ޑޮލަރުގެ ތާށިކަން އިންތިހާއަށް ބޮޑުވެ، ކަޅު ބާޒާރުގައި ޑޮލަރެއް ގަންނަން ލިބޭ އަގު އިންތިހާއަށް ބޮޑުވެފައިވާ ދަނޑިވަޅެއްގައި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބޭންކުތަކަށް ދޫކުރާ ޑޮލަރު އިތުރުކުރަން ނިންމައިފި އެވެ.
ޓޫރިޒަމްގެ އޮފް-ސީޒަނާ ދިމާކޮށް ބޭރު ފައިސާ ވަންނަ މިންވަރު މަދުވި ނަމަވެސް، ޑޮލަރަށް އޮތް ޑިމާންޑް އެއްވަރެއްގައި ހިފެހެއްޓިފައި ވާތީ ކުރިމަތިވާ ދަތިތަކަށް ހައްލެއް ހޯދައި ދިނުމަށް މަރުކަޒީ ބޭންކުން ވަނީ ހާއްސަ އިސްނެގުމެއް ނަގާފަ އެވެ. އެގޮތުން އަންނަ ހަފުތާގެ އާދިއްތަ ދުވަހުން ފެށިގެން ކުރިއަށް އޮތް ތިން މަސް ދުވަހުގެ މުއްދަތަށް ބޭންކުތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު 25 ޕަސެންޓު އިތުރުކުރުމަށް އެމްއެމްއޭއިން ވަނީ ނިންމާފަ އެވެ.
މިއީ ބޭންކިން ނިޒާމުގެ ތެރޭގައި ހުރި ބޭރު ފައިސާގެ ދަތިކަން ކުޑަކޮށް، ރައްޔިތުންގެ ޒަރޫރީ ބޭނުންތަކަށް ބޭނުންވާ ފައިސާ ވީހާ ވެސް ފަސޭހައިން ލިބޭނެ މަގު ފަހިކޮށްދިނުމަށްޓަކައި ރުފިޔާގެ އަގު ހިފެހެއްޓުމުގެ މަގުސަދުގައި އެޅި ވަގުތީ "އިންޓަވެންޝަން" ފިޔަވަޅެކެވެ.
މަރުކަޒީ ބޭންކުން އާންމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު، މި އަހަރުގެ ފުރަތަމަ ފަސް މަސްދުވަހުގެ ތެރޭގައި ބޭންކުތައް މެދުވެރިކޮށް ވިޔަފާރިތަކަށާއި އާންމުންނަށް ވިއްކި ބޭރު ފައިސާގެ އަދަދު ވަނީ ކުރީ އަހަރާ އަޅާބަލާއިރު 72 ޕަސެންޓު އިތުރުވެފަ އެވެ. މިއިން އެނގެނީ ބާޒާރުގައި ޑޮލަރުގެ ސަޕްލައި އިތުރުކުރަން ޖެހުނު މައިގަނޑު ސަބަބަކީ ބޭނުންތައް އިތުރުވުން ކަމެވެ. މީގެ ތެރެއިން ވެސް އެންމެ ބޮޑު ޑިމާންޑެއް އުފެދިފައި ވަނީ ރާއްޖޭން ބޭރުން ބޭސްފަރުވާއާއި ތައުލީމީ ހިދުމަތް ހޯދާ ފަރާތްތަކުގެ މެދުގަ އެވެ. ހާއްސަކޮށް ބޭންކުތައް މެދުވެރިކޮށް ތައުލީމީ ބޭނުންތަކަށް ވިއްކި ޑޮލަރުގެ މިންވަރު ވަނީ 78 އިންސައްތައަށް މަތިވެފަ އެވެ.
މީގެ އިތުރުން ގައުމަށް ބޭނުންވާ ތެލާއި، ކާޑުގެ ބާވަތްތަކުގެ އިތުރުން ބޭހާއި މެޑިކަލް އިކުއިޕްމަންޓް އެތެރެކުރުމަށް އެމްއެމްއޭއިން ވިއްކި ބޭރު ފައިސާގެ އަދަދު ވެސް ވަނީ ކުރީ އަހަރުގެ އެ މުއްދަތަށްވުރެ 30 އިންސައްތަ އިތުރުވެފަ އެވެ.
މި ފިޔަވަޅާއެކު ބޭންކުތަކުން ކަސްޓަމަރުންނަށް ފޯރުކޮށްދޭ ހިދުމަތްތައް އިތުރަށް ހަރުދަނާވެ، ޑޮލަރުގެ ދަތިކަމަށް ލުޔެއް ލިބޭނެ ކަމަށް އެމްއެމްއޭއިން ލަފާކުރެ އެވެ. ބޭރު ފައިސާގެ ބާޒާރު ދިގު މުއްދަތަކަށް ހަމައަކަށް އެޅުވުމަށްޓަކައި ވޭތުވެދިޔަ ދެ އަހަރު ދުވަހުގެ ތެރޭގައި ވެސް މަރުކަޒީ ބޭންކުން ވަނީ ބޭރު ފައިސާގެ ގާނޫނު ތަންފީޒުކުރުމާއި ގަވާއިދުތަކަށް ބަދަލުތަކެއް ގެނެސްފަ އެވެ. މީގެ އިތުރުން ބޭރު ފައިސާ މެނޭޖްކުރުން ހަރުދަނާކޮށް، އިސްކަންދޭންޖެހޭ ކަންކަމަށް ފައިސާ ހޯދައިދިނުމަށް ބޭންކުތަކާއެކު ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
އެހެންނަމަވެސް ރަސްމީ ނިޒާމުގެ ބޭރުން ހިންގާ ކަޅު ބާޒާރުގައި ޑޮލަރުގެ އަގު 20 ރުފިޔާގެ މަތީ މިނެއްގައި ހުންނަތާ މިހާރު ދެ އަހަރު ވެފައިވުމަކީ، މިފަދަ ހަރުދަނާ ފިޔަވަޅުތަކާއެކު ވެސް މާކެޓް އެއްކޮށް ކޮންޓްރޯލްކުރުމަށް ހުރި ގޮންޖެހުމެކެވެ.

