މިފްކޯގެ ''ކަނޑުއޮތްގިރީ ފިޝްވިލެޖް'' ގައި ހުންނަ ޕްރެސެސިން ޕްލާންޓުން އަނެއްކާވެސް އާންމުންނަށް މަސް ބަންދުކޮށްދޭން ނިންމައިފި އެވެ.

މިފްކޯ އިން ބުނީ މާލެ ކައިރީގައި އޮންނަ ކަނޑުއޮތްގިރީ ފިޝްވިލެޖުން އާއްމު ފަރާތްތަކަށް މަސް ބަންދު ކޮށްދިނުމުގެ ހިދުމަތް މެދުކަނޑާލާފައި އޮންނަތާ ދުވަސްތަކަކަށް ފަހު އަލުން އެ އެ ހިދުމަތް ދޭން ނިންމާފައިވާ ކަމަށެވެ.

އެ ކުންފުނިން ބުނީ އާންމުންނަށް މަސް ބަންދުކޮށް ދެނީ މަސްވެރިކަމުގެ ސިނާއަތް ފުޅާކުރުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ދަށުން ބޮޑުކަންނެލީގެ އިތުރުން ފަރުމަހުގެ ބާވަތްތައް ވެސް ބަންދުކޮށް ރާއްޖެއިން ބޭރުކުރެވޭ މަހުގެ ބާވަތްތައް އިތުރު ކުރުމާއި އެކްސްޕޯޓު ކުރުމުގައި އާއްމުންގެ ބައިވެރިވުން އިތުރުކުރުމަށް ކަމަށެވެ. އަދި ރާއްޖެއިން އެކްސްޕޯޓް ކުރެވޭ ތާޖާ މަހުގެ ބާވަތްތައް އިތުރުވުމުން ރާއްޖެއަށް އެތެރެވާ ބޭރު ފައިސާގެ މިިންވަރު އިތުރުވުމަށް މަގުތަނަވަސް ވާނެ ކަމަށް ވެސް މިފްކޯ އިން ބުންޏެވެ.

އެ ކުންފުނިން ބުނީ، ޔޫރަޕަށް އެކްސްޕޯޓްކުރެވޭ ފެންވަރަށް ކަނޑުއޮތްގިރީގައި ބޮޑުކަންނެއްޔާއި ފަރުމަސް ބަންދު ކުރުމަށް އެދޭ ފަރާތްތަކުން އެކަމަށް އެދި ފޯމް ހުށަހަޅަން ޖެހޭނެ ކަމަށެވެ. އަދި އެކަމަށް ކަނޑުއޮތްގިރީގެ ވަސީލަތްތައް ހުރި މިންވަރުން ފުރުސަތު ދޭނެ ކަމަށް ވެސް މިފްކޯ އިން ބުންޏެވެ.

ކަނޑުއޮތްގިރީ ފިޝްވިލެޖްގައި މަސް ޕެކްކުރުމަށް އެދި ހުށަހަޅާފޯމް މިފްކޯގެ ވެބްސައިޓުން ޑައުންލޯޑު ކުރެވޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.