ރާއްޖޭގެ ނާޒުކު ކަނޑުފަޅުގެ މާހައުލު ހިމާޔަތްކޮށް، ދެމެހެއްޓެނިވި ގޮތެއްގައި ރައްކާތެރިކުރުމަށް ކުރެވެމުންދާ މަސައްކަތްތަކަށް އެއްބާރުލުން ދިނުމުގެ ގޮތުން، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން "ނިވަ ކުރުނބާ މޯލްޑިވްސް" އިން ހިންގާ މުރަކަ އިންދުމުގެ ޕްރޮގްރާމްގައި ބައިވެރިވެއްޖެ އެވެ.
ނިވަ ކުރުނބާ މޯލްޑިވްސްގައި ކުރިއަށްދިޔަ މި ހަރަކާތުގައި ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގް ޑިރެކްޓަރު މުހައްމަދު ޝަރީފްގެ އިތުރުން، ބޭންކުގެ އިސްވެރިންނާއި މުވައްޒަފުން ވަނީ ބައިވެރިވެފަ އެވެ. އަދި އެ ރިސޯޓުގައި ޗުއްޓީ ހޭދަކުރަމުންދާ ފަތުރުވެރިން ވެސް މި ހަރަކާތުގައި ބައިވެރިވެ، ރިސޯޓުގެ ފަރުތައް އާލާކުރުމަށް މުރަކަ އިންދުމުގެ އަމަލީ މަސައްކަތުގައި އެހީތެރިކަން ފޯރުކޮށްދީފައިވެ އެވެ.
ނިވަ ކުރުނބާ މޯލްޑިވްސްއިން ދަނީ ކަނޑުތައް ހިމާޔަތްކުރުމާއި ފަރުތައް އާލާކުރުމުގެ މަސައްކަތުގައި އާންމު ރައްޔިތުންނާއި ފަތުރުވެރިންނަށް އަމަލީގޮތުން ބައިވެރިވުމުގެ ފުރުސަތު ފަހިކޮށްދެމުންނެވެ.
ގައުމީ ބޭންކު، ބީއެމްއެލްއިން މީގެ ކުރިންވެސް ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މުރަކަ އިންދުމާއި ފަރުތައް އާލާކުރުމުގެ މުހިންމު ހަރަކާތްތަކަކަށް އެހީތެރިކަން ފޯރުކޮށްދީފަ އެވެ. އޭގެ ތެރޭގައި ގދ. ވާދޫގައި "ވާދޫ އެސޯސިއޭޝަން ފޮ ފިއުޗާ ޑިވެލޮޕްމަންޓް" އިން ހިންގި މަޝްރޫއާއި، ބ. ދަރަވަންދޫގައި ކުރިއަށްގެންދިޔަ "މުރަކަ ފާމް އިނިޝިއޭޓިވް" ފާހަގަކޮށްލެވެ އެވެ.
ނިވަ ކުރުނބާ މޯލްޑިވްސްގައި ކުރިއަށްދިޔަ މި ހަރަކާތަކީ ތިމާވެށީގެ ދެމެހެއްޓެނިވިކަމަށާއި، ކަނޑުގެ މާހައުލު ހިމާޔަތްކުރުމަށާއި، އަންނަން އޮތް ޖީލުތަކަށްޓަކައި ރާއްޖޭގެ ނާޒުކު ފަރުތައް ރައްކާތެރިކުރުމަށް ބޭންކް އޮފް މޯލްޑިވްސްއިން ދޭ ހާއްސަ އިސްކަން ރަމްޒުކޮށްދޭ މުހިންމު ހަރަކާތެކެވެ.

