މާލޭގެ އަމީނީ މަގުގެ ހުޅަނގުކޮޅުން ހާބަރު ފުޑްކޯޓު ހިމެނޭ ސަރަހައްދުގެ ތާރުގަނޑު ހަލާކުވެފައިވާތީ، އެ ބައި ކޮނެ ނަގައި އަލުން ތާރު އެޅުމުގެ އަމަލީ މަސައްކަތް އަންނަ ހަފުތާގައި ފެށުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ތައްޔާރުވެއްޖެ އެވެ.

ދައުލަތުގެ މީޑިއާގެ 'ރާއްޖެ މިއަދު' ޕްރޮގްރާމުގައި ވާހަކަދައްކަވަމުން އެމްޓީސީސީގެ ޖެނަރަލް މެނޭޖަރު އިބްރާހީމް ހަސަން ވިދާޅުވީ، ސަރުކާރުން މިހާރު އެ މަސައްކަތް އެ ކުންފުންޏާ ހަވާލުކޮށްފައިވާ ކަމަށާއި، އަންނަ ހަފުތާގެ ތެރޭގައި އަމަލީ މަސައްކަތް ފެށުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އަމީނީ މަގުގެ އެންމެ ފަހުން ތާރުއެޅި މި ސަރަހައްދު މިހާރު އޮތީ ދުއްވާ އެއްޗެއްސަށް ނުރައްކާވާ މިންވަރަށް ހަލާކުވެފަ އެވެ. އެގޮތުން ތާރުގަނޑު އެކި ދިމާލުން އުފުލިފައިވުމުގެ ސަބަބުން، އެ މަގުން ދަތުރުކުރާ އާންމުންނަށް ބޮޑެތި ތަކުލީފުތަކަކާ ވަނީ ކުރިމަތިލާން ޖެހިފަ އެވެ.

މި މަސައްކަތް ފުރަތަމަ ހަވާލުކުރީ ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ) އާއެވެ. އެ ކުންފުނިން މިދިޔަ އޭޕްރިލް މަހު ބުނެފައިވަނީ ބޭރުގެ އިންޖިނިއަރެއްގެ އެހީތެރިކަމާއެކު ދެ ހަފުތާއެއްހައި ދުވަހުގެ ތެރޭގައި މަސައްކަތް ފަށާނެ ކަމަށެވެ. ނަމަވެސް، ހައުސިން މިނިސްޓްރީން މަޝްރޫއަށް ގެނައި ބައެއް ބަދަލުތަކާ ގުޅިގެން އެ މަސައްކަތް ވަނީ ލަސްވެފަ އެވެ. އެއަށްފަހު، މި މަހުގެ ނުވަވަނަ ދުވަހު ކޮންސްޓްރަކްޝަން މިނިސްޓްރީން ވަނީ މި މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފަ އެވެ.

އަމީނީ މަގު ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަޝްރޫއަކީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ސަރުކާރުން 84.4 މިލިއަން ރުފިޔާއަށް އާރުޑީސީއާ ހަވާލުކޮށްގެން ކުރިއަށް ގެންދިޔަ މަޝްރޫއެކެވެ. މި މަގުގެ އެންމެ ފަހު ސެގްމަންޓުގައި ތާރު އަޅައި ނިންމާލީ މިހާރުގެ ރައީސް މުއިއްޒުގެ ސަރުކާރު ވެރިކަމާ ހަވާލުވުމަށްފަހުގަ އެވެ.

މަގުގެ ހާލަތު ގޯސްވުމުގެ ސަބަބުން އާންމުންގެ ކަންބޮޑުވުންތައް އިތުރުވެފައިވާއިރު، ސަރުކާރުން މިހާރު އަންނަނީ މާލެއާއި ވިލިމާލޭގެ މަގުތައް ޖުމްލަ ގޮތެއްގައި ޒަމާނީ ފެންވަރަށް ހެދުމަށްޓަކައި ބޭނުންވާ ސާވޭތައް ކުރަމުންނެވެ.