ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ޗެއާމަންކަމުން ވަކިކުރި އަހުމަދު ޝަހީރު، މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެމްޓީޑީސީ)ގެ ޗެއާމަންގެ މަގާމަށް އައްޔަންކޮށްފި އެވެ.

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން ބުނީ އޭނާ އެ މަގާމަށް އައްޔަނުކޮށްފައިވަނީ އިއްޔެ ކަމަށެވެ. މި ބަދަލު ގެނެސްފައި ވަނީ އެޗްޑީސީގެ ޗެއާމަންގެ މަގާމުން އޭނާ ވަކިކުރިތާ ގިނަ ދުވަސްތަކެއް ނުވަނީހެވެ.

އެމްޓީޑީސީގެ ޗެއާމަންގެ މަގާމަށް ޝަހީރު އައްޔަނުކޮށްފައި މިވަނީ، އެ ކުންފުނީގެ ހިއްސާ ވިއްކުމުގެ ކަންތައްތަކަކާއި ރިސޯޓެއްގެ ހެޑްލީސް ވިއްކާލުމުގެ މައްސަލައެއްގައި ބޯޑު މެންބަރަކު އިސްތިއުފާ ދެއްވާފައިވާ ދަނޑިވަޅެއްގަ އެވެ. އެ ކުންފުނީގެ ބޯޑު މެންބަރު އަސާމީ ރުޝްދީ އިސްތިއުފާ ދެއްވީ މެނޭޖުމަންޓުން ބޯޑުގެ ނިންމުންތަކާ ހިލާފަށް އަމަލުކޮށް، އާންމު ހިއްސާދާރުންގެ މަސްލަހަތު ގެއްލޭ ފަދަ ކަންކަން ކުރަމުންދާ ކަމަށް ތުހުމަތު ކުރެއްވުމަށްފަހު އެވެ.

އަޔާޑާ ރިސޯޓު ހިންގާ ގދ. މަގުއްދުވާގެ ހެޑްލީސް ހޯލްޑަރަކީ އެމްޓީޑީސީ އެވެ. އެ ރަށް ވިއްކާލަން އުޅޭ ކަމަށް ބުނެދެކެވޭ ވާހަކަތައް އެ ކުންފުނިން ދޮގުކޮށްފައިވީ ނަމަވެސް، މި މައްސަލައިގައި ކުންފުނީގެ އެތެރޭގެ މަސްރަހު ވަނީ ހޫނުވެފަ އެވެ.