ޓޫރިސްޓް ރިސޯޓު ތަރައްގީކޮށް ހިންގުމަށް ސަބްލީސް ކޮށްފައިވާ އެއްވެސް ރަށެއްގެ ހެޑްލީސް ހައްގެއް ވިއްކާލުމަށް ނިންމާފައި ނުވާކަމަށާއި އެފަދަ އެއްވެސް މަޝްވަރާއެއް ވެސް ކުރިއަށް ނުދާކަން މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ) އިން ބުނެފި އެވެ.

އެ ކުންފުނިން މިކަން ހާމަކޮށްފައިވަނީ، އެމްޓީޑީސީން ރިސޯޓު ހިންގުމަށް ސަރުކާރުން ކުއްޔަށް ދޫކޮށްފައިވާ ގދ. މަގުއްދުވާގެ ހެޑްލީސް، އެ ރަށުގައި މިހާރު ރިސޯޓު ހިންގަމުންދާ ތުރުކީގެ ކުންފުންޏަށް ނުއަގުގައި ވިއްކާލަން އުޅޭ ކަމަށް ބުނެ ފެތުރެމުންދާ ހަބަރުތަކާ ގުޅިގެންނެވެ.

މި ތުހުމަތުތަކާ ގުޅިގެން އެމްޓީޑީސީން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ހދ. ނާގޯށި، ގދ. މަގުއްދުވާ އަދި ބ. ކިހަވައްހުރަވަޅިއަކީ ސަރުކާރާއި އެ ކުންފުންޏާ ދެމެދު ސޮއިކޮށްފައިވާ އެއްބަސްވުމެއްގެ ދަށުން ރިސޯޓު ތަރައްގީ ކުރަން އެ ކުންފުންޏަށް ދީފައިވާ ތިން ރަށް ކަމަށެވެ. އަދި މި ތިން ރަށުގެ ހެޑްލީސްއާ ގުޅޭ އެންމެހާ ހައްގުތަކުގެ ގާނޫނީ މިލްކުވެރި ފަރާތަކީ ސީދާ އެމްޓީޑީސީ ކަމަށް ވެސް އެ ކުންފުނިން ވަނީ ބުނެފަ އެވެ.

އެމްޓީޑީސީގެ ބަޔާނުގައި ބަޔާންކޮށްފައިވާ ގޮތުގައި، އެ ކުންފުނީގެ އެއްވެސް ހަރުމުދަލެއްގެ ނުވަތަ މިއިން އެއްވެސް ރަށެއްގެ ހެޑްލީސް ނުވަތަ ހެޑްލީސްއާ ގުޅުންހުރި ހައްގުގެ އެއްވެސް މިންވަރެއް ވިއްކުމަށް ނުވަތަ އެހެން ފަރާތަކަށް ދޫކޮށްލުމަށް ނިންމާފައެއް ނުވެ އެވެ. އަދި މިނޫން ވެސް މިފަދަ އެހެން މުއާމަލާތެއް މެދުވެރިކޮށް، ކުންފުންޏަށް ލިބިފައިވާ މިލްކުވެރިކަމުގެ ހައްގު ނުވަތަ މަސްލަހަތު، ސީދާގޮތުން ނުވަތަ ނުސީދާގޮތުން ވެސް ގެއްލޭފަދަ ނުވަތަ ހަނިވާފަދަ އެއްވެސް ނިންމުމެއް ކުންފުނިން ނިންމާފައި ނުވާނެ ކަމަށް އެމްޓީޑީސީން ބުނެ އެވެ.

މީގެއިތުރުން، މިފަދަ އެއްވެސް މުދަލަކާ ގުޅުންހުރި ހައްގެއް ވިއްކާލުމުގެ ނުވަތަ ދޫކޮށްލުމުގެ، ނުވަތަ އެފަދަ ހައްގަކަށް ނޭދެވޭ އަސަރެއް ކޮށްފާނެ ފަދަ އެއްވެސް މަޝްވަރާއެއް އެއްވެސް ފަރާތަކާއެކު ކުރިއަށް ނުދާކަމުގެ ފުރިހަމަ ޔަގީންކަން އެ ކުންފުނީގެ މެނޭޖްމަންޓާއި ޑިރެކްޓަރުންގެ ބޯޑުން ވަނީ ހިއްސާދާރުންނަށާއި މަސްލަހަތު އޮތް އެންމެހާ ފަރާތްތަކަށް ދީފަ އެވެ. އެ ކުންފުނިން ބުނީ ބައެއް ހަރުމުދާ ނުއަގުގައި ވިއްކާލަން އުޅޭކަމަށް ބަޔާންކޮށް މީޑިއާގެ އެކި ވަސީލަތްތަކުގައި ދައުރުވަމުންދާ ވާހަކަތަކަކީ ކަނޑައެޅިގެން ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށެވެ.

އެހެންކަމުން، ކުންފުނީގެ ގަވާއިދުތަކާއި ލިސްޓިން އުސޫލުތަކުގައި ބަޔާންކުރާ ފަދައިން، ހާމަކުރަންޖެހޭ ޕްރޮޖެކްޓްތަކާއި މުއާމަލާތްތަކާ ގުޅޭގޮތުން އެ ކުންފުންޏުން ރަސްމީކޮށް އަންގާ ހާމަކުރާ ކަންކަމަށް ބަރޯސާވުމަށް އެމްޓީޑީސީން ވަނީ ހިއްސާދާރުންނާއި މަސްލަހަތުވެރިންގެ ކިބައިން އެދިފަ އެވެ.