ދިރާގު ޓީވީގެ ވީޑިއޯ އޮން ޑިމާންޑް ފީޗާ ނުވަތަ ވީއޯޑީއަށް މުޅިން އާ މުނިފޫހިފުލުވުމާއި ދީނީ ކޮންޓެންޓް ތައާރަފުކޮށްފި އެވެ.

ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި މުއާސަލާތީ ހިދުމަތްދޭ ކުންފުނިން މިއަދު ބުނީ އާ ކޮންޓެންޓްތަކުގެ ތެރޭގައި ބެލުންތެރިންގެ މަގުބޫލުކަން ހޯދާފައިވާ މަޝްހޫރު ފިލްމީތަރި މަރިޔަމް އައްޒަގެ ޓޯކް ޝޯ "އަޒޯނާ" ވެސް ހިމެނެ އެވެ. މި ޝޯއަކީ މަޝްހޫރު ފިލްމީ ތަރިންނާއި، ލަވަކިޔުންތެރިން ގެނެސްގެން އެ މީހުންނާއި ގުޅޭގޮތުން މީގެ ކުރިން އަޑު ނީވޭ އެތައް ވާހަކައެއް ބެލުންތެރިންނާ ހަމައަށް ގެނެސްދޭ ޝޯ އެއް ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

އޭގެ އިތުރުން، "އިސްލާމީ ނޫރު" މި ނަމުގައި ދީނީ މައުލޫމާތު ފޯރުކޮށްދޭ ވަރަށް ޚާއްސަ ޝޯ އެއް ވެސް ހިމެނޭ ކަމަށް ދިރާގުން ބުންޏެވެ. އެ ޝޯ ގެނެސްދެނީ ރާއްޖޭގެ ދީނީ އިލްމުވެރިއެއް ކަމުގައިވާ ޝެއިޚް މުހައްމަދު އައްލާމް ނައީމް ކަމަށް އެ ކުންފުނިން ބުންޏެވެ.

ހަމައެއާއެކު، މޭކަޕް ކުރަން ޝައުގުވެރިވާ ފަރާތްތަކަށް އަމާޒުކޮށްގެން ރާއްޖޭގެ ހުނަރުވެރި މޭކަޕް އާޓިސްޓް، ރުތްބާގެ "މޭކަޕް ބައި ރުތްބާ" ޝޯ ހިމެނޭ ކަމަށް ދިރާގުން ބުންޏެވެ. އެ ޝޯއަކީ މޭކަޕް ކުރުމުގައި ގެންގުޅޭނެ އުކުޅުތަކާއި ބޭނުން ކުރަން ޖެހޭ ތަފާތު އާލާތްތަކާ ބެހޭ މަޢުލޫމާތު ގެނެސްދޭ ޝޯ އެއް ކަމަށް އެ ކުންފުނިން ބުންޏެވެ.

ވީއޯޑީއަކީ މައުލޫމާތާއި މުނިފޫހިފިލުވުމުގެ ކޮންޓެންޓް ބޭނުން ގަޑިއެއްގައި އަދި ބޭނުންތަނެއްގައި ބަލައިލުމުގެ ފުރުސަތު ލިބޭ ޒަމާނީ ފީޗާއެކެވެ.

"ދިރާގު ޓީވީގެ ވީއޯޑީ ޕްލެޓްފޯމް ފަރުމާކޮށްފައި ވަނީ ކަސްޓަމަރުންނަށް ބޭނުންކުރަން ފަސޭހަވާނެ ގޮތަކަށް. އެގޮތުން ދިރާގު ޓީވީގެ ހޯމް ސްކްރީންގައިވާ "އޮން ޑިމާންޑް" ޖަހާފައިވާ ފިތުން އޮން ޑިމާންޑް ކޮންޓެންޓްތައް އިތުރު ހަރަދަކާ ނުލާ ބަލައިލެވޭނެ. މީގެ އިތުރުން ދިރާގު ޕްލޭ އެޕުންވެސް ދިރާގު ޓީވީގެ ވީއޯޑީ ގެ ހުރިހާ ކޮންޓެންޓެއް އިތުރު ހަރަދަކާ ނުލާ ބަލާލެވޭނެ،" ދިރާގުން ބުންޏެވެ.

ކުރިއަށް އޮތް ތާންގައި ވެސް ދިރާގު ޓީވީން ދިވެހި އުފެއްދުންތައް ކުރިއެރުވުމަށް އެއްބާރުލުންދީ ދިވެހި އުފެއްދުންތަކަށް ވީއޯޑީ އޮން ޑިމާންޑް މެދުވެރިކޮށް ހާއްސަ ފުރުސަތުތަކަށް މަގު ފަހިކޮށްދިނުމަށް ނިންމާފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ.

