މިދިޔަ އަހަރުގެ ފައިދާއިން މޫނުމަތީ އަގު ފަސް ރުފިޔާގެ ހިއްސާއަކަށް ދެ ރުފިޔާ ބަހަން އެމްޓީސީސީގެ އަހަރީ އާންމު ޖަލްސާ އިން ފާސްކޮށްފިއެވެ.

އެ ޖަލްސާ ބޭއްވީ މޯލްޑިވްސް ސެކިއުރިޓީސް ޑިޕޮސިޓަރީގެ "ފަހިވޯޓް" މެދުވެރިކޮށެވެ. 44 ހިއްސާދާރުން ބައިވެރިވި އެ ޖަލްސާގައި އެ ޖަލްސާގައި ވަނީ ކުރިއަށް އޮތް އަހަރު އެމްޓީސީސީގެ އޮޑިޓަރުންގެ ގޮތުގައި ޕްރައިސް ވޯޓާހައުސް ކޫޕާސް (ޕީޑަބްލިއުސީ) ހަމަޖައްސަން ފާސްކޮށްފަ އެވެ.

އެމްޓީސީސީގެ ބޯޑަށް އާ ޑިރެކްޓަރުން ވެސް މިއަދުގެ ޖަލްސާގައި ވަނީ އައްޔަން ކުރިއެވެ. ސަރުކާރުގެ ފަރާތުން އެމްޓީސީސީގެ ބޯޑަށް އައްޔަންކޮށްފައިވަނީ ޗެއާމަން މުހައްމަދު ފަހީމް، ސީއީއޯ އާދަމް އާޒިމް، އެގްޒެކެޓިވް ޑިރެކްޓަރު ޝާހިދު ހުސައިން މޫސާ، ސިނާން އަލީ އަދި ގާނޫނީ ވަކީލު މުހައްމަދު ފަރީދެވެ.

މިދިޔަ އަހަރު ސާފު ފައިދާގެ ގޮތުގައި 53.3 މިލިއަން ރުފިޔާ އެކުންފުންޏަށް ލިބިފައިވެ އެވެ. މިއީ 2018ވަނަ އަހަރު ސާފު ފައިދާގެ އަދަދާ އަޅާބަލާއިރު، 55.5 ޕަސެންޓު އިތުރު އަދަދެކެވެ.