އެސްޓީއޯގެ އަހަރީ އާއްމު ޖަލްސާ މިމަހުގެ 31 ވަނަ ދުވަހު ބާއްވަން ނިންމައިފި އެވެ.

އެ ކުންފުނިން ބުނީ އެ ޖަލްސާ އޮންނާނީ އެ ދުވަހު ހަވީރު 4:00ގައި މައިކްރޮސޮފްޓް ޓީމްސް މެދުވެރިކޮށެވެ. އަހަރީ އާންމު ޖަލްސާގައި ބައިވެރިވެވޭނީ މިމަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް ކުންފުނީގެ ހިއްސާދާރުންގެ ދަފްތަރުގައި ހިމެނޭ ފަރާތްތަކަށް ކަމަށް އެސްޓީއޯއިން ބުންޏެވެ.

އެ ކުންފުނިން ބުނީ އަހަރީ އާންމު ޖަލްސާގައި ބައިވެރިވުމަށް ނުވަތަ ޕްރޮކްސީ މެދުވެރިކޮށް ޖަލްސާގައި ބައިވެރިވުމަށް، އެސްޓީއޯގެ ވެބްސައިޓުން ރަޖިސްޓްރީ ކުރެވޭނެ ކަމަށެވެ. އަދި ޖަލްސާގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން މިމަހުގެ 30 ވަނަ ދުވަހުގެ ކުރިން ވެބްސައިޓް މެދުވެރިކޮށް ރަޖިސްޓްރީ ކުރަންޖެހޭނެ ކަމަށް އެސްޓީއޯއިން ބުންޏެވެ.

އެ ޖަލްސާގައި އެސްޓީއޯގެ ޑިރެކްޓަރުންގެ ބޯޑު އައްޔަންކުރުން ވެސް އޮންނާނެ އެވެ. ޑިރެކްޓަރުންގެ ބޯޑަށް ސަރުކާރުގެ ފަރާތުން ހަ މެންބަރުން އަދި އާންމު ހިއްސާދާރުންގެ ފަރާތުން އެއް މެންބަރަކު އިންތިހާބުކުރުން އޮންނާނެ އެވެ. ޑިރެކްޓަރުކަމަށް ނަން ހުށައެޅުމުގެ ފުރުސަތު އެސްޓީއޯއިން ހުޅުވާލީ މިދިޔަ މާޗް 22ގަ އެވެ. އަދި އެ މުއްދަތު ހަމަވީ އޭޕްރިލް 14ގަ އަށެވެ.

އެސްޓީއޯގެ ޑިރެކްޓަރުންގެ ބޯޑުގައި ސަރުކާރު ތަމްސީލުކުރައްވާ ޑިރެކްޓަރުންނަށް އެއްވެސް ބަދަލެއް ނުގެންނާނެ ކަމަށް ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަންއިން އަންގާފައިވާތީ ސަރުކާރުގެ ފަރާތުން އައްޔަންކުރާ ޑިރެކްޓަރުންގެ ގޮތުގައި ތިބޭނީ މިހާރު ވެސް ތިބި ޑިރެކްޓަރުންނެވެ. ނަމަވެސް އާންމު ހިއްސާދާރުންގެ ފަރާތުން ޑިރެކްޓަރުންގެ ބޯޑަށް ހަތަރު ފަރާތަކުން ވަނީ ކުރިމަތިލާފަ އެވެ. އެހެންކަމުން އަހަރީ އާންމު ޖަލްސާގައި މީގެ ތެރެއިން އެއް ފަރާތެއް އިންތިހާބުކުރުން އޮންނާނެ އެވެ.

މިދިޔަ އަހަރުގެ އެސްޓީއޯގެ ފައިދާއިން ހިއްސާއަކަށް 60 ރުފިޔާ ބަހަން ޑިރެކްޓަރުންގެ ބޯޑުން ވަނީ ފާސްކޮށްފަ އެވެ. އެހެންކަމުން މި ޖަލްސާގައި ހިއްސާއަކަށް 60 ރުފިޔާ ބަހަން ހިއްސާދާރުންގެ މެދުގައި ވޯޓަށް އަހާނެ އެވެ.