓްގަ އެވެ.

ރިސޯޓުތަކާއި ސަފާރީތައް ޓޫރިސްޓުންނަށް ހުޅުވާލި ނަމަވެސް މީހުން ދިރިއުޅޭ ރަށްރަށުގައި ހިންގާ ގެސްޓުހައުސްތައް ހުޅުވުމުގެ ހުއްދައެއް ސަރުކާރުން އަދި ނުދެ އެވެ. ނަމަވެސް ކޮވިޑް ފެތުރެމުންދާ ގޮތަށް ބަލައި އަންނަ މަހުގެ 15 ވަނަ ދުވަހު އަތޮޅުތެރޭގެ ގެސްޓްހައުސްތައް ހުޅުވުމަށް ހުއްދަދިނުމަށް ސަރުކާރުން މިހާރު ވަނީ ނިންމާފަ އެވެ. މާލޭ ސަރަހައްދުގެ ގެސްޓްހައުސްތައް ހުޅުވޭނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން ލަފާކުރަނީ އަންނަ ނޮވެމްބަރުގެ ކުރީކޮޅު އެވެ.

ރާއްޖޭގެ ބޯޑަރު ހުޅުވާލިފަހުން މިހާތަނަށް އެންމެ ގިނައިން ޓޫރިސްޓުން އައި 10 ގައުމުގެ ތެރޭގައި ހިމެނެނީ ޔޫއޭއީ، ރަޝިއާ، އެމެރިކާ، ޔޫކޭ، އަދި ސްޕެއިން، ޖަރުމަނު، ފްރާންސް، ބްރެޒިލް، ޔޫކްރެއިން އަދި މިސްރެވެ.