"މީގެ އިތުރުން، މި ދުވަސްވަރަކީ ދިރާގު ޓީވީ އަށް ގުޅާލުމަށް ރަނުގެ ފުރުސަތެއް ހުޅުވާލާފައިވާ ދަނޑިވަޅެއްވެސް މެ. އެގޮތުން މިހާރު ކުރިއަށް ދަމުންދާ ޚާއްސަ ޕޮރޮމޯޝަނެއްގެ ދަށުން ދިރާގު ފިކްސްޑް ބްރޯޑްބޭންޑް ގެންގުޅޭ ކަސްޓަމަރުންނަށް ދިރާގު ޓީވީގެ ޚިދުމަތް މުޅިން ހިލޭ ގުޅައިދިނުމުގެ އިތުރުން ޖޯއިބޮކްސް ވެސް (ޑީކޯޑަރ) މުޅިން ހިލޭ ލިބިގެންދާނެ. މި ޕްރޮމޯޝަން ކުރިއަށް ދާނީ 31 މޭ 2021 ގެ ނިޔަލަށް،" ދިރާގުން ބުންޏެވެ.

އެ ކުންފުނިން ބުނީ މި ޕްރޮމޯޝަންގެ ދަށުން ދިރާގު ޓީވީއަށް ސަބްސްކްރައިބް ކުރާ ހުރިހާ ކަސްޓަމަރުންގެ މެދުގައި ނެގޭ ލަކީ ޑްރޯއަކުން ހޮވޭ ނަސީބުވެރި 20 ފަރާތަކަށް ހަ މަހުގެ މަހުފީ ހިލޭ ލިބޭނެ ކަމަށެވެ.

ދިރާގު ޓީވީ މެދުވެރިކޮށް ބެލުންތެރިންނަށް އެންމެ މަގުބޫލު ޓީވީ އަދި މުނިފޫހިފިލުވުމުގެ ކޮންޓެންޓް އެއް ޕްލެޓްފޯމެއްގެ ދަށުން ބަލާލެވޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ. އެގޮތުން 100 އަށް ވުރެ ގިނަ ޗެނަލް ހިމެނޭ ދިރާގު ޓީވީއަކީ ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި ފޯރުކޮށްދޭ އައިޕީޓީވީގެ ޚިދުމަތް ކަމަށް ދިރާގުން ބުންޏެވެ.

ދިރާގު ޓީވީގައި ހިމެނޭ ޗެނަލްތަކުގެ ތެރޭގައި ކުޑަކުދިންގެ މެދުގައި އެންމެ މަޝްހޫރު ޑިޒްނީ ޗެނަލްތައް، ސޮނީގެ އެންޓަޓެއިންމަންޓް އަދި ސްޕޯރޓްސް ޗެނަލްތައް، ލައިފްސްޓައިލް ޗެނަލްތަކުގެ ތެރޭގައިފުޑް ނެޓްވޯކް، ސްޓާގެ ޗެނަލްތައް، ރާއްޖެއާއި ބޭރު ދުނިޔޭގެ ހަބަރު ޗެނަލްތައް އަދި އަލް ގުރުއާން އަލް ކަރީމް ފަދަ ދީނީ ޗެނަލްތައް ހިމެނެ އެވެ.

އެ ކުންފުނިން ބުނީ ކޮލިޓީ އަދި އަގުގައި އެއްވެސް ތަފާތު ކުރުމެއްނެތި ދިރާގުން ވަނީ ރާއްޖޭގެ 77 ޕަސެންޓް ގޭބިސީއަށް މިހާރު ދިރާގުޓީވީ ޚިދުމަތް ފޯރުކޮށްދީފައިވާ ކަމަށެވެ.

"ދިރާގުން އަބަދުވެސް ބަލަނީ އިނޮވޭޝަނާއި އެންމެ ފަހުގެ ޓެކްނޮލޮޖީ ބޭނުންކޮށްގެން ކަސްޓަމަރުންގެ މުނިފޫހިފިލުވުމުގެ ބޭނުންތަކަށް ބަލައިގެން އެންމެ ފަހުގެ އަދި އެންމެ ކޮލިޓީ މުނިފޫހި ފިލުވުމުގެ ކޮންޓެންޓް ދިރާގު ޓީވީ މެދުވެރިކޮށް ގެނެސްދިނުމަށް،" ދިރާގުން ބުންޏެވެ.