ރާއްޖޭގައި ހިންގާ ބޭންކުތަކާއި އިންޝުއަރެންސް ކުންފުނިތަކުގެ އިތުރުން އެހެނިހެން މާލީ އިދާރާތަކުގެ ބޯޑުގައި ސިޔާސީ މީހުންގެ އާއިލާގެ މީހުންނަށް ތިބެވޭ ގޮތަށް ގަވާއިދު އިސްލާހު، އެ ބޭފުޅުންނަށް ފުރުސަތު ބޮޑުކޮށްފި އެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)އިން އިއްޔެ ގެޒެޓްކުރި ގަވާއިދުގައި ބުނަނީ، ސިޔާސީ މީހުންގެ އާއިލާ މީހުންގެ ތެރެއިން މިހާރު ބޯޑުގައި ނުތިބެވޭނީ ކެބިނެޓް މެމްބަރުންނާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އާއިލާ މީހުންނަށް އެކަނި ކަމަށެވެ. ނަމަވެސް މިދިޔަ އަހަރުގެ ޖުލައި މަހުގެ 21ގައި އެ އިދާރާ އިން ގެޒެޓު ކުރި ގަވާއިދުގައިވާ ގޮތުން، ކެބިނެޓާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އިތުރުން ކައުންސިލްތަކާއި ރައީސް އައްޔަން ކުރައްވާ މަގާމުތަކުގައި ތިއްބަވާ ބޭފުޅުންނާއި ސިޔާސީ ޕާޓީއެއްގެ މުހިންމު މަގާމެއް އަދާކުރައްވާ ބޭފުޅުންގެ އާއިލީ ބޭފުޅުނަށް ވެސް މިފަދަ ތަންތަނުގެ ބޯޑުގައި ނުތިއްބެވޭނެ އެވެ.

ބޭންކިން ދާއިރާގެ ތަޖުރިބާކާރުން ދެކިވަޑައިގަންނަވާ ގޮތުގައި އެމްއެމްއޭ އިން މިހާރު އެ ގެނައި ބަދަލުގެ ސަބަބުން ބޭންކްތަކާއި އިންޝުއަރެންސް ކުންފުނިތަކުގައި ސިޔާސީ ނުފޫޒު ވަރަށް ބޮޑަށް ފެތުރިގެންދާނެ އެވެ.

އަލަށް އަމަލުކުރަން ފެށި ގަވާއިދާއެކު ކައުންސިލްތަކާއި މިނިސްޓަރުން ފިޔަވައި ދައުލަތުގެ އެހެން މަގާމުތަކުގައި ތިއްބެވި ސިޔާސީ ބޭފުޅުންނާއި ސިޔާސީ ޕާޓީތަކުގެ އިސް މަގާމުތަކުގައި ތިއްބަވާ ބޭފުޅުންނަށް ވެސް މާލީ އިދާރާތަކުގެ ބޯޑުގައި ތިބެވޭނެ އެވެ.