ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ޓެލެގްރެފިކް ޓްރާންސްފާ (ޓީޓީ)ތަކަށް ވިއްކާ ޑޮލަރުގެ އަދަދު އިތުރުކުރަން ނިންމައިފި އެވެ.
ބީއެމްއެލް އިން ބުނީ އެ ބަދަލު ގެންނަން ނިންމީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ތިން ހަފްތާގެ މުއްދަތަކަށް ބޭންކުތަކަށް ދޫކުރާ ބޭރު ފައިސާގެ މިންވަރު އިތުރުކުރުމާ ގުޅިގެން ކަމަށެވެ. އަދި ބީއެމްއެލް އަށް ލިބޭ ޑޮލަރުގެ މިންވަރާއި ކަސްޓަމަރުން ހުށަހަޅާ ޓީޓީތަކުގެ އަދަދަށް ރިއާޔަތްކޮށް، ތިން ހަފްތާގެ މުއްދަތަކަށް ޓީޓީތަކަށް ޑޮލަރު ފޯރުކޮށްދޭ މިންވަރު އިތުރުކުރުމަށް ނިންމާފައިވާ ކަމަށް އެ ބޭންކުން ބުނެ އެވެ.
ބީއެމްއެލް އިން ބުނީ މި އަހަރުގެ ޖެނުއަރީ މަހުން ފެށިގެން ޖުލައި މަހުގެ ނިޔަލަށް ޓީޓީ ފޮނުވުމަށް، ބޭންކުން 186 މިލިއަނަށް ވުރެ ގިނަ ޑޮލަރު ކަސްޓަމަރުންނަށް ދޫކޮށްފައިވާ ކަމަށެވެ. މިއީ މަހެއްގެ މައްޗަށް އެވްރެޖްކޮށް 27 މިލިއަން ޑޮލަރު ކަމަށް ވެސް އެ ބޭންކުން ބުނެ އެވެ.
ބީއެމްއެލް އިން ބުނީ މިއީ މިދިޔަ އަހަރުގެ މަހެއްގެ އެވްރެޖާ އަޅައިބަލާއިރު 12 މިލިއަން ޑޮލަރު އިތުރު އަދަދެއް ކަމަށެވެ.
އެ ބޭންކުން ބުނީ ފާއިތުވި ހަތް މަސް ދުވަހުގެ ތެރޭގައި ކަސްޓަމަރުންގެ އެކި ބޭނުންތަކަށް ގާތްގަނޑަކަށް 570 މިލިއަން ޑޮލަރު ބޭންކުން ފޯރުކޮށް ދީފައިވާ ކަމަށެވެ. މިއީ އެވްރެޖްކޮށް ދުވާލަކަށް 2.7 މިލިއަން ޑޮލަރު ކަމަށް ވެސް ބީއެމްއެލް އިން ބުނެ އެވެ.
"މި ފުރުސަތުގައި އާންމު ފަރުދުންނަށާއި ވިޔަފާރިތަކުގެ އެކި ބޭނުންތަކަށް ބޭނުންވާ ބޭރު ފައިސާ ފޯރުކޮށްދިނުމުގައި ބޭންކު ދެމިއޮންނާނެކަމުގެ ޔަގީންކަން އަރުވަން. ބޭންކުގެ އެންމެ މުހިންމު އެއް މަސްއޫލިއްޔަތަކީ ކަސްޓަމަރުންގެ ބޭނުންތަކާއި ބޭންކުގެ ބޭރު ފައިސާގެ ހާލަތު ދެމެހެއްޓެނިވި ގޮތެއްގައި ބެލެންސްކޮށް ދެމެހެއްޓުން،" އެ ބޭންކުން ބުންޏެވެ.

