ޓޫރިޒަމްގެ ހަގީގީ މަންފާ ދިވެހިންނަށް ލިބޭނީ އިންޑަސްޓްރީގެ މަތީ މަގާމުތަކަށް ދިވެހިން ގެނެސްގެން ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް މިރޭ ވިދާޅުވެއްޖެ އެވެ.

"މޯލްޑިވްސް ބޯޑަރ މައިލްސް" ޕްރޮގްރާމް ރަސްމީކޮށް ތައާރަފްކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ ޓޫރިޒަމްގެ ހަގީގީ މަންފާ ދިވެހިންނަށް ލިބޭނީ ސިނާއަތުގެ މަތީ މަގާމުތަކަށް ދިވެހިން ގެނެސްގެން ކަމަށާއި އެ ސިނާއަތާ ގުޅިލާމެހިފައިވާ އިތުރު ދާއިރާތައް ވެސް ފުޅާކޮށްގެން ކަމަށް ވިދާޅުވި އެވެ.

"ފަތުރުވެރިކަމުގެ މަންފާ ރައްޔިތުންނަށް އެންމެ ބޮޑަށް ލިބިގެންދާނީ ގިނަ ދިވެހިން ފަތުރުވެރިކަމުގެ ވެރިންނަށް ވެގެން. ރަށްރަށުގެ ކުދި ހޮޓާތަކާއި ގެސްޓް ހައުސްތައް އަދި ރާއްޖޭގެ އެހެން ޓޫރިސްޓް ޚިދުމަތްދޭ ތަންތަން ފައިދާއެއް ލިބޭގޮތަށް ހިންގައިގަނެގެން،" ރާއްޖޭގެ އެންމެ ބޮޑު ރިސޯޓު، ސަން އައިލެންޑްގެ ޖެނެރަލް މެނޭޖަރުކަން ވެސް ކުރެއްވި ޑރ. މައުސޫމް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ޓޫރިޒަމް ދާއިރާގައި ދިވެހިން އަދާކުރާ ހިތްވާ ބޮޑެތި މުސާރަ ލިބޭ ވަޒީފާތައް ދިވެހިންނަށް ލިބެން ޖެހޭ ކަމަށެވެ. އަދި އެ ޓޫރިޒަމް އިންޑަސްޓްރީގެ މަންފާ ލިބިގެންދާނީ އަންހެނުންގެ ހިއްސާ ވެސް އިތުރުކޮށްގެން ކަމަށް ޑރ. މައުސޫމް ވިދާޅުވި އެވެ.

"މީގެ އިތުރުން [އިންޑަސްޓްރީގެ މަންފާ އިތުރުވާނީ]ދަނޑުވެރިންނާއި މަސްވެރިންނާއި ފަންނުވެރިންނާއި ފަންނާނުންގެ ބައިވެރިވުން އިންޑަސްޓްރީގައި އޮތުމަށް ޖާގަ ލިބިގެން. އަޅުގަނޑުމެން ކަންކަން ބައްޓަންކުރާނީ މި ކަންތައްތައް ހާސިލްކުރުމަށް،" މިނިސްޓަރު ވިދާޅުވި އެވެ.

ޑރ. މައުސޫމް ވިދާޅުވީ މިއަހަރުގެ ޓޫރިޒަމް ދުވަހުގެ ޝިއާރު، "ޓޫރިޒަމް އެންޑް ރޫރަލް ޑިވޮލޮޕްމަންޓް" ނުވަތަ ޓޫރިޒަމާއި ރަށްފުށުގެ ތަރައްގީ، މި ޝިއާރަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދުފުޅުތަކާއި އެޖެންޑާ-19ގެ ސިޔާސަތުތަކާ ވެސް ގުޅިލާމެހިފައިވާ ޝިއާރެއް ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ޖުލައި 15 ގައި ރާއްޖޭގެ ބޯޑަރުތައް އަލުން ހުޅުވާލުމަށް ނިންމެވި ނިންމެވުމަކީ ރައީސުލްޖުމްހޫރިއްޔާ ނިންމެވި ވަރަށް މުހިއްމު އަދި އެހާމެ ހަރުދަނާ ނިންމެވުމެއް ކަމަށެވެ. އަދި އެ ސިނާއަތް ކުރިއަރުވައި ގައުމުގެ އިގްތިސާދު ހިނގައިގަތުމަށް ކުރާ މަސައްކަތްތަކަށް ކުރިއެރުންތަކެއް ލިބެމުންދާ ކަމަށް ޑރ. މައުސޫމް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ އަންނަ އަހަރާ ރާއްޖެއިން ކުރިމަތިލާނީ ކުރިއެރުންތަކަކާއެކު ކަމަށާއި އިތުރު ކާމިޔާބީތަކެއް ލިބޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.