ރާއްޖެ އަންނަ ޓޫރިސްޓުންނަށް އަމާޒުކޮށްގެން "މޯލްޑިވްސް ބޯޑާ މައިލްސް" ގެ ނަމުގައި ލޯޔަލްޓީ ޕްރޮގްރާމެއް މިރޭ އިފްތިހާހުކޮށްފި އެވެ.

އިިމިގްރޭޝަނުން ބުނީ މޯލްޑިވްސް ބޯޑަ މައިލްސްއަކީ ޓޫރިޒަމް ކުރިއެރުވުމަށް އިމިގްރޭޝަނުން އިސްނަގައިގެން ކަމާ ގުޅުންހުރި އެހެނިހެން އިދާރާތަކާއެކު ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ޕްރޮގްރާމެއް ކަމަށެވެ. އެގޮތުން، މި ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ނިންމާފައިވަނީ މިނިސްޓްރީ އޮފް ޓޫރިޒަމް، މޯލްޑިވްސް މަކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އަދި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގުޅިގެންނެވެ. މި ޕްރޮގްރާމަށް އަމަލުކުރާނީ އަންނަ ޑިސެމްބަރު1ން އިން ފެށިގެނެވެ.

ދުނިޔޭގެ ޓޫރިޒަމް ދުވަހާ ގުޅުވައިގެން މޯލްޑިވްސް އިމިގްރޭޝަނުން ތައާރަފްކުރި ލޯޔަލްޓީ ޕްރޮގްރާމް އިފްތިހާހުކޮށްދެއްވީ ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމެވެ.

އިމިގްރޭޝަނުން ބުނީ މިއީ މުޅި ދުނިޔޭގައި ވެސް މިފަދަ ޕްރޮގްރާމެއް އިފްތިތާޙުކުރި ފުރަތަމަ ފަހަރު ކަމަށެވެ. މި ޕްރޮގްރާމްގެ މަގުސަދަކީ ރާއްޖޭގެ ޓޫރިޒަމް އިސްތިހާރުކޮށް، އިތުރަށް ފުޅާކުރުން ކަމަށް އިމިގްރޭޝަނުން ބުންޏެވެ.

މިޕްރޮގްރާމް އިފްތިތާޙު ކުރެވުމަށްފަހު ވާހަކަ ދައްކަވަމުން ޑރ. މައުސޫމް ފާހަގަ ކުރެއްވި ގޮތުގައި، މިޕްރޮގްރާމާއެކު ރާއްޖޭގެ މަގުބޫލުކަން ކުރިޔަށްވުރެ މުޅި ދުނިޔޭގައި އިތުރުވެގެން ދާނެ އެވެ.

މިނިސްޓަރު ވިދާޅުވީ މިއަދު މި އިފްތިތާހު ކުރި "މޯލްޑިވްސް ބޯޑަ މައިލްސް" އަކީ ރާއްޖޭގެ މަގުބޫލުކަން އިތުރަށް ދުނިޔޭގައި ކުރިއަރައި އިޝްތިހާރުކުރުމަށް މަގުފަހިވެގެންދާނެ ޕްރޮގްރާމެއް ކަމަށެވެ. އަދި ދުނިޔޭގެ ބާޒާރުގައި ދިވެހި ޓޫރިޒަމަށް ލިބިފައިވާ މަގުބޫލުކަމުގެ ފައިދާ، މިހާރަށްވުރެ ވެސް ފުޅާގޮތެއްގައި ލިބިގެންދާނެ ކަމެއްކަމަށް ދެކެވަޑައިގަންނަވާ ކަމަށް ޑރ. މައުސޫމް ފާހަގަ ކުރެއްވި އެވެ.

ރާއްޖެ އަންނަ ޓޫރިސްޓުންނަށް އަމާޒުކޮށްގެން

މި ޕްރޮގްރާމަކީ ޓޫރިސްޓުންނަށް ހާއްސަ އަދި މިޕްރޮރާމުގެ ސަބަބުން ލިބޭ ފައިދާތައް ތިން ދަރަޖައަކަށް ބަހާލެވިގެންވާ "ލޯޔަލްޓީ" ޕްރޮގްރާމެކެވެ. އެގޮތުން މި ޕްރޮގްރާމް މައިގަނޑު ގޮތެއްގައި ބިނާވެގެން ވަނީ ޓޫރިސްޓު މީހާ ރާއްޖެ ޒިޔާރަތްކުރާ އަދަދަށާއި އަދި ރާއްޖޭގައި ހޭދަކުރާ ދުވަހުގެ އަދަދަށެވެ. ހާއްސަ މުނާސަބާތަކާ ގުޅުވައިގެން ރާއްޖެ ޒިޔާރަތްކުރާ ފަތުރުވެރިންނަށް އިތުރު ޕޮއިންޓުތަކެއް މި ޕްރޮގްރާމުގައި ލިބިގެންދާނެ ކަމަށް އިމިގްރޭޝަނުން ބުންޏެވެ.

