މިދިޔަ މަހު މީރާއިން ބަލައިގަނެފައިވާ އާމްދަނީ 2.05 ބިލިއަން ރުފިޔާއަށް އަރައިފި އެވެ.. މި އަދަދަކީ މޭ 2026 ގައި ލިބޭނެކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ 0.3 ޕަސެންޓް ދަށް އަދަދެކެވެ. އަދި ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ 5.8 ޕަސެންޓް ދަށް އަދަދެކެވެ.
މޭ 2026 އަށް އަންދާޒާ ކޮށްފައިވާ އާމްދަނީއަށްވުރެ 0.3 ޕަސެންޓް ދަށްވި މައިގަނޑު އެއް ސަބަބަކީ ޓޫރިޒަމް ދައިރާ ނޫން ދާއިރާތަކުގެ ޖީއެސްޓީ އާއި ގްރީން ޓެކުހާއި، ރިޒޯޓުތަކުގެ ކުލީގެ އިތުރުން ކޯޓާ ފީއިން ލިބިފައިވާ އާމްދަނީ ދަށްވުމެވެ.
މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކާއި ގުޅިގެން، 2025 ވަނަ އަހަރުގެ މޭ މަހާ އަޅާބަލާއިރު 2026 ވަނަ އަހަރުގެ މޭ މަހު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 4.4 ޕަސެންޓް ދަށްވެ، ފަތުރުވެރިކަމާ ގުޅުންހުރި ދާއިރާތަކުގެ އާމްދަނީ ވަނީ ދަށްވެފަ އެވެ. މޭ މަހު ލިބުނު އާމްދަނީގެ 13.8 ޕަސެންޓަކީ ކުރީގެ ސުންގަނޑިތަކަށް ދައްކާފައިވާ ފައިސާ އެވެ. އަދި އާމްދަނީގެ އިތުރު 21.9 ޕަސެންޓް ލިބިފައިވަނީ ނުދެއްކި ހުރި ފައިސާ ހޯދުމަށް އަމާޒުކޮށްގެން ކުރިއަށް ގެންދިޔަ މަސައްކަތުންކަން ވެސް މީރާއިން ފާހަގަކުރެ އެވެ.
މީރާއިން މައުލޫމާތުދޭ ގޮތުގައި، މޭ 2025 ގައި ލިބުނު އާމްދަނީ އާ އަޅައިބަލާއިރު މޭ 2026 ގައި ލިބިފައިވާ އާމްދަނީ ދަށްވުމުގެ މައިގަނޑު ސަބަބަކީ، ޓޫރިޒަމް ދާއިރާގެ ޖީއެސްޓީ އާއި ގްރީން ޓެކުހާއި، އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި ލިބުނު އާމްދަނީ މަދުވުމެވެ. ފަތުރުވެރިކަމާ ގުޅުންހުރި ދާއިރާތަކުގެ އާމްދަނީ 19.5 ޕަސެންޓް ދަށްވެފައިވަނީ، 2025 ވަނަ އަހަރު މޭ މަހާއި އަޅައިބަލާއިރު 2026 ވަނަ އަހަރުގެ މޭ މަހު ދިވެހިރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 24.4 ޕަސެންޓް ދަށްވުމާ ގުޅިގެންނެވެ.
މީގެ އިތުރުން، ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ (ސީއެސްއާރު) ފީގެ ގޮތުގައި ލިބުނު އާމްދަނީ ވެސް މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު ވަނީ ދަށްވެފަ އެވެ.
ނުލިބިހުރި ފައިސާ ހޯދުމަށް ކުރެވުނު މަސައްކަތުގެ ތެރެއިން، މޭ 2026 ގައި މީރާއިން ވަނީ ޖުމްލަ 382 މިލިއަން ރުފިޔާ ހޯދައިފަ އެވެ. މީގެ ތެރޭގައި، ނޯޓިސް ފޮނުވައިގެން 242 މިލިއަން ރުފިޔާ އަދި ޑިއުސް ކްލިއަރެންސްގެ ތެރެއިން 68 މިލިއަން ރުފިޔާ ހޯދައިފައިވެއެވެ. ހަމައެއާއެކު އިންސްޓޯލްމަންޓް އެއްބަސްވުމުގެ ދަށުން 59 މިލިއަން ރުފިޔާ، ޓެކްސް ދައްކާ ފަރާތްތަކަށް ފައިސާ ދެއްކުމަށް ހަނދާންކޮށްދިނުމަށް ކުރި ފޯނު ކޯލުތަކުގެ ޒަރިއްޔާއިން 9 މިލިއަން ރުފިޔާ އާއި އެކްޝަން ޕޮލިސީގެ ދަށުން 3 މިލިއަން ރުފިޔާ ވަނީ ހޯދައިފަ އެވެ.
މޭ 2026 ގައި މީރާއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީ.އެސް.ޓީއެވެ. އެއީ 56.3 ޕަސެންޓް ނުވަތަ 1.1 ބިލިއަން ރުފިޔާ އެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ އާމްދަނީން ނަގާ ޓެކުހުންނެވެ. އެއީ 11.4 ޕަސެންޓް ނުވަތަ 234 މިލިއަން ރުފިޔާ އެވެ. މީގެ އިތުރުން އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 158 މިލިއަން ރުފިޔާ (7.7 ޕަސެންޓް)، ޑިޕާޗާ ޓެކުހުގެ ގޮތުގައި 156 މިލިއަން ރުފިޔާ (7.6 ޕަސެންޓް)، ގްރީން ޓެކުހުގެ ގޮތުގައި 139 މިލިއަން ރުފިޔާ (6.8 ޕަސެންޓް)، އަދި ވާކް ޕާމިޓް ފީގެ ގޮތުގައި 71 މިލިއަން ރުފިޔާ (3.5%) ލިބިފައިވެ އެވެ.
މޭ 2026 ގައި ބަލައިގަނެފައިވާ އާމްދަނީގެ ތެރޭގައި 89 މިލިއަން އެމެރިކާ ޑޮލަރު ހިމެނެއެވެ.

