ޕެންޝަން ފަންޑުން ކުރިން ގަނެފައި ހުރި ބޮންޑުތަކަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އަށް ވިއްކާލުމަށް ފަހު އެ ފައިސާއިން އާ ބޮންޑުތަކަށް އިންވެސްޓުކުރުމާ އެކީ ސަރުކާރުގެ ސެކިއުރިޓީސް ދަރަނި 100 ބިލިއަން ރުފިޔާއަށް އަރައިފި އެވެ.
ފިނޭންސް މިނިސްޓްރީގެ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓުން އެނގޭ ގޮތުގައި، މި މުއާމަލާތާއެކު ބޮންޑު ދަރަނި ވަނީ 28.6 ބިލިއަން ރުފިޔާއިން 33.6 ބިލިއަން ރުފިޔާއަށް އުފުލިފަ އެވެ.
ސުކޫކަށް ފައިސާ ދެއްކުމުން މިދިޔަ އޭޕްރިލް މަހު ސެކިއުރިޓީސް ދަރަނި 95 ބިލިއަން ރުފިޔާއަށް ތިރިވި ނަމަވެސް، ޕެންޝަން ފަންޑުގެ މުއާމަލާތުގެ ކުރިންވެސް އެ އަދަދު ހުރީ 97.3 ބިލިއަން ރުފިޔާގަ އެވެ. އަދި ބޭރުގެ މާލީ ބާޒާރުން ފައިސާ ނުލިބުމުގެ ސަބަބުން ސަރުކާރުގެ ހަރަދުތައް ފޫބެއްދުމަށް އެތެރޭގެ ބާޒާރަށް ބަރޯސާވާން ޖެހި، މި އަހަރުގެ ބަޖެޓުގައި އެތެރޭގެ ބާޒާރުން ނަގަން އަންދާޒާކުރި 5.1 ބިލިއަން ރުފިޔާގެ ބަދަލުގައި މިހާތަނަށް ވަނީ 8.2 ބިލިއަން ރުފިޔާގެ ދަރަނި އިތުރަށް ނަގާފަ އެވެ.
ރާއްޖޭގެ ސެކިއުރިޓީސް ދަރަނީގެ 97 ޕަސެންޓަކީ އެތެރޭގެ ވިޔަފާރި ބޭންކުތަކާއި، ޕެންޝަން ފަންޑު އަދި ސަރުކާރު ކުންފުނިތަކަށް ވިއްކާފައިވާ ޓީބިލާއި ބޮންޑެވެ.
މި ސަރުކާރުގެ ދައުރުގައި 2024 ގައި ނެގި 8.9 ބިލިއަން ރުފިޔާއާއި މިދިޔަ އަހަރު ނެގި 8.6 ބިލިއަން ރުފިޔާއާއެކު، އެތެރޭގެ ބާޒާރުން ނެގި ޖުމްލަ ދަރަނި މިހާރު ވަނީ 25 ބިލިއަން ރުފިޔާއަށްވުރެ މަތިވެފަ އެވެ.

