މާލީ އެކި އިދާރާތައް ބައިވެރިވާ "މޯލްޑިވްސް ފައިނޭންޝަލް އެކްސްޕޯ 2026" ރަސްމީކޮށް މިއަދު ހުޅުވައިފި އެވެ.
މުޅިން އާ މިސްރާބަކަށް ރާއްޖޭގެ މާލީ ސިނާއަތް ގެންދިއުމުގެ އަޒުމުގައި، ނުވަ އަހަރުގެ ދިގު މެދުކެނޑުމަކަށް ފަހު މަރުކަޒީ ބޭންކު (އެމްއެމްއޭ) އިން އިންތިޒާމުކުރި މި ހަރަކާތް ރަސްމީކޮށް އިފްތިތާހުކޮށްދެއްވީ ރައީސް މުހައްމަދު މުއިއްޒެވެ.
މި ރަސްމިއްޔާތަށް ފަހު ރައީސް ވަނީ ގަވަރުނަރު އަހުމަދު މުނައްވަރާއި ބައެއް އިސް ބޭފުޅުންނާ އެކު، އެކްސްޕޯގައި ހުރި ސްޓޯލްތަކަށް ޒިޔާރަތްކުރައްވައި މާލީ ދާއިރާގެ އާ ހިދުމަތްތަކާއި އީޖާދުތަކުގެ މައުލޫމާތު އޮޅުންފިލުއްވާފަ އެވެ.
"ދެމެހެއްޓެނިވި މުސްތަގުބަލަކަށް ބާރުވެރިކުރުވުން: އެންމެންގެ ބައިވެރިވުން، އީޖާދުވެރިކަން އަދި ފަންނީ ހުނަރު" މި ޝިއާރުގެ ދަށުން ކުރިއަށްދާ މި ބޮޑު ހަރަކާތަކީ ބޭންކުތަކާއި، އިންޝުއަރެންސް ކުންފުނިތަކާއި، ތައުލީމީ މުއައްސަސާތަކުގެ އިތުރުން ދައުލަތުގެ ކަމާބެހޭ އިދާރާތައް އެއް ފުރާޅެއްގެ ދަށުން އާންމުންނާ ގުޅުވައިދޭނެ ވަސީލަތެކެވެ.
މިއަދުން ފެށިގެން އަންނަ ހޮނިހިރު ދުވަހުގެ ނިޔަލަށް، ކޮންމެ ދުވަހަކު ހަވީރު 3:00 އިން ރޭގަނޑު 10:00 އަށް ކުރިއަށްދާ މި އެކްސްޕޯގައި މާލީ ދާއިރާގެ 30 އަށް ވުރެ ގިނަ އިދާރާއަކުން ބައިވެރިވެ އެވެ. ހަމައެކަނި މާލީ މައުލޫމާތު ދިނުމުގެ އިތުރުން، މި ފަހަރުގެ އެކްސްޕޯ ފަރުމާކޮށްފައި ވަނީ އާންމުން ޝައުގުވެރިވާނެ ފަދަ ގިނަ ހަރަކާތްތަކަކާ އެކުގަ އެވެ.
އެގޮތުން އެކްސްޕޯއަށް ޒިޔާރަތްކުރާ ފަރާތްތަކުގެ މެދުގައި ނަގާ ގުރުއަތުން ބޮޑެތި އިނާމުތަކެއް ހޯދުމުގެ ފުރުސަތު ވަނީ ހުޅުވާލާފަ އެވެ. އޭގެ ތެރޭގައި 25,000 ރުފިޔާގެ ބޮޑު ފައިސާގެ އިނާމަކާއި، ކޮންމެ ދުވަހަކު ގުރުއަތުން ހޮވޭ ފަރާތްތަކަށް ދޭން ނިންމާފައިވާ ފަސް އައިޕެޑާއި 5,000 ރުފިޔާގެ ހަނދާނީ ނޫޓުގެ ހަތް ނޫޓު ހިމެނެ އެވެ.
މީގެ އިތުރުން މެކްބުކް، އެޕަލް އެއާޕޮޑް، ގެސްޓްހައުސްއެއްގައި ދެ މީހަކަށް ތިން ރޭގެ ފުލްބޯޑު ޗުއްޓީ ޕެކޭޖެއްގެ އިތުރުން ތަފާތު އަގުތަކުގެ ގިނަ އަދަދެއްގެ ގިފްޓް ކާޑުތައް ވެސް ނަސީބުވެރިންނަށް ލިބިގެންދާނެ އެވެ.
މާލީ ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން މި އެކްސްޕޯގެ ތެރެއިން ހާއްސަ ޕެނަލް ޑިސްކަޝަންތަކެއް ވެސް ކުރިއަށްދާނެ އެވެ. މި މަޝްވަރާތަކުގައި ދާއިރާގެ ފަންނީ ބޭފުޅުންނާއި ސިޔާސަތު ކަނޑައަޅާ ފަރާތްތަކުން ރާއްޖޭގެ މާލީ ނިޒާމަށް އަންނަ ބަދަލުތަކާއި، ކުރިމަގުގައި މާލީ ބައިވެރިވުން އިތުރުކުރެވޭނެ ގޮތްތަކާ މެދު ފުޅާ ދާއިރާއެއްގައި ވާހަކަދައްކާނެ އެވެ.
މީގެ އިތުރުން މިއީ އާއިލީ އުފާވެރި މާހައުލަކަށް ހެދުމުގެ ގޮތުން ކާބޯތަކެތީގެ ސްޓޯލްތަކާ އެކު ފުޑް ފެސްޓިވަލަކާއި، ހަވީރުގެ ވަގުތުތަކުގައި ކުޑަކުދިންނަށް ހާއްސަ ކުޅިވަރުތައް ވެސް ވަނީ އިންތިޒާމުކޮށްފަ އެވެ. އަދި އެކްސްޕޯގެ ތެރެއިން މާދަމާ ރޭ ބާއްވާ ހާއްސަ ހަވާ އެރުވުމުގެ ހަރަކާތާ އެކު، މި ބޮޑު މާލީ އީދަށް އާންމުންގެ ބޮޑު ތަރުހީބެއް ލިބޭނެ ކަމަށް އުންމީދު ކުރެވެ އެވެ.
އެންމެ ފަހުން 2017 ވަނަ އަހަރު ބޭއްވި އެކްސްޕޯއަށް ވެސް އާންމުންގެ ވަރަށް ބޮޑު ތަރުހީބެއް ލިބިފައިވެ އެވެ.