އިމިގްރޭޝަނުން ބުނީ މި ޕްރޮގްރާމުގެ ބައިވެރިންނަށް ލިބޭ ހާއްސަ ފައިދާތައް ބެހިގެންވާ ތިން ދަރަޖައަކީ؛ އައިދަ (ލޮއި ދަރަޖަ) ، އަންތަރަ (ރިހި ދަރަޖަ) އަދި އަބާރަނަ (ރަން ދަރަޖަ) އެވެ. މިއިން ކޮންމެ ދަރަޖައެއް ހާސިލްކުރާ ޓޫރިސްޓަކަށް ވެސް އެ ޓޫރިސްޓަކު ހާސިލްކުރާ ދަރަޖައަކާއި ގުޅޭ ހާއްސަ ފައިދާ ތަކެއް ލިބޭނެ ކަމަށެވެ. އަދި މި ޕްރޮގްރާމްގައި ބައިވެރިވާ ޓޫރިސްޓުންނަށް ލިބޭ ޕޮއިންޓު އިތުރުވަމުން އަންނަ މިންވަރަކަށް ޓޫރިސްޓުންނަށް ލިބޭނެ ފައިދާތަކާ ޚިދުމަތްތައް ވެސް އިތުރުވެގެންދާނެ ކަމަށް އިމިގްރޭޝަނުން ބުންޏެވެ.

މިދިޔަ އަހަރު ރާއްޖެއަށް 1.7 މިލިއަން ފަތުރުވެރިން ޒިޔާރަތްކުރުމާއެކު، އެ އަހަރު ވެގެންދިޔައީ ރާއްޖޭގެ ތާރީހުގައި އެންމެ ގިނައިން ޓޫރިސްޓުން ޒިޔާރަތްކުރި އަހަރަށެވެ. މިކާމިޔާބީއާއެކު، ފަތުރުވެރިކަމުގެ ސިނާއަތް ދެން ޖެހިގެން އޮތް ހަރުފަތަށް ގެންގޮސް، 2020 ވަނަ އަހަރު ރާއްޖެއަށް ދެ މިލިއަން ޓޫރިސްޓުން ގެނައުމަށް ގިނަގުނަ މާކެޓިން ހަރަކާތްތައް ފެށުނު ކަމަށް އިމިގްރޭޝަނުން ބުންޏެވެ.

ބޯޑަރު ބަންދުކުރުމަށްފަހު ގާތްގަނޑަކަށް ހަތަރު މަސް ފާއިތުވިފަހުން، ރައްކާތެރިކަމުގެ ގިނަ ފިޔަވަޅުތަކާއެކު ޖުލައި 15، ގައި ރާއްޖެ އަލުން ޓޫރިސްޓުންނަށް ވަނީ ހުޅުވާލައިފަ އެވެ. ޓޫރިޒަމް ފެސިލިޓީތަކުގެ ރައްކާތެރިކަމާއި ސާފުތާހިރުކަމަށް ބާރު އެޅުމުގެގޮތުން، ސެޓްފިކޭޝަން ޕްރޮގްރާމެއް ވެސް ސަރުކާރުން ވަނީ ހިންގައިފަ އެވެ. އަދި ރިސޯޓުތަކާއި ސަފާރީތައް ޓޫރިސްޓުންނަށް އަލުން ހުޅުވާލިއިރު އަންނަ މަހުގެ 15 އިން ފެށިގެން ރާއްޖޭގެ އެކި ރަށް ތަކުގައި ހިންގަމުން އަންނަ ގެސްޓް ހައުސްތައް ވެސް ހުޅުވިގެންދާނެ އެވެ. އެހެންކަމުން، އާންމު ސަލާމަތަށް ވިސްނައި ޓޫރިސްޓުންނަށް ޚިދުމަތްދިނުމުގައި ކޮންމެހެން ރައްކާތެރިވާންޖެހޭ ކަންތައްތަކެއް ކަނޑައަޅައި، ޓޫރިޒަމް މިނިސްޓްރީ އިން އުސޫލެއް އާންމު ކުރި އެވެ.

އިމިގްރޭޝަނުން ބުނީ މިފަދަ ދަނޑިވަޅަކާއި ދިމާކޮށް މޯލްޑިވްސް ބޯޑަ މައިލްސް ޕްރޮގްރާމް ތައާރަފު ކުރުން ވެގެންދާނީ ޓޫރިޒަމް އިސްތިހާރު ކުރުމަށް ކޮށިގެންދާ ވަރަށް ތަނަވަސް މަގަކަށް ކަމަށެވެ.